ޝައިޚް މަޖީދުގެ ދަރެސް: އަނބީންނަށް އަނިޔާކުރުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއްނޫނެވެ

maxresdefault-1.jpg

އަނބިމީހާއަކީ، އޭނާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުން ދޫކޮށް ފިރިމީހާއައެކު އާ ދިރިއުޅުމެއް ފަށާފައިވާ މީހެކެވެ. އެހެންކަމުން އޭނާގެ ޚަރަދުބަރަދު ދިނުމާއި، އަސާސީ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތަކީ، ފިރިމީހާއެވެ. އަދި މީގެ އިތުރަށް އަނބިމީހާ ފިރިމިހާއަށް އިޙްތިރާމު ކުރާފަދައިން، ފިރިމީހާވެސް އަނބިމިހާއަށް އިޙްތިރާމުކޮށް ހެޔޮކޮށް ހިތުމަކީ، ފިރިމީހާގެ މައްޗަށް ވާޖިބެކެވެ. އަނބިމީހާގެފަރާތުން ކުށެއް ފެނުމުން، އޭނާއާ އަރާރުންވެ ތަޅާފޮޅައި، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ގެއްލުންދީ، އަދި  އޭނާގެ މުދަލަށް ގެއްލުންދީ ހެދުމަކީ، އެއްވެސްޙާލެއްގައި ކުރުން ހުއްދަ ކަމެއްނޫނެވެ. ރަނގަޅުގޮތަކީ، ދެމަފިރިން ވާހަކަދައްކައިގެން އެކަމެއް ޙައްލުކުރުމެވެ. ނުވަތަ ދެފަރާތުގެ ޢާއިލާގެ މީހުން މެދުވެރިކޮށް ވާހަކަ ދައްކައިގެން ޙައްލުކުރުމެވެ. އެއީ ކޮން ސަބަބަކާހުރެ ދިމާވި ކަމެއްތޯބަލައި މާފުކުރެވޭވަރުގެ ކަމެއްނަމަ، އެކަމަށް މާފުކުރުމެވެ.

މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޢަބްދުﷲ ބްނުޒަމްޢާގެ ކިބައިން ރިވާވެގެންވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ހަމަ ކަށަވަރުން، މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ޚުޠުބާއެއް ދެއްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެ ޚުޠުބާގައި އަންހެނުންގެ ވާހަކަ ބަޔާންކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އެކަނބަލުންނާމެދުގައި، (ފިރިހެނުންނަށް) ނަސޭހަތް ދެއްވައި އިރުޝާދު ދެއްވަމުން ޙަދީޘްކުރެއްވިއެވެ. (އަނބިމީހާދެކެ ހިތްހަމަނުޖެހޭހިނދު) ތިޔައިން މީހަކު، އެމީހެއްގެ އަޅެއްގެ ގައިގައި ތަޅާފަދައިން އަނބިމީހާގެ ގައިގައި ތަޅައި އަނިޔާކުރެއެވެ. އެއަށްފަހު ދުވާލުގެ ފަހުގެ ވަޤުތެއްގައި، އެކަނބުލޭގެއާ އެއްދާންކުރެއެވެ.  (އެބަހީ: ދެމަފިރިންގެ ގުޅުން އޮތްގޮތަކީ، މިއީކަމުގައިވާއިރު، ފިރިމިހާ އަނބިމިހާގެ ގައިގައި، ރަޙުމެއްނެތި ތަޅައި އަނިޔާކުރުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއްނޫނެވެ. އެއާޚިލާފަށް ފިރިމިހާއަށް ޙައްޤުވެގެންވަނީ، އަނބިމީހާއަށް މާފުކޮށް އޭނާގެ މައްޗަށް ހިތްހެޔޮކުރުމެވެ.)

އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، އިސްލާމްދީން އައުމުގެކުރިން އަޅުންނަކީ އެއްވެސް އަގެއްނެތް ބައެއްފަދައިން އަނބިންގެ ކިބައިން ނޭދެވޭކަމެއްފުނުމުން ރަހުމުކުޑަ ގޮތަކަށް އަނބިންނާމެދު ކަންތައްކުރާކަމެވެ. އިސްލާމްދީން އައުމަށްފަހު އަޅުންނަށްވެސް އިޙްތިރާމްކުރަންޖެހޭނެކަމާއި، އަނބިންނާމެދު އޯގާތެރިކޮށް ކަންތައްކުރަންޖެހޭނެކަމެވެ.

އަނބީންނަށް ހެޔޮކޮށް ކަންތައް ކުރާ މީހުންގެ ދަރަޖަ ވަނީ، ކީރިތިރަސޫލާޞައްލަﷲޢަލައިހިވަސައްލަމަ ބަޔާންކުރައްވާފައެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން، ރިވާވެގެންވާ ބަސްފުޅެއްގެމާނައިގައިވަނީ، ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މުއުމިނުންކުރެ އެބައެއްގެ އީމާންތެރިކަން އެންމެ ފުރިހަމަ ބަޔަކީ، އެބައެއްގެ އަޚްލާޤު އެންމެ ރަނގަޅު ބައެކެވެ. އަދި ތިޔަބައިމީހުންކުރެ އެންމެ ރަނގަޅުބަޔަކީ، އެބައެއްގެ އަނބީންނަށް އެންމެ ރަނގަޅު ބައެކެވެ.”     

ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން އެދޭނަމަ ކީރިތިޤުރްއާނާއި ކީރިތިރަސޫލާގެ ސުންނަތުގައި ހިފުމަށް ކީރިތިރަސޫލާ ޞައްލައްﷲޢަލައިހިވަސައްލަމަ ވަނީ، މިއުންމަތަށް ވަޞިއްޔަތްކުރައްވާފައެވެ. އަޅަމެންނީ ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާށީ! އާމީން. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top