ހައިރާން ވާނެކަމެއް ނެތެވެ. މިތިބީ އޭދަފުށީގެ ފިސާރި ތިން ފިރިހެނުންނެވެ. ވަރުގަދަ ތިން ބަތޮލުންނެވެ. އުމުރުން 60 އަހަރުވެގެން ދާއިރުވެސް ވަރުބަލިކަމެއް ނެތި އެމަސައްކަތުގައި އަދިވެސް ދެމި ތިއްބެވި ތިން މާ ކެޔޮޅުންނެވެ. މަސްވެރިކަމާ ގުޅިފައިވާ އޭދަފުށީގެ އިގްތިސާދު ކުރިއެރުވުމަށް މުޅި އުމުރު ހޭދަކުރަމުން ދާ ތިން ފަހުލަވާނުންނެވެ.
އޭދަފުށްޓަކީ ޒަމާނުއްސުރެވެސް މަސްވެރިކަމުގެ ރަށެކެވެ. ބ. އަތޮޅުގައި މަސްދޯނި ފަހަރު އެންމެ ގިނައިން ގެންގުޅުނީވެސް އޭދަފުށީގައެވެ. މިޒަމާނަށް ހޭލެވުނު އިރު ވެސް އޭދަފުށީގައި މަސްވެރިކަން ކުރާ ތިރީހަކަށް ދޯނި ގެންގުޅެފައިވެއެވެ. އެހެންވީމާ އާބާދީއާ އެއްވަރަށް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުންވެސް އައީ ދޯނިފަހަރާ އެއްވަރަށް އިތުރު ވަމުންނެވެ.
ވަޒީފާ އާއި އާމްދަނީ ލިބޭ އެހެން ވަސީލަތްތައް މަދުކަމުން ރަށުގެ ހުރިހާ ޒުވާނުން ވެސް މަދަރުސާ ނިންމާފައި ދެން އެނބުރޭނީ މަސްވެރިކަމާ ދިމާއަށެވެ. އެކަމަކު މިސިނާއަތުގައިވެސް ގިންތިތަކެއް ދަރަޖަކުރެވިފައިވެއެވެ. އެންމެ މަތީ ފެންވަރަކީ ކެޔޮޅުންނެވެ. ކެޔޮޅުންނަކީ ރަށުގެ ފެންވަރުން ބަލާއިރުވެސް ގަދަރު ލިބޭ ބައެކެވެ. ޚާއްސަކޮށް ޒުވާން ކެޔޮޅުންނަކީ ވަރަށް ޚާއްސަ ބައެކެވެ. ރަށުގައި ނަގާ ކިޔާ، ބަސްކިޔާ ބަސްވިކޭ ބައެކެވެ. އަންހެންކުދިން އެންމެ ހިތްކިޔާ މީހުންނަށްވެފައި ދަރިން ދެވުމަށް މައިން ބަފައިން އެންމެ ގަބޫލު ބަޔަކީވެސް އެއީއެވެ. މިއަދުގެ ޒުވާނުންނަށް މިއީ ނޭގި އޮވެދާނެ ކަމަކަށް ވާތީ ބުނެލީއެވެ.
މަސްވެރިކަމުގެ އިހަށްދުވަހުގެ އެންމެ ޒުވާން ކެޔޮޅުންގެ ގޮތުގައި މަޝްހޫރުވި އޭދަފުށީގެ ތިން ކެޔޮޅުން މިހާރުވެސް ތިބީ އެމަސައްކަތުގައެވެ. އެހެންނަމަވެސް ތިން ކެޔޮޅުންގެ ތަޖްރިބާގެ އަލީގައި މިއަދު ދިވެހި މަސްވެރިކަމަށް އައިސްފަ އޮތް ބޮޑު ބަދަލާބެހެ ގޮތުން އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެއީ ރާއްޖޭގެ އިގްތިސާދު ނަގަހައްޓައިދީ މިހާރު މިދެކޭ ދިވެހިރާއްޖެ މި ފެންވަރަށް ތަރައްގީވެފައިވަނީ ދިވެހި މަސްވެރިންގެ މަސްވެރިކަމުގެ ސަބަބުން ކަމުގައެވެ.
މި ތިން ކެޔޮޅުން ރާއްޖޭގެ މަސްވެރިކަމުގެ އިހަށް ދުވަހާއި އިއްޔެ އަދި މިއަދު ދެކެފައިވާއިރު މި ސިނާއަތް ބަދަލު ވަމުން ދިޔަ ގޮތާ މަސްވެރިކަމުގައި ހޭދަކުރި ދުވަސްތަކުން ލިބުނު ކުރިއެރުމާއި އެކަމުގެ ނަތީޖާ އީވީއަށް ކިޔާ ދެއްވިއެވެ.
