ފުނަ ހަރަކާތަށް އޭދަފުށީ ކައުންސިލުގެ އެއްބާރުލުމެއް ނުލިބޭ: އަތޮޅު ކައުންސިލް

އޭދަފުށީގައި ބޭއްވި ފުނަ ހަރަކާތުގެ ތެރެއިން

އޭދަފުށީގައި ބޭއްވި ފުނަ ހަރަކާތުގެ ތެރެއިން

މިނިވަން 50 ގެ ރަންޔޫބީލް ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އަތޮޅުތަކުގައި އެންމެ ފޯރިއާއެކު ރައްޔިތުން ގުޅިގެން ބާއްވަމުން އަންނަ އެއް އިވެންޓަކީ ‘ފުނަ’ އެވެ. މި އިވެންޓް ބާއްވަނީ ސަރުކާރުން ޚަރަދުކުރައްވައިގެން ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ފެންވަރުގައެވެ. އަތޮޅު ރައްޔިތުން ދެކެނީ މިއީ މުޅި އަތޮޅަށްއަންނަ އީދެއްގެ ގޮތުގައެވެ. މުޅިރާއްޖެއަށް ލައިވްކޮށްގެން ދައްކާ ޕްރޮގްރާމަކަށް ވާތީވެ ކޮލިޓީ ޝޯއެއްގެ ގޮތުގައި ދެއްކޭތޯ ވަރަށްދުރާލައި އެކަމަށް ތައްޔާރުވާންވެސް ފަށައެވެ.

ބ. އަތޮޅުގައި ފުނަ ހަރަކާތް ބޭއްވުމަށް ނިންމުމާއި ގުޅިގެން އަތޮޅު ކައުންސިލްގެފަރާތުން މިކަން ރަށްރަށުގެ ސަމާލުކަމަށް ގެނައެވެ. އެހެންނަމަވެސް އަތޮޅު ކައުންސިލުން މިކަމުގައި އަދާކުރަންޖެހޭ ދައުރު އެންމެ ފުރިހަމައަށް އަދާކުރިކަމުގައި ގަބޫލު ކުރާމީހުން މަދުކަމުގައި ދަންނަވަން ޖެހެއެވެ. ސިޓީއެއް ހަމައެކަނި ފޮނުވުމުގެ ބަދަލުގައި އެރަށްރަށަށް ގޮސްގެން ރައްޔިތުންނާއެކު މަޝްވަރާއާއި މިކަމުގެ މުހިންމުކަން ވިސްނައިދީގެން މަސައްކަތް ކުރި ނަމަ ފުނަ ހަރަކާތުގައި މުޅި އަތޮޅުން އެންމެ ހަތަރު ރަށުން ބައިވެރިވުމުގެ ލަދުވެތިކަމުން ސަލާމަތް ވީހެވެ. އަތޮޅުގައި 13 ރަށް އޮންނައިރު ކޮންމެ ރަށަކީވެސް ފާހަގަ ކުރެވޭ ދިވެހި ސަގާފީ ކުޅިވަރުތަކެއް ކުޅެމުން އަންނަ ރަށްރަށް ކަން އީދު ކުޅިވަރުތަކުން އެނގެއެވެ.

މި އިވެންޓް އޭދަފުށީގައި ބޭއްވި ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތުގައި އަތޮޅު ކައުންސިލާއެކު ހަރަކާތްތެރިވާތަން ފެނުނީ ރަށުގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނެވެ. މިކަމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަކަމުގެ ވާހަކައާއި ޝޯގެ އިންތިޒާމްތައް ދަސްކަމުގެ ވާހަކައަކީ އަދި މުޅިން އެހެން ވާހަކައެކެވެ. އެހެންނަމަވެސް މި މަސައްކަތުގައި އެންމެ ބޮޑަށް ފޯރިއާއެކު އަތޮޅުކައުންސިލާ އެންމެ ގާތުން މަސައްކަތްކުރަން ޖެހޭ އޭދަފުށީ ކައުންސިލްގެ މެންބަރުންގެ އެއްބާރުލުން ނުލިބޭކަން އަތޮޅު ކައުންސިލުން ފާހަގަކުރާ ފަދައިން ރަށުގެ ގިނަބަޔަކުވެސް އެކަން ފާހަގަކުރާތީވެ އެވާހަކަ ދައްކަމާ ހިނގާށެވެ.  މިހެން ދަންނަވާއިރު ކައުންސިލުގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ހަމައެކަނ އަންހެން މެންބަރާއި ރާމިޒް މި ކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެފައިވާކަން ހަނދާން ނެތީއެއްނޫނެވެ.

