ކޮޓަރީގައި އުޅެނިކޮށް ފިރިމީހާ ދުވެފައި އައިއިރު ތުރުތުރު އަޅައެވެ. ދިއްކޮށްލީ އޭނާގެ ފޯނެވެ. ކިހިނެއްވީހޭ އެހުމުން ފިރިމހާއަކަށް ވާހަކައެއް ނުދެއްކުނެވެ. ދެވަނަ ފަހަރު އެހުމުންވެސް ޖަވާބަކަށްވީ އޭނާގެ ފޯނެވެ. އެހެންވެ ފޯނު އަތުލާފައި ހަލޯއޭ ގޮވާލީމެވެ.
މިއީ އޭދަފުށީ މަގޫމާގޭ ޝެރޯޒާ އަބްދުލްމާޖިދުގެ ދުނިޔެ ބަދަލުކޮށްލި ފޯންކޯލްއެވެ. އެދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް ބޯންމެރޯ ހެދުމުގެ ޗާންސް ސަރުކާރުން ފަހިކޮށްދިނީއެވެ. ޒަކާތު ފަންޑުން އެކަން އެންގުމަށް ފޯނުން ގުޅީ ދަރިފުޅުގެ ބައްޕަ ސައީދުއަށެވެ. އެފޯން ކޯލާއެކު އުފަލުންގޮސް ޝެރޯގެ މުޅި ހަށިގަނޑުފެށީ ތުރުތުރު އަޅާށެވެ. ފިރިމީހާ ސައީދުވެސް ހުރީ ލިބުނު އުފަލުގައި ބުނާނެ އެއްޗެއް ނޭގިފައެވެ. ބަސްހުއްޓިފައެވެ. މަންޒަރު ޝެރޯ ސިފަކޮށްދިނީ މިގޮތަށެވެ.
މިއީ ޝެރޯގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. ފަސް އަހަރުގެ ދަރިފުޅަކީ ތެލެސީމިއާ ކުއްޖެއްކަން އެނގުނު ދުވަހުން ފެށިގެން އެދެމަފިރިންގެ ހަޔާތުގެ ކޮންމެ ދުވަހަކީ ދަރިފުޅާމެދު ކުރެވޭ އުއްމީދާއި ބަލި ހާލާމެދު ކުރެވޭ ފިކުުރުތަކާ މިކަމުގެ ހައްލަކަށް މަސައްކަތް ކުރާނޭ އާގޮތް ތަކެއް ވިސްނުމުގައި ހޭދަކުރި ދުވަސްތަކެކެވެ. އެކަމަށް ނިމުން އައީއެވެ.
ޝެރޯ ބުނީ ﷲއަށް ހަމްދު ކުރުމާއެކު ފުރަތަމަވެސް ގުޅާލެވުނީ މާލޭގައި ހުންނަ އޭނާގެ ޅިޔަނު ނިމާލު އަށެވެ. ބޯންމެރޯ ހެދޭނެ މަގެއް ހޯދުމަށް އޭނާ އަންނަނީ އަދިވެސް މަސައްކަތް ކުރަމުން ކަމަށް ވާތީ ނިމާލު އަށް ގުޅާލެވުނީއެވެ.
އެއީ މީގެ ފަސް އަހަރު ކުރިއެވެ. ޝެރޯޒާއާއި ސައީދުގެ ދެވަނަ ދަރިފުޅު 3 މަހުގެ ޝަޔާލް ބުއް ނުބޮނީއެވެ. ވަރުބަލިވާތީކަން ނޭގެ އެވެ. އެއާއެކު ރޯގާ ނުފިލަނީއެވެ. މުޅިހަށިގަނޑު އޮންނަނީ ހުދުވެފައެވެ. ދެން އަންނަންފެށީ ނުފިލާ ހުންނަ މަޑުމަޑު ހުމެކެވެ. ބ.އަތޮޅު ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރ، އާދައިގެ ރޯގާ ކަމަށް ބައްލަވާފައި ބޭސްދީފައި ފޮނުވާލަނީއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ލުޔެއް ނުލިބެއެވެ.
ޝެރޯޒާއަކީ ކޮލިފައިޑް ނަރސްއެކެވެ. މަސައްކަތް ކުރަނީ ބ.އަތޮޅު ހޮސްޕިޓަލްގައެވެ.
“އަޅުގަނޑަކީ ނަރުހަކަށް ވާތީ ދަރިފުޅަށް ކަމެއް ނުވާނަމަ މި ގޮތަށް ހުން ނުފިލާ ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އެހެންވެ އަނެއް ދުވަހުވެސް ޑޮކްޓަރަށް ދައްކަން ދިޔައީ. އެކަމަކު މައްސަލައެއް ހުރިކަމަކަށް ނުވި. އޭގެ ފަހުން އަތްފައި، ވެސްނޫ ކުލަވެ މާބޮޑަށް ގޯސްވާކަމަށް ފެންނާތީ ޑޮކްޓަރަށް ދެއްކުމުން ދެންވެސް ވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވާތީ ކެތް ނުކުރެވިގެން ދެންނެވިން. ކޮންމެ ދުވަހަކު މިގޮތަށް ދައްކަން އަންނަ އިރު ކީއްވެގެން ތޯއޭ ޓެސްޓެއް ނުހައްދަވަނީ. ސަބަބެއްނެތި މިގޮތަށް ހުމެއް ނާންނާނެ ނޫންހޭ ދެންނެވުމުންވެސް އެގޮތް ގަބޫލެއްނުކުރެއްވި. އެހެންވެ އަޅުގަނޑަށް މަޖްބޫރުވީ ދަރިފުޅުގެ ހާލަތު ދެނެގަތުމަށް ޓެސްތްތަކެއް ހެދެން އޮތް ގޮތަކަށް ހަދަން. “ނަރސްއެއްގެ ވަޒީފާގައި މިހާރުވެސް ހުންނެވި ޝެރޯ ކިޔައިދިނެވެ.
ޝެރޯބުނީ ދަރިފުޅަކީ ތެލެސީމިއާ ކުއްޖެއްކަން އެނގުނީ މާލެއައިސް ޓެސްޓްތައް ހެދުމުންނެވެ.
އެދުވަހުން ފެށިގެން ޝެރޯމެންގެ ދެމަފިރިން އުޅުނީ މިކަމުގެ ދާއިމީ ހައްލަކީ ބޯންމެރޯ ހެދުން ކަމަށް ވާތި އެކަން ވޭތޯއެވެ. ކަމަކީ ޚަރަދުގެ ގޮތުން ބަލާއިރު އާއިލާ އަށް ނުއުފުއްލޭ ވަރުގެ ބޮޑު ބުރައެއްނަމަވެސް އުއްމީދެއް އޮތިއްޔާ އަލިމަގެއް ފެންނާނެކަމުގެ ޔަގީންކަމުގައި ކުރިއަށް ދިޔައީއެވެ. އެބުރަ ދަތުރު ކުރިއަށް ދިޔަގޮތް ޝެރޯ ކިޔައިދިނީ އަސަރާ އެކުގައެވެ.
“ފުރަތަމަ މަސައްކަތް ކުރީ ޑޯނާއެއް ހޯދުމަށް. ޑރ. ފަރުޒާނާގެ ލަފާ ހޯދުމުން އޭނާ ވިދާޅުވަނީ މަންމައާ މެޗްވުމަކީ ވަރަށް ނާދިރުކަމެއް ކަމަށާއި އެންމެ ކައިރިކުރާނީ ބައްޕަ ނުވަތަ ޕޭޝަންޓްގެ އެއްބަނޑު މީހެއްކަމަށް ވާތީ ސާމްޕަލް ނެގީ އެގޮތް ބަލައިގެން.” ދެކުދިންގެ މަންމަ ބުންޏެވެ.
ސާމްޕަލް ނެގި ނަމަވެސް ދެންވެސް އޮތީ ވަރަށް އުނދަގޫ މަރުހަލާއެކެވެ. ދެން އެސާމްޕަލްތައް ފޮނުވަން ޖެހެނީ އިންޑިއާގެ ވެއްލޫރުގައި ހުންނަ ސީއެމްސީ ހޮސްޕިޓަލަށެވެ. އެއީ އެންމެ ކައިރިން އެޓެސްތައް ކުރެވޭ ހަމައެކަނި ހޮސްޕިޓަލެވެ.
އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އެއީ ސާމްޕަލެއް ވީމާ ފްލައިޓަށް އޭތި އެލަވް ނުކުރުމުގެ މައްސަލައެވެ. އެއީ ކޫލް ބޮކްސްއެއްގަ ވަކި ޓެމްޕަރޭޗަރެއްގަ ބަހައްޓަން ޖެހޭ އެއްޗަކަށް ވާތީ އެކަހަލަ ބޮޑު ރިސްކެއް ނަގަން އެއަރލައިންވެސް ބޭނުން ނުވާތީއެވެ.
“އަސްލު، ޕޭޝަންޓާ ޑޯނަރއާ އެ ހޮސްޕިޓަލަށް ދާނަމަ ވަރަށް ފަސޭހަ ކަމެއް އެއީ. އެހެންނަމަވެސް އެއީ ވަރަށް ބޮޑު ޚަރަދު ހިނގާ ކަމެއް. އެންސްޕާއިންވެސް ދެނީ ޑޯނާ އަށާ ޕޭޝަންޓަށް ހަމައެކަނި ޓިކެޓް. އެކަމަކު އެހާ ކުޑަކުއްޖެއް ވީމާ މަންމަ ނުލާ ނުދެވޭނެތާ! އަނެއްކޮޅުން އަޅުގަނޑުމެންގެ މާލީ ތަނަވަސްކަން ނެތީމާ ދެން އޮތް ހަމައެކަނި ގޮތަކީ މާލެއިން ސާމްޕަލް ނަގައިގެން ވެއްލޫރަށް ފޮނުވުން ކަމަށްވާތީ އެގޮތަށް ހެދީ. ”
ވަރަށް އުނދަގުލުން ކޮއްކޮ މުހައްމަދު ނަބީލުގެ ވަރަށް ބުރަ މަސައްކަތުން އެހިސާބަށް ގެންދެވުމުން އެއްބަނޑު ބޭބެއާ މެޗްވުމުން ވަރަށް އުފާވިކަމަށް ޝެރޯޒާ ބުންޏެވެ. ޑޯނާއެއް ލިބުމަކީވެސް އެހާ ފަސޭހަ ކަމަކަށް ނުވާއިރު ޝެރޯމެންގެ އާއިލާ އަށް މިނަސީބު މިންވަރު ކުރެއްވުމުން ދެން މަސައްކަތް ފެށި ބޯންމެރޯ ހެދުމަށް ފައިސާ ހޯދާށެވެ.
“ފުރަތަމަ ބެލީ ގާތް މީހުންނާ ރައްޓެހިންގެ ފަރާތުން މި ކަމަށް އެހީއެއް ލިބޭތޯ. އެންސްޕާ ގައިވެސް މީގެ ދެއަހަރު ކުރިން ވެސް ދެންނެވިންް. އެއަހަރު ބުނީ ސަރުކާރުން ހަމަޖައްސާފައި އޮތީ 25 ކުދިން ފޮނުވާގޮތަށޭ ، އެގޮތުން މިއަހަރު ފޮނުވަން ނިންމާފައިތިބި ކުދިންގެ ލިސްޓް އޮތީ ނިމިފައޭ. ”
އެހެންވިޔަސް ނާއުއްމީދަކި ކަމެއްގެ ހައްލު ނޫންކަން އެނގޭތީ އަނެއްކާ މިއަހަރުވެސް ސަރުކާރުން ބޯންމެރޯ ހަދަން ކުދިންތަކެއް ފޮނުވަން ހަމަޖެހިފައިވާކަން އެނގުމުން އެކަމަށް އެދުނީއެވެ.
އެންމެ ފަހުން އެމީހުންނަށް އެއުފާވެރި ޚަބަރު ލިބުނީ އޮކްޓޯބަރ 5 ގައެވެ.
“އޮކްޓޯބަރ 5ގަ ގުޅީ. ގުޅާފަ ބުނީ ބޯންމެރޯއަށް ހޮވުނު ކުދިންގެ ލިސްޓްގަ އެބައޮތޭ އަޅުގަނޑުގެ ދަރިފުޅުގެ ނަން. އެހެންވީމާ އޮކްޓޯބަރ 15ގެ ކުރިން ޓެސްޓްތައް ހަދާ ނިންމާލާށޭ. އެއަށްފަހު ޖަނަވަރީ މަސްތެރޭގަ އެންގީ ފައިނަލްވެގެން ނިމިއްޖޭ ރަސްމިއްޔާތަށް ދަރިފުޅު ހާޒިރު ކޮށްދޭށޭ.”
ތިންމަސްދުވަހުގެ ތިބުމާ ޑޯނާސް އާއި ޕޭޝަންޓާ ޑޯނާގެ އެހީތެރިއަކަށާ ޕޭޝަންޓްގެ އެހީތެރިއަކާއެކު ޖުމްލަ 4 މީހުންނަށް ޓިކެޓާ އެކޮމަޑޭޝަން ހިމެނޭ ގޮތަށް ކުއްޖަކަށް 9 ލައްކަ ރުފިޔާ ޚަރަދުކުރަން ސަރުކާރުން ނިންމެވީއެވެ.
ޝެރޯޒާ އާއި ސައީދުގެ ދެމަފިރިން ތިބީ މިކަމަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭގިފައެވެ. ޝުކުރުގެ ބަސްތައް ސަރުކާރަށް އޮއްސާލީ މިމީހުންފަދަ އެތައް މައެއްގެ އެތައް ބަފައެއްގެ ވޭނީ ދުވަސްތަކަށް ސަރުކާރުން އުފާވެރިކަން ގެނެސްދީފިކަން ހަނދާންކުރަމުން އެއެންމެންވެސް ޝާމިލް ކުރަމުންނެވެ.
ޝެރޯ ބުނީ އޭނާގެ ދަރިފުޅަށް ލޭދިން އެންމެންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމުގައެވެ. އެހެނީ ދަރިއަކު މަހަކު އެއް ފަހަރު ލޭ އެޅުމާއި އެދަރިފުޅުގެ ލެއަށް އެދި ކުރެވޭ ފިކުރުތަކާ މިއީ މިކަން ތަޖްރިބާ ނުކުރާ ބަޔަކަށް އިހްސާސް ކުރެވޭނެ ކަމެއް ނޫނެވެ. ހަމައެއާއެކު މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް މިފަދަ އަގުބޮޑު ޚިދުމަތެއް ކޮށްދީދީފައިނުވާތީ ހަގީގަތުގައި ރައްޔިތުންގެ ޚިދުމަތުގައި ރައްޔިތުންނަށް ޓަކާ އޮއް ސަރުކާރަކީމި ސަރުކާރުކަން ފާހަގަ ކޮށް ސަރުކާރަށް މުޅި އުމުރުގައި ޝުކުރު އަދާކުރި ނަމަވެސް ނުފުދޭނެކަމަށް ދެމަފިރިންވެސް ބުނެއެވެ.