އަބްދުއްސައްތާރު މުހައްމަދު. ލީބިޔާ / ބ. އޭދަފުށި، 60އަހަރު
އީވީގެ ޓީމް ސައްތާރުމެންގެ ގެއަށް ދިޔައިރު އޭނާ އިނީ ދުވަހުގެ މަސްވެރިކަން ނިންމާލާފައި އައިސް މަސްކަނޑާށެވެ. މަސްވެރިކަން ރަނަގަޅު ދުވަހެއްކަން އެނގުނީ ކުރިމަތީގައި ހުރި ބަރޯއަށް ބަލާލުމުންނެވެ. އެބަރޯ ފުރިފައި ހުރީ އޭނާގެ މިއަދުގެ ކަނޑުރޯދިންނެވެ. މޮޅު ދަނޑުވެރިއަކު ނިކަން ފަރިތަކަމާއެކު ގޮވާން ކަނޑާހެން އޭނާގެ އަތުގައި އޮތް ތޫނު މަސްވަޅިންވެސް ދިޔައީ އެ ފަރިތަކަން ހަނދާން ކޮށްދެމުންނެވެ. އާދައިގެ މަތިން މިއަދުވެސް އަނެއްފަރާތުގައި އަންހެނުން ރަމީޒާ އިނީ މަސްކަނޑާފައި ބާކީ ވާ ކަށިފަތި ތައް ނޮޅައިގެން އެއިން ރިހާކުރު ބޮނޑި ހަދާށެވެ.
އޭދަފުށީ އުޖާލާ ދޯންޏަށް އާދައިގެ ފަޅުވެރިއެއްގެ ގޮތަށް އެރި އުމުރުން އެންމެ 18 އަހަރުގެ ސައްތާރު ކެޔޮޅެއްގެ ގޮތުގައި ކުރު ދޮށީގައި ހިފީ 23 އަހަރުގައެވެ. އޭރުން ފެށިގެން ފަސް އެނބުރި ބެލުމެއް ނެތި ކެޔޮޅެއްގެ ގޮތުގައި ހޭދަކުރީ 35 އަހަރުގެ ތެރޭގައި އޭނާ ވަނީ އޭދަފުށީގެ ހަތަރު ދޯންޏެއްގައި އެދޯނީގެ ވެރިފަރާތް ތައް ހިތްހަމަ ޖައްސައިދީފައެވެ. އޭދަފުށީ އިސްމާއީލް ކަލޭފާނުގެ ދެ ދޯނީގައާއި ދިގަލި ޔޫސުފްގެ ދޯންޏެއްގެ އިތުރުން މޫސާ އަހްމަދުގެ ޒިންދަގީ ދޯނީގައި ކެޔޮޅެއްގެ ގޮތުން ހޭދަކުރި ދުވަސްތަކަކީ އޭނާއަށާއި ދޯނި ފަހަރުގެ ވެރިންނާއި އޭނާ އާއެކު މަހަށް ދިޔަ އެންމެންނަށްވެސް ތިޔާގި ކަން ހޯދައިދީފަ ކަމަށް ސައްތާރު ފަޚްރުވެރިކަމާއެކު ބުނެއެވެ.
މަސްވެރިކަމުގެ ހަޔާތުގައި ކަނޑުމަތީގައި އެއްވެސް ހާދިސާ އެއް ދިމާވެފައި ނެތް ނަމަވެސް އޭނާ ވަނީ ވިއްސާރައާއި ގަދަވައިގެ ތެރޭގައި ވަރަށް ގިނަ ދުވަހު ކަނޑުމަތީގައި އެ ތަޖްރިބާތައްވެސް ކޮށްފައެވެ.
“މަހަށް ފުރަތަމަ ދިޔައިރު އިންޖީނު ދޯނި ފަހަރު އަދި އުފަން ނުވޭ. އެހެންވީމާ އެދުވަސްވަރު ކަނޑުމަތީގައި އުޅޭ އިރު މޫސުން ވަރަށް ގޯސްވެގެން ބިރު ގަންނަ ހިސާބަށްވެސް ދޭ. އެހެންނަމަވެސް ދޯނި ފެތި ކަނޑުވުން ފަދަ ހާދިސާއަކާ ދިމާވެފައެއް ނެތް.” ސައްތާރު ބުންޏެވެ.
އެކަމަކު މަޝްހޫރު ކަޑިބެ ގެއްލުނު ހާދިސާ އަހަރެމެންގެ ސަމާލުކަމަށް އޭނާ ގެނައެވެ.
“އެއީ ވަރަށް ވިއްސާރަ އަދި މޫސުންވެސް ގޯސް ދުވަހެއް. ދުނިޔެ ތަންދޮރުވެސް ނޭގެ. މަހުން ލަފައިގެން އަނެއްކާ ފުރީ ކަޑިބެ ހޯދަން.” ވަރަށް ބޮޑަށް ހޯދަން މަސައްކަތް ކުރިކަމަށާ އެކަމަކު ނުފެނިގެން އެންމެ ފަހުން މަސައްކަތް ހުއްޓާލީކަމަށް ސައްތާރު ބުންޏެވެ.
ސައްތާރު ބުނީ މަސްވެރިކަމުގައި މި ހޭދަކުރެވުނު ދުވަސްތަކުން އޭނާ ބޭނުން ހުރިހާ ކަމެއް ކޮށް ނިމިއްޖެކަމުގައެވެ. “ހަތަރުދަރިންނަށް ކިޔަވައި ދެވިއްޖެ. ދެމަފިރިން ހައްޖުގެ އަޅުކަން އަދާ ކޮށްފިން. ގެ އަޅައިގެން ގޭގައި މިދިރި އުޅެނީ. އިރާދަކުރެއްވީތީ ދިރިއުޅުން ވަރަށް އުފާވެރި. ވަރަށް ތަނަވަސް.” މަސްކަނޑަން އިނދެގެން ކިޔައިދެމުން ދިޔައެވެ.
“ދިގަލި ދޯނި މާވަހަރު ހޮވީ ސައްތާރު އެދޯނިން މަހަށް ދިޔައިރު ނޫންހެއްޔެވެ؟” އަހަރެމެން އޭނާގެ ހަނދާނަށް އެކަން ގެންނަމުން ބުނީމެވެ.
“އާނ! އެއީ އޭރު. އެކަމަކު އެއީ މުޅި އެއަހަރުވެސް އަހަރެން މަހަށް ނުދާ ހަމައެކަނި ދުވަސް. އެދުވަހު ރަށުގައި ހުރީ ރަމީޒާ (އަންހެނުން )ގެ ކައިވެނީގެ ކަންތަކުގައި.” ދޯ ރަމީޒާ އޭ ބުނަމުން އޭނާ ހިނިގަނޑެއް ޖަހާލިއެވެ.
އެހެންވީމާ ދެރައެއް ނުވޭހޭ އަހާލުމުން ބުނީ އެއްގޮތަކަށް ވެސް ދެރަނުވާކަމަށާ އެ މާވަހަރަކީ އެތައް ބަޔަކަށް ބެހެންޖެހޭ އެއްޗެއްކަމަށާ އެދުވަހު އޭނާއަށް ލިބުނު މާވަހަރަކީ އެހެންމީހަކާ ހިއްސާ ކުރަން ނުޖެހޭ މާވަހަރެއް ކަމަށް ބުންޏެވެ. އެއީ ރަމީޒާ އެވެ.
އެއީ ތެދެކެވެ. ހަގީގަތުގައިވެސް ރަމީޒާއަކީ އަގުހުރި ހުދަންބަރެކެވެ. ދިރިއުޅުން މިހާ ކާމިޔާބުވީ ރަމީޒާގެ ބައިވެރިވުމާއި ބުރަ މަސައްކަތާ އެކުގައިކަން ސައްތާރެކޭ އެއްފަދައިން އޭނާ ދަންނަ އެންމެންވެސް ގަބޫލުކުރާނެއެވެ.
އަބްދުއްސައްތާރު މޫސާ. މާއޮޅު / ބ. އޭދަފުށި 58 އަހަރު
މަދަރުސާއިން ނިމުނުއިރުވެސް ހިތުގައި އޮތީ ދޮރުކަނޑުން ގޮދާ ބޭނުމެވެ. ބުންވަރާއި ހިތްވަރު އަދި ޝައުގުވެރިކަން ހުރުމުން އާދައިގެ ފަޅުވެރިއެއްގެ ގޮތުގައި ހަފޮޅުން އެތެރެވި އިރު އެއީ އެދޯނީގައި އޭރު ހުރި އެންމެ ޒުވާން މަސްވެރިޔާ އެވެ.
ރިޔަލު ދޯނީގައި ފަޅުވެރިއެއްގެ ގޮތުގައި ފަސް އަހަރެއްހާއި ދުވަސް ވަންދެން މަހަށް ފުރުމަށް ފަހު ކެޔޮޅެއްގެ ގޮތުން ފުރަތަމަ މަހަށް ދިޔައީ “ފެމޯރާ” ދޯނީގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އޭނާ އަކީ މަޝްހޫރު ކެޔޮޅެކެވެ. ގައިބާރުހުރި އިރުބާރު ކެޔޮޅެކެވެ.
ކުރިއާ މިހާރުގެ މަސްވެރިކަން އަޅާކިޔަމުން ސައްތާރު ބުނީ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން އައީ ހަމައެކަނި ދޯނި ފަހަރާއި ގެންގުޅޭ އާލާތްތަކަށް ކަމުގައެވެ. އެހެންނަމަވެސް ދިވެހި މަސްކަނޑުތައް ކުރިއާ އަޅާބަލާއިރު މިހާރު ވަރަށް ބޮޑަށް ފަގީރުކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
“ކުރިން ރަށް ކައިރިން ދޯނި ފުރާ ގޮދާ ބާނައިގެން އައުމަކީ ވަރަށް ފަސޭހަ ކަމެއް. މަސްވެރިކަން ރަނގަޅު ވާނެ މޫސުމާ ރަނގަޅު ތަންތަންވެސް ޔަގީން ކޮށް ބުނަން އެނގޭނެ. ނަމަވެސް މިއަދު މަސްވެރިކަން ކުރަންޖެހެނީ ވަރަށް ގިނަ ފަހަރު ވަރަށް ދުރަށް ދަތުރު ކޮށްގެން. އެވެސް ޔަގީން ކަމެއް އޮވެގެން ނޫން.”
“މައްސަލައކީ ކޮބާ ހެއްޔެވެ؟”
“ހީވަނީ މާގިނައިން ބޮޑު ކަންނެލި ބޭނުމާ ބޭރު މީހުން ދާ ޖަހައިގެން ރާއްޖޭގެ ކަނޑަށް ވަންނަ މަސްތައް ކަހާލާތީ ވާކަމެއް ހެން.” ސައްތާރުގެ ޚިޔާލަކީ މިއެވެ.
ހަމައެގޮތަށް އޭރު އެންދެމުމަކީވެސް ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެކަމަކު މިހާރު ފަޅު ތަކާ ގިރިތަކާއި ފަރުތަކުގެ ގުދުރަތީ ސިފަ ނެތިގެން ގޮސްފައިވާތީ އެންދެމުމުގައިވެސް މަސްވެރިންނަށް ގޮން ޖެހުންތަކެއް އެބަހުރި ކަމަށް ސައްތާރު ބުންޏެވެ.
ސައްތާރު ބުނަނީ ހަލާލު ގޮތުގައި ރިޒްގު ހޯދަން ކުރަން މިއަށް ވުރެ ރަނގަޅު އެއްވެސް މަސައްކަތެއް ނޯންނާނެކަމުގައެވެ .މަސްވެރިކަމުގެ ހަޔާތުގައި ހޭދަކުރި ސާޅީހަށް ވުރެ ގިނަ އަހަރުގެ ކާމިޔާބު ތައް ކިޔައިދެމުން ބުންޏެވެ.
“މި ގެއާއި ދެމަފިރިންގެ ޙައްޖުވުމާއި ދެ ފަހަރު ބޭސް ފަރުވާ އަށް ބޭރަށް ދިއުމާއި ދަރިންނަށް ކިޔަވައި ދީފައިވަނީ މުޅިންވެސް މަސްވެރިކަމުން ލިބުނު ފައިސާއިން ” ރީތިކޮށް ހަދާފައިވާ ގޭގެ ކުރިމަތީގައި އިނދެގެން ބުންޏެވެ.
ސައްތާރު ހުރީ މިމަސައްކަތުން އަދިވެސް ރިޓަޔަރ ވާގޮތަކަށް ނޫނެވެ. މިހާރުވެސް އޭނައަށް ޚާއްސަކޮށްގެން ދޯންޏެއް އެބަ ބަނދެއެވެ. އެ ދޯނީގެ ކައްޕިއަކީ ނުވަތަ ކެޔޮޅަކީ އޭނާ އެވެ. އޭނާ އާ އެކު މަސައްކަތް ކުރާ ޓީމް މިހާރު ތިބީ އެދޯނީ ނިމޭނެ ދުވަހަކަށް ބަލަ ބަލައެވެ. އެކަމަކުވެސް އެހެނޭ ކިޔާފައި ދެއަތް އުރާލައިގެން ރަށުގައި ހުންނަނީއެއް ނޫނެވެ. ހުކުރު ދުވަސް ފިޔަވައި އިރުއަރާނީ އޭނާ މަސް ކަނޑުގައި ހުއްޓައެވެ.
އަބްދުއްސައްތާރު ޔޫސުފް އޯޝަނިކްވިލާ / ބ. އޭދަފުށީ، 64 އަހަރު
ވާރުތަވަމުން އައި ކެޔޮޅުންގެ އާއިލާއަކަށް އުފަން މި ސައްތާރުގެ އުމުރުން 15 އަހަރުގައި މަސްވެރިކަމަށް ބިސްމި ކިޔާފައި ފުރަތަމަ އެރީ މަރްހޫމް ހާޖީ މުހައްމަދުގެ ހަލުވިމަސް ދޯންޏަށެވެ. އޭރު ދޯނީގެ ކެޔޮޅަކަށް ހުންނަނީ ބައްޕަ ކަމަށް ވާތީވެ ފުރަތަމަވެސް ދިއްކޮށްލީ ކުރުދޮށްޓެވެ. ކެޔޮޅެއްގެ ތަމްރީނުތައް ފެށުމުގެ ގޮތުންނެވެ. އެއީ އޭނާ އަށް އާ އެއްޗަކަށް ނުވިއެވެ. ހޭލައިގަތް އިރުވެސް ގޭތެރޭގައާއި ގޯތިތެރެ ފުރިފައި އޮންނަނީ މަސްވެރިކަމާބެހޭ މިކަހަލަ އާލާތްތަކުން ކަމަށް ވާތީއެވެ.
ބައްޕަގެ ގާތުން ދަރިވަރުވުމަށްފަހު ކެޔޮޅެއްގެ ގޮތުގައި ދޯންޏެއްގައި މަހަށް ދާން ފެށީ ބައްޕައާއެކު ފަސް އަހަރެއްހާ ދުވަހު އުޅުމަށްފަހުއެވެ .އޭރުން ފެށިގެން މިއަދާ ހަމައަށް އައިއިރު އޭނާ ވަނީ މަސްވެރިކަމުގެ ވަރަށް ގިނަ ތަޖްރިބާ ތަކެއް ހޯދާފައެވެ. އެތަޖްރިބާ ތަކުން އެނގުނު އެންމެ ބޮޑު އެއްޗަކީ މަސްވެރިކަމަކީ ކޮންމެ ދިވެއްސަކަށްވެސް ހުޅުވާލެވިފައިވާ މުސާރަ ބޮޑު ވަޒީފާ އެއްކަމެވެ. އެހެންވެ އޭނާ ގަބޫލު ކުރަނީ ކުރާނެ މަސައްކަތެއް ނެތި ދެއަތް އުރާލައިގެން ތިބޭ މީހުން ވަޒީފާ އެއް ނުލިބުނޭ މަސައްކަތެއް ނުލިބުނޭ ކިޔާފައި މަސައްކަތެއް ނުކޮށް އެތިބެނީ ކަންނެތް ކަމުން ކަމުގައެވެ.
“ދިވެހިމަސްކަނޑުތައް އެއޮތީ ހުޅުވާލެވިފައި. ވަކި މީހަކަށް ނޫން. މަހަށް ދާ ދޯނި ފަހަރު އެހެރީ. ގޮސްގެން ހަމަ ކެރޭ ވަރަކަށް ލާރި ނަގަންވީ.!”ސައްތާރުގެ ނަސޭހަތަކީ މިއެވެ.
އެކަމަކު އޭނާ ހިތާމައާއެކު ބުނަނީ ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައި ގައުމުގެ އިގްތިސާދީ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކުރުވުމަކީ ކޮންމެވެސް ފަރާތަކުން އިސް ނަގައިގެން ކުރަން ވެއްޖެކަމެއް ކަމުގައެވެ.
“އެހެންނޫނީ މި ސިނާއަތު ގައި އަހަރެމެންނަކީ ބީރައްޓެހި ބަޔަކަށްވެ، ގައުމީ މަސައްކަތެއްގެ ގޮތުގައި ބެލެވެމުންއައި މަސްވެރިކަން އުވި ހިނގައިދާނކަމުގެ ބިރު އެބައޮތް.”
އޭނާ ބުނަނީ މަސްވެރިކަމަށް ނުކުންނަ ޒުވާނުން މަދުވުމަކީ ގައުމީ ނަޒަރަކުން ބަލާއިރު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ސްކޫލްތަކުން ނުކުންނަ ކުދިން ވަޒީފާގެ ވާހަކަ ދައްކާއިރު މަސްވެރިކަމުގެ ދާއިރާ ހިޔާރު ކުރަން ބާރު އެޅުމަކީ ކުރަން ވެއްޖެ ކަމެއް ކަމުގައެވެ.
“ޒުވާނުން ގަބޫލުކުރަންޖެހޭނެ މިއަދުގެ މަސްވެރިކަމަކީ ކިޔަވައިގެން ނޫނީ ކުރެވޭނެ ކަމެއް ނޫންކަން. އަހަރެމެންގެ ޒުވާންއިރު ފުރައިގެން މަސްކަނޑަށް ނުކުމެ މަސް ބޭނިޔަސް މިހާރަކު އެކަން އެގޮތަކަށް ނުކުރެވޭނެ.”
އޭނާ ބުނީ މިހާރު މަސްއައިން ހޯދުމާ އެންވެރިކަން ކުރުމާ ދޯނި ދުއްވަން އެނގޭނީވެސް ކިޔަވައިގެން ކަމަށް ވާތީ މިއީ ދެރަކަމެއް ކަމަށް ދުށް ދުވަސް މާޒީ ވެއްޖެކަމުގައެވެ. އެހެންވީމާ ކޮންމެ ކުއްޖަކުވެސް އަޒުމް ކަނޑައަޅަންވީ ޅަ އުމުރުގައި ކުރު ދޮށީގައި ހިފާށެވެ.
އޮފީހެއްގެ ވެރިއަކަށްލިބޭ އާމްދަނީއަށް ވުރެ މަސްވެރިކަން ކޮށްގެން މަހަކު ލިބޭ އާމްދަނީ މާބޮޑަށްވެސް އިތުރުވާނެ ކަމަށް ބުނަމުން އޭނާގެ ދަރިފުޅު ކިޔަވައިގެން ބައްޕަގެ ފަހަތުން މަސްވެރިކަމަށް ނުކުތުން އޭނާ ފާހަގަކުރީ އެކަން ޒުވާނުން ބަލައިގަންނަން އެދެމުންނެވެ.
“މިއަދު މި ރަށުގައި ހުރި އެންމެ ޒުވާން އެއްކެޔޮޅަކީ އަހަރެންގެ ދަރިފުޅު މުހައްމަދު. ބަފައެއްގެ ގޮތުންނާއި މިސިނާއަތް ކުރިއެރުވުމަށް ލޯބި ކުރާ މީހެއްގެ ގޮތުން އެއީ އުފާ ކުރާކަމެއް. އޭނާ އަކީ މިޒަމާނުގެ މަސްވެރިކަން ކިޔަވައިގެން ހުރި ޒުވާން ކެޔޮޅެއް. އާމްދަނީވެސް ހަމަރަނގަޅު. ރިސޯޓް ނުވަތަ ސަރުކާރުގެ ވަޒީފާ އަށްވުރެ އޭނާ ބޭނުންވީ މަސް ވެރިކަން.”
ސައްތާރު މިހާރު މަހަށް ދަނީ ދަރިފުޅާއެކުއެވެ. ކެޔޮޅު ތާކިހާ މުހައްމަދު އާ ހަވާލުކޮށްފައި އޭނާ އިންނަނީ ދަރިފުޅުގެ ފަހަތުގައެވެ.
“އެކަމަކު މަސްއައިނަށް އެރުމަށް ފަހު ހުންގާނުގައި ހުންނަނީ އަހަރެން. ދޮށި އަޅަނީ މުހައްމަދު.”
މިއީ އުފާވެރި އާއިލާއެކެވެ. ގޭތެރޭގައި އޮތީ ހަމަޖެހުމާ އުފާވެރިކަމެވެ. ހަ ދަރިންނާ 7 ކާފަ ދަރިންނާއެކު އާއިލާ އެއް ގެއެއްގައި ދިރިއުޅެމުން މިދަނީ އުފަލާއި އެކު ވަރަށް ނިޔާމައިގާ ކަމަށް ސައްތާރު ބުންޏެވެ.