އޭދަފުށީ ކައުންސިލަކީ ރަށުގެ އިޖްތިމާއީ ކަންކަމުގައާއި ގައުމީ ކަންކަމުގައި އިސްނަގަންޖެހޭ ފަރާތްކަމުގައި ވިޔަސް ކޮންމެ ކަމެއްގައިވެސް ފެއިލްވަފައިވާ ބައެއްކަމީ މިއަދުގެ ހަގީގަތެވެ. ކައުންސިލްގެ މެންޑޭޓްގެތެރޭގައިހިމެނޭ ކަންކަމުގައިވެސް އިހުމާލުވެފައިވާ ބައެކެވެ. ތަފްސީލަށް ދާންޖެހިއްޖެނަމަ އެވާހަކަތައްވެސް ދެއްކިދާނެއެވެ.

ފުނައިގާވެސް ވެފައިވަނީ އެކަހަލަ ގޮތެކެވެ. ފުނަ ހަރަކާތުގައި އޭދަފުށީގައިހުރި އެހެން މުވައްސަސާތަކަށްވުރެ ބޮޑަށް ރަށުކައުންސިލުގެ ބައިވެރިވުން އޮންނަންޖެހޭކަމަށް ބުނަނީ ހަމައެކަނި އަތޮޅު ކައުންސިލަކުން ނޫނެވެ. ރަށް ދެކެ ލޯބިވާ ކޮންމެ ދަރިއަކުވެސް މިވާހަކަ ހަމަ މިގޮތަށް ދައްކާނެއެވެ.

އަތޮޅު ކައުންސިލުގެ ފަރާތުން މި މަސައްކަތުގައި ބައިވެރިވުމަށް ރަށު ކައުންސިލުގައި އެއްފަހަރަށްވުރެ ގިނަފަހަރު ދަންނަވާފައިވާނެކަމަށް އަތޮޅުކައުންސިލުން ބުނެއެވެ. އަތޮޅު ކައުންސިލުގެ މެންބަރަކު ވިދާޅުވީ ފުނަ ހަރަކާތް އޮންނަ ސަރަހައްދު ތައްޔާރު ކުރުމަށް މިރަށުގައި ހުރި ސަރުކާރުގެ ހުރިހާ އޮފީހަކަށް ވެސް ދެންނެވިކަމުގައެވެ. އެކަމަށް އިޖާބަދީގެން ރަށުކައުންސިލް ފިޔަވައި ހުރިހާ އޮފީހެއްގެ މުވައްޒަފުންވެސް އެތަނަށް ވަޑައިގެން ވަރަށް ފޯރިއާއެކު މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ.  އޭދަފުށީ ކައުންސިލްގެ ފަރާތުން  މިމަސައްކަތުގައި ބައިވެރިވެފައިވަނީ އެ ކައުންސިލުގައި ހިމެނޭ އެންމެ ދެ މެންބަރުންނެވެ. ރައީސް ރަށުގައި ނޫޅުއްވާތީ ވަޑައިނުގެންނެވޭނެތާއެވެ. އެކަމަކު ނާއިބު ރައީސާއި ދެން ތިއްބެވި މެންބަރުން  ވަޑައި ނުގަތުމަކީ މައްސަލައެއްކަމުގައި އެ މެންބަރު ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރުންނަށް މިކަމުގައި ބައިވެރިވުމަށްއެދި ފޮނުވި އެސްއެމްއެސްއެއްގެ ޖަވާބުގައ” އޭދަފުށީގައި ފުނަ ބާއްވަން ތިޔައުޅެނީ ކައުންސިލުން ހުއްދަ ދީފައިވާ ތަނެއްގައިހޭ ؟ ” ވިދާޅުވެ އެއް މެންބަރަކު ސުވާލު އުފައްދާފައިވެއެވެ. އެކަމަކު އެހެން އެވިދާޅުވާ މެންބަރު ހަދުމަފުޅު ބަލިކަމުން ‘ފުނަ’ ބާއްވާނެ ތަނަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނީ ރަށު ކައުންސިލްގެ މެންބަރުންގެ ހާޒިރުގައިކަމާ. އެތަނުގައި އެމެންބަރުވެސް ހުންނެވިކަން ހަނދުމަފުޅުނެތުނީތާއެވެ. އެހެންކަމަށްވާނަމަ ފުނަ ބާއްވަން އުޅޭ ތަނަކީ އޭދަފުށީ ކައުންސިލުން ހުއްދަ ހޯދައިގެން ކުރާކަމެއްހޭ ކިޔައިގެން ސުވާލު އުފެއްދުމުގެ މާނައެއް އޮތްކަމަށް ގަބޫލު ނުކުރެވޭކަމުގައި އޭނާ ވިދާޅުވިއެވެ. އަނެއް ކައުންސިލަކު ވިދާޅުވެފައިވަނީ ތިޔަ ކަމަށްހުންނާނީ ރަށުކައުންސިލުގައި ހިމެނޭ އަންހެން މެންބަރު ކަނޑައަޅާފައި ކަމުގައެވެ.

މިއީ ތަންދޮރުދަންނަބަޔަކު ދައްކާނެ ވާހަކަ ތަކެއް ނޫނެވެ. ކައުންސިލުގެ މަގާމާ ޒިންމާއާ ވާޖިބު ނުދަނެ ތިބެ ނުވަތަ ހަމަ ސީދާ މިކަމާ ދެކޮޅު ހެދުމުގެ ގޮތުން ދައްކާ ވާހަކަތަކެއްކަމަށް ބެލެވިދާނެއެވެ. ފުނަ މި ފާހަގަކުރަނީ އޭދަފުށީގައެވެ. މިއީ ގައުމީ ކަމެކެވެ. ގައުމަށް ކޮށްދޭ ކަމެކެވެ.ރަށާ އަތޮޅު ތަމްސީލުކުރާ ވަރަށްބޮޑު ގައުމީ ހަރަކާތެކެވެ. މިއުޅެނީ އަވަށު ވާދައިގާ މުބާރާތެއް ބާއްވާކަށް ނޫނެވެ. އެހެންކަމަށްވާނަމަ ރަށަށް އެކަނި ބެލިކަމުގައިވިޔަސް އެންމެ ބޮޑަށް މަސައްކަތް ކުރަންޖެހޭނީ ރަށު ކައުންސިލަކުން ނޫންހެއްޔެވެ؟

އޭދަފުށީ ކައުންސިލުގެ ބައެއް މެންބަރުން ފުނަ ޝޯއަށް އެއްބާރުލުން ނުދިނުމުގައި އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ ރަށުކައުންސިލުން ” ފުނަ” ބޭއްވުމަށް ޖަމްއިއްޔަތުލްވަފާއާ ވާހަކަދައްކާ ނިިމި އަދި ވަފާ ވެސް ކޮންމެވެސް ވަރަކަށް ތައްޔާރުވެފައި އޮއްވާ އަތޮޅުކައުންސިލުން ފުނަ ޝޯ ބާއްވާތަން ބަދަލު ކޮށްލުމުން އެ ކައުންސިލަރުންގެ އަމިއްލަ މަސްލަހަތު އިސްކުރުމެވެ. މި މެންބަރުންނަކީ ވަފާއާ ރިލޭޓިވް ބަޔަކަށް ވެފައި ފުނައިން ވަފާ ވަކިވުމުން ވަފާއާ ބައިއަތު ހިފީކަމަށް ވެދާނެއެވެ.

ކުރިންވެސް ދެންނެވި ފަދައިން ފުނަ ހަރަކާތަކީ ގައުމީ ކަމެއެވެ. މީހަކަށް ނުވަތަ ޖަމާއަތަކަށް ކޮށްދޭ ކަމެއް ނޫނެވެ. ތިމާމެން ހިތްހަމަ ނުޖެހޭ ގޮތަށް ނިމޭ ކޮންމެކަމެއްގައި އަމިއްލަ ގޮތް ނުވަތަ އަމިއްލަ އެދުން އިސްކުރެވޭނަމަ އެއީ ގައުމާމެދު އިހުމާލު ވެވެނީއެވެ. ވަޒީފާއަށްވެސް އެކަށީގެންނުވަނީއެވެ. މިފަދަ މީހުން ރަނގަޅުވާނީ ރައްޔިތުން ތަމްސީލުކުރާ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި މަގާމުން އިސްތިއުފާ ދީފައި ތިމާމެންނާ އެކަށީގެންވާ މަސައްތެއް ކުރުމައިގެން އުޅުމެވެ. ކައުންސިލަރުންގެ ޓެގް އަޅުވައިގެން ތިބޭނަމަ ކައުންސިލަރުންގެ ވާޖިބު އެންމެ ފުރަތަމަ ދަސްކުރައްވާށެވެ!

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު