”ބައެއް ކުންފުނިތަކުގެ ދަރަނީގެ ސަބަބުން ދައުލަތްއޮތީ ސަލާމަތް ނުވާ ހިސާބުގައި“

olYRuK6tWpTLb5huMHCty9IutnWeyWBK9wvBa7Zx-2.jpeg

މެންބަރު އިބްރާހިމް ނަސީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރު ހޮއްސާ ވާ ބައެއް ކުންފުނިތަކުގެ ދަރަނީގެ ސަބަބުން ދިވެހި ދައުލަތް އޮތީ ސަލާމަތްނުވާ ހިސާބުގައި ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙީމް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަސީމް ވިދާޅުވީ ދިވެހި ދައުލަތުގެ ދަރަންޏަކީ ހަމައެކަނި މައި ސަރުކާރުގެ ދަރަނި ނޫން ކަމަށާއި ސަރުކާރު ހިއްސާވާ ކުންުފުނިތައް، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ)ގެ ދަރަނި ގުނާނަމަ ފިތްކަނޑައިގެންދާނެ ކަމަށެވެ.

އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށް ބުނެ އިންތިޚާބުތައް އިންސާފުވެރިކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ 2019 ވަނަ އަހަރު ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައެއް މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަން މަސައްކަތް ކުރުމުން އޭރު ބައެއް މެންބަރުން އެކަމާ ދެކޮޅު ހެދި ކަމަށެވެ.

”ދިވެހި ދައުލަތް ސަލާމަތް ނުވާ ހާލަތުގައި މި އޮތީ ސަރުކާރުގެ ބައެއް އެސްއޯއީތަކުގެ ސަބަބުން. ދިވެހި ދައުލަތުގެ ދަރަންޏަކީ ހަމައެކަނި މައި ސަރުކާރުގެ ދަރަންޏެއް ނޫން. އެސްއޯއީތަކުގެ ދަރަނިވެސް ލައިގެން ގުނާނަމަ އަޅުގަނޑުމެން ފިތްކަނޑައިގެންދާ ވަރުވާނެ،“ އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ނަސީމް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ސަރުކާރުން އާދަޔާ ޚިލާފަށް ވަޒީފާތައް އިތުރުކުރި ކަމަށާއި އެއީ ގަބޫލުކުރަންޖެހޭ ކަމެއް ކަމަށެވެ.

”މިދައްކާ ވާހަކައަކީ [މުވައްޒަފުން] މާގިނައިން އިތުރުކުރި ވާހަކަ. ފެނަކައިން ސޯލާޖެހީ، އެކަމަކު ކޮންމެ ސޯލާ ޕެނަލަކަށް މުވައްޒަފަކު ނަގަންޖެހޭތޯ، އެއީ ސުވާލަކީ.“ ނަސީމް ފާހަގަކުރެއްވިއެވެ.

ފެނަކައިން ކުރިން ހަމައެކަނި ކަރަންޓުގެ ހިދުމަތް ދިން ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފެށުމާއެކު މުވައްޒަފުން އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ނިސްބަތަށްވުރެ ގިނައިން މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށެވެ.

“އަސްލު މި ދެކެވޭ ވާހަކައަކީ އެކަށީގެންވާ ވަރަށްވުރެ މުވައްޒަފުން ގިނައިން ނެގިއޭ. އެކަށީގެންވާ ވަރަށްވުރެ ބޮޑު އެއްޗެއް ހަރަދު ކުރިއޭ، ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދެއޭ. އެ ހުރިހާ ވާހަކަތަކަކީ ހަގީގަތެއް،” އޭނާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top