ބ. އަތޮޅުގެ ފުނަ ޝޯވއަށް ދޭނީ ކިހާވަރެއްގެ މާރކްސްއެއް؟

އޭދަފުށީގައި އޮތް ފުނަ ޝޯ ފެށުމުގެ ރަސްމިއްޔާތު

އޭދަފުށީގައި އޮތް ފުނަ ޝޯ ފެށުމުގެ ރަސްމިއްޔާތު

ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން އަތޮޅުތަކުގައި އެންމެ ފޯރިއާއެކު ކުރިއަށް ގެންދާ މުނިފޫހިފިލުވުމާއި ސަގާފީކުޅިވަރުތައް ހިމަނައިގެން އަތޮޅުފެންވަރުގައި ބާއްވަމުންއަންނަ ޝޯ ކަމުގައިވާ ފުނަ” އިގެ ބ.އަތޮޅު ޝޯ އޭދަފުށީގެ ދެކުނުފަރާތުގެ ހިއްކިބިމުގައި އިއްޔެ ހަވީރުން ފަށައިގެން ރޭގެ މެންދަމާހަމައަށް ކުރިއަށްގެންގޮސް ނިންމާލައިފިއެވެ.

ދިވެހިވަންތަކަން ދައްކުވައިދޭ ނިކަންރީތި ދިވެހި ޖައްވެއްގައި ކާބަފައިންގެ ޒިކުރާވެސް އާވާގޮތަކަށް ފަރުމާ ކޮށްފައިވާ މިމައިދާނުގައި ބޭއްވި ފުނަ ޝޯވ ޝަރަފްވެރިކޮށްދެއްވި ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ލަގަބު ލިބިވަޑައިގެންފައިވާ އޮނަރަބްލް އަބްދުއްރަޝީދު ހުސައިންވެސް މި ޝޯއަށް ގެނެސްދީފައިވާ ދިވެހިވަންތަކަމަށް ތައުރީފުކުރެއްވިއެވެ.

“ފުނަ” ޝޯ ފެށުމުގެ ގޮތުން އަބްދުއްރަޝީދު ހުސައިން ދެއްކެވި ވާހަކަފުޅުގައި އޭދަފުއްޓަށް ވަރަށްބޮޑަށް ތައުރީފު ކުރެއްވިއެވެ. ވިދާޅުވީ އޭދަފުއްޓަކީ ސަރުކާރުން ކުރާ ގައުމީ ކޮންމެ ކަމެއްގައިވެސް ނަމޫނާއެއް ކަމުގައެވެ. ދިވެހިއަދަބާއި ސަގާފަތަށް ލޯބިކުރާ ބައެއްކަމާ އިލްމީގޮތުން ބެލިޔަސް މޮޅު ދަރިން ތަކެއް އުފައްދާފައިވާ ރަށެއްކަމުގައި ފާހަގަ ކުރައްވަމުން ވިދާޅުވީ އޭދަފުއްޓަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކުރެވޭ އިލްމީ ދަރިންތަކެއް އުފައްދާފައިވާ ރަށެއް ކަމުގައެވެ.

ބައިނަލްއަގްވާމީ އުމުރުންދުވަސްވީ މީހުންގެ ދުވަހާވެސްއެކު މި މުނާސަބަތު ފާހަގަކުރާތީ އެކަމަށްވެސް އަލި އަޅުއްވާލެއްވިއެވެ.

މި މުނާސަބަތުގައި އުމުރުން ދުވަސްވީ މީހެއްގެ ފަރާތުން ވާހަކަދެއްކެވީ ސަރުކާރުގެ އިސް މަގާމްތަކެއްގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ހއ. އުތީމު އާދަމް އަބްދުއްރަހްމާނެވެ. އޭނާގެ ވާހަކަ ކުރިއަށްގެންދެވީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ކާބަފައިން ކުރެއްވި މަސައްކަތާ މިނިވަންކަން ނަގާލުމަށް ބޭރުގެ ނުފޫޒުތަކުން ރާއްޖެއަށް ކުރި ދުށްތުރާތަކާބެހޭ ގޮތުންނެވެ.

އެހެންނަމަވެސް އޭނާގެ ވާހަކަ މުޅިން ފުރިހަމަ ނުކުރެވެނީސް ވަގުތުހަމަވެއްޖެކަމުގެ ނޯޓިސް ލިބުމުން އެވާހަކަ ފުރިހަމަ ކުރެއްވޭ ގޮތެއްނުވިއެވެ. އެކަން އޭނާ ޝަކުވާއެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ހޯމްމިނިސްޓްރީގެ ފަރާތުން ވަޑައިގެންނެވިބޭފުޅުންގެ ތެރެއިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ މާޒްސަލީމް އާއި އަޒުރާ އަހްމަދުވެސް ވާހަކަ ދެއްކެވިއެވެ. މިބޭފުޅުންގެ ވާހަކަވެސް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ މިނިވަންކަމުގެ މުހިއްމުކަމާބެހޭގޮތުންނެވެ.

ފުނައިގެ ފުރަތަމަ ދަންފަޅި ހަވީރު ހައެއްޖެހުމާއެކު ނިންމާލުމަށްފަހު ކުޅިވަރުގެ އައިޓަމްތައް ފެށުނީ
ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންގެ ޝަރަފްގައި އޭދަފުށީ ރައްޔިތުން އެރުވި ރޭގަނޑުގެ ފަރިއްކޮޅަކަށް ފަހުއެވެ. ފަރިއްކޮޅު ތައްޔާރުކުރެވިފައިވަނީ އޭދަފުށީގައި އެންމެ އިހުއްސުރެ ހަދަމުން އައި ހެދިކާގެ ތަފާތު ވައްތަރުތަކާ އުވެމުންދާ ރަހަތައް ހިމަނައިގެން އެންމެ އިހުގެ ގޮތަށް މާލޫދު ހަރުގެތަކުގައި ހުންނަ ދިވެހި ސަގާފީ “ކޭން” ތަކެއްގެ ގޮތުގައެވެ.

“ކޭން” ތަކުގައިހުރި ކާއެއްޗެއްސާމެދު ދައްކާނެ އިތުރުވާހަކައެއްނެތެވެ. އިންސާފު ކުރެއްވި ބޭފުޅުންވެސް ވިދާޅުވީ ހަމަ މިހެންނެވެ. ތައްޔާރުކޮށްފައިވާ ގިނަވައްތަރުގެ ހެދިކާގެ ރަހަތަކަކީ އެކަމުގައި ތައުރީފުނޫން އެހެން އެއްވެސް އެއްޗެއް ނުބުނެވޭވަރުގެ ތަފާތު މީރުކަމެއް ލިއްބައިދިނުމުގައި އޭދަފުށީ އަންހެނުންގެ އަތްތަކުގެ ކުޅަދާނަކަން ދައްކުވައިދީފައިވާ އަސްލު ދިވެހި ރަހަ ފެނުނު ކާއެއްޗެތި ކަމުގައި އެއްމެންވެސް އެއްބަސްވިއެވެ.10003368_914761791932170_7012834308237739808_n

“ފުނަ ” ބެލުމަށް އޭދަފުށީގެ ގިނަބަޔަކާ އަތޮޅު ތެރެއިންވެސް ފުނަ ބަލަން އައިސްތިބި ގިނަ ބަޔަކު ވަރުގެ ކޮޅަށް ނަލަހެދިގެން ޝޯއަށް ދިޔައީ ހުރިހާ ކަމެއްގައިވެސް ހައި ކޮލިޓީ ދައްކަމުން އަންނަ ބ. އަތޮޅުގެ ފަރާތުން ގެނެސްދޭ “ފުނަ”އިގެ ކޮންމެ އިވެންޓަކުންވެސް އެ ކޮލިޓީ ފެންނާނެކަމުގެ ޔަގީން ކަމާއެކުގައެވެ.

އެހެންނަމަވެސް ޝޯގެ ފުރަތަމަ އައިޓަމް ތަކަކުން އެމީހުން ހީކުރިވަރުގެ ފުރިހަމަ ކަމެއް ނުފެނުނެވެ. މިދެންނެވީ މި ޝޯގައި އޭދަފުށީގެ ފަރާތުން ހުށަހަޅައިދިން އައިޓަމްތަކުގައ ބަލާހިތްވާކަހަލަ ހިތްގައިމުކަމެއްނެތް ވާހަކައެވެ.

އޮނަރަބްލް އަބްދުއްރަޝީދު އެވިދާޅުވާ އިލްމީގޮތުންނާއި ކުޅިވަރުގެގޮތުން އޭދަފުއްޓަކީ ތަސައްރަފް ފުދިފައިވާ ބައެއްކަން މިޝޯއިން ދައްކައިނުދެވުނީ ކީއްވެގެންހެއްޔެވެ؟

“އެއީ ތައްޔާރުވާންވީ ވަރަށް ތައްޔާރުވެފައި ނެތުން.” މިކަމުގެ ތަޖްރިބާކާރަކު ވިދާޅުވިއެވެ. ހުށަހަޅައިދިން ނެށުމުގެ އައިޓަމް ތަކުގައި އެއްވެސް ހަމައެއް ނެތުމަކީ ހުށަހަޅައިދިން ކުދިންގެ މައްސަލައެއް ނޫންކަމާއި އެއީ ކްރިއޮގްރާފަރ ނުވަތަ ދަސްކޮށްދޭން ހަވާލުވެފައިވާ ބަޔަކު ޒިންމާ ވާންޖެހޭކަމެއްކަމުގައި އެފަރާތުން ބުންޏެވެ.

އޭދަފުށީގެ ފަރާތުން ހުށަހެޅި ކޮންމެ އައިޓަމަކީވެސް އޭގެ ކޮންސެޕްޓާ ލަވަތަކަށް ބަލާއިރު ވަރަށް ރީތިކޮށް ހުށަހަޅައިދެވިދާނެ އައިޓަމްތަކެއްކަމަށް ގަބޫލު ކުރެވެއެވެ. އެހެންނަމަވެސް ފަރިތަނުކޮށް މިކަހަލަ ބޮޑު އިވެންޓަކަށް އެރުމުން އެކަމުގެ ލަދުވެތިކަން ކިތަންމެ ރަނގަޅަކަށްވެސް މިވަނީ އިހްސާސްކުރަން ޖެހިފައެވެ.

މިކަމުގައި ދެންނެވޭނީ ޝޯ ޖަޖްކުރުމަށް ވަޑައިގެންނެވި ޓީމުގައި ހިމެނޭ ރައްޒާގު މި އައިޓަމްތަކަށް ޖަޖްކުރައްވަމުން ވިދާޅުވިފަދައިން ދެންފަހަރަކުން ރަނގަޅުކޮށްލާނެކަމުގައި އުންމީދުކުރާ ވާހަކަ އެވެ.

ދެން އޮތީ ޝޯގައި ބައިވެރިވި ރަށްރަށުގެ މީހުންގެ ޝަކުވާގެ ވާހަކައެވެ. އެންމެ ރެއަކަށް ތައްޔާރުކުރާ ތަނެއްކަމުގައި ވިޔަސް އެތަނުގައި ޗޭންޖިންގ ރޫމެއް ހުންނަންވާނެކަމުގައި ޝޯގައި ބައިވެރިވި މާޅޮހު މީހަކު ބުންޏެވެ. އަންހެނުންވެސް ބައިވެރިވެރިވާ އިވެންޓްތައް ހުރުމާއެކު އެކުދިން ޝޯއަށް އެރުމަށް ތައްޔާރުވެލަން އެންމެ ކުޑަމިނުން އަލިކަމެއްހުރި ނިވާވާ ތަނެއްވެސް ހުންނަން ޖެހޭނެކަމުގައި އޭނާ ބުންޏެވެ.

” އެކަމުގައި ބ. އަތޮޅު ކައުންސިލް ޒިންމާވާން ޖެހޭނެ. ” އަތޮޅުކައުންސިލްގައިމަސައްކަތްކުރާ ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލައިނުގަނެގެން ކުރާ އެއްވެސް ކަމެއްގައި ކޮލިޓީއެއް ނުހުންނާނެކަމުގައެވެ. ބަޖެޓްހަމަނުޖެހޭކަމުގެ ބަހަނާ ދައްކަމުން ފުނަ ބާއްވާ މައިދާން ތައްޔާރުކުރަންފެށީވެސް ހަފްތާއަކަށްވުރެ ކައިރިވެފައި ވަނިކޮށެވެ. ދެން ތެޅިފޮޅިގަނެގެން ތަން ތައްޔާރު ކުރެވުނު އިރު އެތަނާމެދު ނަސީބަކުން ނުބައި ކޮމެންޓެއް ނަޔަސް ފަރުދާގެ އަނެއް ފަރާތުގައި ހިނގި ކަންތައް އެހާ ރީއްޗެއްނޫނެވެ. ޝޯގެ އެކި އިވެންޓްތަކުގައި ބައިވެރިވި އަތޮޅުތެރޭގެ ރަށްތަކުން އައި މީހުން އެތަނަށް އައުމަށްފަހު މަޑުކޮށްލާނެތަނެއް ނެތެވެ. ކުޅިވަރުގައި ބައިވެރިވި ކަމަދޫ އަންހެން ކުދިން ޝޯއަށްް އެރުމަށް ރީތިވީއެކުދިންގެ މޯބައިލް ފޯނުން އަލި ކޮށްގެންކަމުގައި އޭނާ ބުންޏެވެ.މި ނޫނަސް ކިތަންމެ ކަމެކެވެ.

ޝޯ ލައިވްކޮށްދިނުމަށް ޕީއެސްއެމްގެ ފަރާތުން އައި ޓީމްގެ މެންބަރުންވެސް ޝޯވއާމެދު ތިބީ ހިތްހަމަޖެހިފައެއްނޫނެވެ. އެންމެ ބޮޑުކަމަކަށް ފާހަގަ ކުރެއްވީ ޝޯ ހުށަހަޅައިދޭން ތިއްބެވި ދެބޭފުޅުންގެ ފެންވަރާމެދުގައެވެ. ދެވަނަ ކަމަކަށް އޭނާ ފާހަގަކުރެއްވީ ރަސްމިއްޔާތަށް ވަޑައިގެންނެވި އިއްޒަތްތެރިން އިށީދެ ތިއްބެވުމަށް ހަމަޖައްސާފައިވާ ޖޯލި ފައްޗާ ބެހޭ ގޮތުންނެވެ. ވިދާޅުވީ ޝޯ ޝަރަފް ވެރިކޮށްދޭން ވަޑައިގެންނެވި ބޭފުޅުން ޖޯލިފަތީގައި އިށީންނަން އުދަނގޫވެގެން އުޅުއްވި މަންޒަރު ފެނިފައިވާ ކަމުގައެވެ. “ޖޯލިފަތީގައި އިށީނުމަށް ހަމަޖެއްސުމަކީ ވަރަށް މުނާސަބު ރީތި ގޮތެއްވެސްމެ. އެހެންނަމަވެސް ޖޯލިފަތި ގަތާފައި ހުރީ އިށީންނަން ފަސޭހަވާނެގޮތް ވިސްނާފައެއްނޫން. އެއަށްވުރެ ގޮޅިތައް ކުޑަކޮށް ގަތާފައިހުރިނަމަ ގިނަ ވަގުތު އަރާމުގައި އިށީނދެވުނީސް. ” ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވިއެވެ.

އޭނާވެސް ވިދާޅުވި ފަދައިން ގިނަ ބަޔަކަށް ޝޯގެ އެންމެ ކަމުނުދާ ކަމަކަށް ފެނުނީ ޝޯވ ހޯސްޓްކުރުމެވެ. ނުވަތަ ހުށަހަޅައިދިން ދެބޭފުޅުންގެ މައުލޫމާތު ދަށްކަމާއި ހުށަހަޅައިދިނުމުގެ ގާބިލްކަން ނެތުމެވެ. އިލްމީ ދަރިން ތަކެއްތިބި އަތޮޅެއްގައި މިކަހަލަ ބޮޑު ޝޯއެއް ހުށަހަޅައިދިނުމަށް ހޮވާފައިތިއްބެވި ދެބޭފުޅުންވެސް ސަމާލުކަންދީފައިހުރީ ހަމަ އެކަނި ކޮސްޓިއުމަށެވެ. ކިތަންމެހައިވެސް ފުރިހަމައެވެ. ފިރިހެން ބޭފުޅާ ތުރުކުރައްވައިގެން އިންނެވި ގައުމީ އަދި ދިވެހިވަންތަ ހެދުން މިމުނާސަބަތާ ކިތަންމެހައިވެސް ގުޅެއެވެ. އާކައިވެންނަކަށް ނަލަހައްދާފައި އިން އަރޫޝާއެއްގެ ކޮސްޓިމްގައި އިންނެވި ކަމަނާގެ ހެދުން މުނާސަބަތާ ނުގުޅުނަސް މީހުންގެ ސަމާލުކަން ހޯދަން ކޮށްފައިވާ މަސައްކަތެއްކަމުގައިވާނަމަ އެކަމަށްވެސް ސާބަހެވެ.12027726_914761518598864_1374695814452652620_n

އެކަމަކު އެއަށްވުރެ ބޮޑަށް އިސްކަންދޭން ޖެހޭނީ މޮޅަށް ޝޯ ހުށަހަޅައިދިނުމަށެެވެ. އާދެއާދެ ކިޔައިގެން އޯޑިއަންސް ފޫހިކޮށްލުމުގެ ބަދަލުގައި މި މުނާސަބަތާ ގުޅޭ އަދި ހުށަހަޅަމުންދާ އިވެންޓާވެސް ގުޅޭ މައުލޫމާތުތައް ހިމަނައިގެން އޯޑިއަންސްގެ ޝައުގުވެރިކަން އަތުލުމެވެ. މިކަމެއް ނުކޮސްދެވުނެވެ. މި ޝޯއާބެހޭ މައުލޫމާތު ނުވަތަ ހުށަހަޅައިދިން އިވެންޓްތަކުގެ ތާރީޚީ ދިރާސާތަކެއް ކޮންމެވެސް ވަރަކަށް ކޮށްފައި ހުރިކަން ފާހަގަކުރެވުނީ ޝޯ ހުށަހަޅައިދިން ފިރިހެން ފަންނާނުގެ ފަރާތުންނެވެ. އެހެންނަމަވެސް މިކަހަލަ ބޮޑު ޝޯއެއް ޕާފޯމް ކުރެވޭ ފެންވަރު ނެތްކަމުގައި ދަންނަވާން ޖެހެއެވެ. ސުވާލަކީ މިއަށްވުރެ މާ ކޮލިޓީ މީހުން އަތޮޅު ކައުންސިލްގައިވެސް ތިއްބެވި އިރު މިކަމުގައި އަތޮޅު ކައުންސިލުން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ހެއްޔެވެ؟ މިވަރުގެ ބޮޑުކަމެއް ކުރާއިރު ރިހާސަލް ނުބޭއްވީ ކީއްވެގެން ހެއްޔެވެ؟ ބޮޑަށް ބެލެވެނީ  އެކަމަކީ ކުރަންޖެހޭކަމެއްކަމުގައި ވިޔަސް  ރޭވުންތެރިކަމެއްނެތި މިފަދަ ކަންތައް ކުރުމުން އެކަމަށް ވަގުތު ނުދެވުނީކަމުގައެވެ. ނޫންނަމަ ގައިކޮޅު ގައިދުރު ކިޔާފައި ކޮންމެ ގޮތެއް ވަރިހަމަވާން ދޫކޮށްލީކަމުގައެވެ.

ޝޯއަށް ވަޑައިގެންނެވި ހޯމް މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވީ މި ޝޯ ހޯސްޓްކުރެއްވި އަންހެންބޭފުޅާ އަށްވުރެ ރަނގަޅު މީހަކު މިކަހަލަ އިލްމީ ގޮތުން ކުރިއަރާފައިވާ ރަށަކުން ނުފެނުމުން ހައިރާންވާކަމުގައެވެ. އެކަމަނާ އެއުދޯލީގައި އިންނަވައިގެން ކުރައްވަން ހަވާލުކޮށްފައިވާ ހަމައެކަނި ކަމަކީ ތަރުހީބު ، ތަރުހީބު، ކިއުން ކަމުގައިވާނަމަ އެކަން ނިކަން ފުރިހަމައަށް ކުރެއްވިކަމުގައެވެ. އަދި ވިދާޅުވީ މިކަހަލަ ބޮޑު ގައުމީ އިވެންޓެއްގައި ބ. އަތޮޅު ތަމްސީލުކުރާއިރު އޭދަފުށިން ހުށަހެޅި އެއްވެސް އައިޓަމަކުން އަސްލު އޭދަފުށީގެ ފެންވަރު ނުފެނުނުކަމުގައެވެ.

އެކަމަކު މިޝޯވއިން މުނާސަބަތާ ގުޅޭ ރީތި ހަރަކާތްތަކެއްވެސް ފެނިގެން ދިޔައެވެ. އެގޮތުން ފާހަގަކޮށްލެވޭ އުސްއަލިތަކުގެ ތެރޭގައި މާޅޮހު މީހުންގެ ކުރުފަލި ޖެހުމާއި ކަމަދޫ ޒުވާނުން ހުށަހަޅައިދިން ފަރިހަރަކާތް ތަކަކީ ޝޯވއަށް ގެނެސްދިން ވަރަށްބޮޑު ފުރިހަމަކަމެކެވެ.

ކޮންމެއަކަސް ފުނަ ޝޯ ނިމިއްޖެއެވެ. ކާމިޔާބުކަމާއެކު ނިންމާލެވުނުކަމުގައި ހީކުރަމާ ހިނގާށެވެ. އެހެންނަމަވެސް ސުވާލު އުފެދޭ ކަންތަކެއްވެސް އެބަހުއްޓެވެ. އެއްކަމަކީ މުޅި ބ. އަތޮޅު ތަމްސީލުކުރާ ފުނަ ޝޯގައި އެންމެ ހަތަރުރަށުން ބައިވެރިވީ ކީއްވެގެން ބާއެވެ. އަތޮޅުގައި 13 ރަށްއޮންނައިރު އަތޮޅުގެ ރަށްރަށުުގައި އުފެދިފައިވާ ސަގާފީ ކުޅިވަރުތައް ކުޅުމުގައި މަޝްހޫރު ކްލަބް ޖަމްއިއްޔާތައް މި ޝޯއިން ނުފެނުމަކީ ވަރަށް ބޮޑު އުނި އަދި އައިބުވީކަމެކެވެ. އެކަމަކު ރަށްރަށުން މިކަމަށް އިޖާބަ ނުދިނުމުގައި އަތޮޅު ކައުންސިލަށް އެކައުންސިލުގެ ޒިންމާ ފުރިހަމައަށް އަދާކުރެވުނުބާއެވެ؟ އެނގޭކަމަކީ މި ކަމުގައި އަތޮޅުކައުންސިލާ ދިމާލަށް އިނގިލި ދިއްކުރާ މީހުން މަދުނޫންކަމެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު