ކަމަދޫ ހަބޭސް ދޮންކޭލާއި، އަލީ ޝަރީފް

DSCN9664.jpg

އަލީ ޝަރީފް. ކަމަދޫ ދޮންކެޔޮ މާކެޓް ކުރުމުގައި އަލީ ޝަރީފް ިއިސްދައުރެއް އަދާކުރޭ / ފޮޓޯ: އޭދަފުށީ ވޮއިސް

“ކަމަދޫ ދޮންކެޔޮ ހަމަ ހަބޭސް. އެވަރެއް ނެތް. ކަމަދޫ ދޮންކެޔޮ ނޫނީ މީހުންނަށް ކަމުދާކަމަކަށްވެސް ނުވޭ. މިއީ އަޅެ އަރަތެއް ނޫންތަ؟” އޭދަފުށީ ހީނާ އައިޓަމް ހިންގާ އިބްރާހީމް ރަޝީދު (ހީނާ އިއްބެ) ސުވާލު އުފެއްދިއެވެ.

ހީނާ އައިޓަމް އަކީ އޭދަފުށީގައި ކަމަދޫ ދޮންކެޔޮ މެދުނުކެށޑި ވިއްކާ ހަމައެކަނި ފިހާރައެވެ. އިއްބެ ބުނާގޮތުން އެ ދޮންކެޔޮ ގަންނަން ކޮންމެ ދުވަހަކުވެސް ސަތޭކައިން ގުނާލެވޭ އަދަދަކަށް މީހުން އާދެއެވެ. އޭނާގެ ހީނާ އައިޓަމްގެ ދުވެލި ބާރުވެގެން ދިޔަ އެއް ސަބަބަކީ އެތަނުން މެދު ނުކެނޑި އެ ދޮންކެޔޮ ލިބެން ހުންނަން ފެށި ފަހުންކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ.

އިއްބެ އިތުރަށް ބުނީ ކަމަދޫ ދޮންކޭލާ މީހުން އެހާ ބޮޑަށް ގަބޫލުވަނީ އެދޮންކޭލުގެ ސާފުކަމާ އެއްވަރަށް ތަފާތު މީރު ރަހައެއް ވެސް އެކުލެވިފައިވާތީއެވެ.

އޭދަފުށީ އެހެން ފިހާރައެއްގެ މީހަކު ބުނަނީ  އޭނާގެ ފިހާރައަށް ދޮންކެޔޮ ގަންނަން އަންނަ މީހުން ފުރަތަމަވެސް އަހަނީ މިއީ ކޮން ރަށެއްގެ ދޮންކެޔޮ ކެޔޮތޯއެވެ. ކަމަދޫ ނޫންކަމަށް ވާނަމަ އެމީހާ އެނބުރި ދެއެވެ.

އޭދަފުށީ ކަހަލަ ބޮޑު ރަށަކަށް ބޭނުންވާ ވަރަށް ކަމަދޫން ދޮންކެޔޮ ސަޕްލައި ކުރަނީ ކާކުހެއްޔެވެ. އެމީހާ އަށް ހަމައެކަނި ކަމަދޫން އޭދަފުށްޓަށް ބޭނުންވާވަރަށް ހީނާ އައިޓަމަށް ދޮންކެޔޮ ސަޕްލައި ކުރެވޭ ހެއްޔެވެ. ކަމަދޫ ކަހަލަ ކުޑަކުޑަ ރަށަކުން އެވަރަށް ދޮންކެޔޮ އުފެއްދިދާނެ ހެއްޔެވެ؟ ޖަވާބު ދެއްވީ ކަމަދޫގައި އުފައްދާ ފަތްކެޔޮ ސަޕްލައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ ޝަރީފެވެ.

ކަމަދޫ ރައްޔިތުން ހައްދާ ހުރިހާ ފަތްކެޔޮ ގަންނަނީ އަލީޝަރީފެވެ. އޭނާ ވިދާޅުވަނީ އޭނާ ފަތްކެޔޮ ސަޕްލައި ކުރަނީ ހަމައެކަނި ހީނާ އައިޓަމަކަށް ނޫންކަމުގައެވެ.

“ހީނާ އައިޓަމަށް ފޮނުވަނީ ކަމަދޫއާ ބައި ކިލޯމީޓަރަށްވުރެވެސް ކައިރީގައި މިއޮތް ފޯސީޒަން ލަނޑާގިރާ ވަރަށް ސަޕްލައި ކޮށްފަ ބާކީ ހުންނަ ކެޔޮ.” އަލީ ވިދާޅުވިއެވެ.

އޭދަފުށީ ހީނާ އައިޓަމްސް ގެ ވެރިޔާ އިބްރާހީމް ރަޝީދު އީވީއަށް އިންޓަވިއު ދޭއިރު، ކަސްޓަމަރަކަށް ކަމަދޫ ދޮންކެޔޮ ކަނޑައިދެނީ / ފޮޓޯ: އޭދަފުށި ވޮއިސް

އަލީގެ މިވާހަކައިން އެނގުނީ ދަނޑުވެރިކަމުގެ ގޮތުން ކަމަދޫ އުޅެނީ ވަރަށް ކުރީގައި ކަމެވެ. އެކަމަކު މިކަހަލަ ކަމަކާ ރަށެއްގެ ކައުންސިލްގެ ޒިންމާދާރުވެރިއަކާ ގުޅުނީ ކިހިނެއް ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ.

“އެއީ އަޅުގަނޑު ކަމަދޫ ކުޑަކަތީބަކަށް އުޅުނު ދުވަސްވަރު ޔޫއެން ޑީ ޕީ އިން ކަމަދޫއަށް ލިބުނު ޕްރޮޖެކްޓެއް. ޕްރޮޕޯސަލް ހުށަހަޅައިގެން ލިބުނު މި ފުރުސަތުގެ ބޭނުންހިފައިގެން އެކަން ހިންގީ އަޅުގަނޑާ އަޅުގަނޑުގެ ދަށުން އޮފީހުގައި މަސައްކަތް ކުރަން ހުރި ކުއްޖެއް. ޔޫއެންޑީޕީގެ މިޕްރޮޖެކްޓާއެކު އޮފީހުން ދަނޑުވެރިކަން ކުރަން ބޭނުންވާ ކޮންމެ ގެއަކަށް ބިމެއް ދިން. އެގޮތުން ހުރިހާ ދަނޑުތައް ފަތްކެޔޮ ދަނޑުތަކަކަށް ބަދަލު ވެގެން ދިޔައީ.” ކަމަދޫގައި ފަތްކޭލުގެ ދަނޑުވެރިކަމާ އަލީޝަރީފާ ހުރި ގުޅުން ކިޔައިދެއްވަމުން އަލީ ޝަރީފް ވިދާޅުވިއެވެ.

އަލީ ވިދާޅުވީ އެ ޕްރޮޖެކްޓް ނިމުނުތަނާ ފޯސީޒަން ލަނޑާ ގިރާވަރު ހުޅުވި އެރިސޯޓުގެ އިސް ބޭފުޅަކު ރިސޯޓަށް ބޭނުންވާ ވަރަށް ދޮންކެޔޮ ސަޕްލައި ކުރެވިދާނެތޯ އެހުމުން އާއެކު ބުނީ އެދުވަސް ވަރު ކަމަދޫގައި ފަތްކެޔޮ ގިނަވެ ވިއްކޭނެ ގޮތެއް ނެތިފައި އޮތް ދުވަސް ވަރެއްގައި ކަމަށެވެ.

“ރައްޔިތުންނަށްވެސް ފައިދާ ހުރި މިކަހަލަ ފުރުސަތެއް ލިބުމާއެކު އަޅުގަނޑު މުޅި ރަށަށް އެންގިން ފަތް ކެޔޮ ގަންނަކަމަށް. މީގެ ހަތަރު އަހަރު ކުރި އެއީ.”

ރަށުގައި ހައްދާ ހުރިހާ ކޭލެއް ގަންނަން ފެށުމުން ބައެއް ފަހަރު ބޮޑު ގެއްލުމާ ވެސް އަލީއަށް ކުރިމަތިލާން ޖެހުނެވެ. އެއީ ޑިމާންޑަށް ވުރެ ސަޕްލައި ދަށްވުމުންނެވެ. އޭނާގެ ވިސްނުން އެ ރިސޯޓަށްވުރެ ދުރަށް ދާން ޖެހުނީ އެހެންވެގެންނެވެ.

“އެއްފަހަރަކު ރަސްމީ ދަތުރެއްގައި އޭދަފުއްޓަށް އައިސް އުޅެނިކޮށް ހީނާއިއްބެއާ ވާހަކަ ދެއްކުމުން އޭނާ ބުނެފި ގެންނާށޭ. ގަންނާނަމޭ. އެހިސާބުން ފެށިގެން މިކަން ވައިގާ ހިފައި ގެއްލުމުން އަރައިގަނެ ރަނގަޅު އެއްޗެއް ލިބޭގޮތަށް މިކަން ކުރިއަށްދިޔައީ” އަލީ ވިދާޅުވިއެވެ.

ހަމަ އެއާއެކު ކަމަދޫ ދޮން ކުރުނބާގެ ވިޔަފާރި އޭދަފުށްޓަށް ތައާރަފްކޮށް ދިއުމުގައިވެސް ހީނާ އިއްބެގެ އެހީތެރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަލީގެ އަމިއްލަ ރުކުގެ އިތުރުން އާއިލާގައި ހުރި 35 ރުކުން ހީނާ އިއްބެ ބޭނުންވާ ވަރަށް ކުރުނބާވެސް އެނާ އަންނަނީ ސަޕްލައި ކޮށްދެމުންނެވެ.

މިހުރިހާ ކަމެއްގެ ފަހަތުން ފެންނަ ބޮޑު މަންޒަރަކީ ކޮބާ ހެއްޔެވެ. ކަމަދޫ ރައްޔިތުންގެ ހީވާގި ކަމެވެ. ދިރިއުޅުން ދެކެ އެމީހުން ދެކެ ލޯބިވާ މިންވަރެވެ. އެކަމަކު އެމީހުންނަށް މި ތަކެތި ވިއްކޭނެ މަގު ތަނަވަސްކޮށްދިނީ އަލީ ޝާރީފްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެންމެ 500 އެއްހައި މީހުންގެ އާބާދީ އެއް އޮތް ރަށަކުން އޭނާ އެކަނިވެސް ހަފްތާއަކު ހަތަރުސަތޭކަ ކިލޯ ދޮންކޭލާ އެތައްސަތޭކަ ކުރުނބާ ބޭރު ކުރެއެވެ. މާނައަކީ ކަމަދޫގެ ފަތްކެޔޮ ހައްދާ ކޮންމެ ގެއަކަށް ބުރަ މަސަކަތަކާ ނުލާ މަހަކު ތިން ހާހާއި ފަސް ހާހާ ދެމެދު ގެ އަދަދެއްގެ ފައިސާ ރަށަށް އެތެރެވާނެ މަގު އަލީ ޝަރީފް ތަނަވަސް ކޮށް ދީފިއެވެ.

ހަމަ އެކަނި ފަތްކޭލާ ކުރުނބާ ވިއްކައިގެން ރަށަށް މިހާ ރަނގަޅު އާމްދަނީއެއް ލިބޭއިރު ދަނޑުވެރިކަން މިއަށްވުރެ ފުޅާ ކުރާކަށް ނުވިސްނާ ހެއްޔެވެ. މިސާލަކަށް މިރުހާ ކިއުކަނބާ އާއި ކަރާ އަދި ބަރަބޮލަކީ ވެސް ރާއްޖޭގެ ބިމުގައި ފަސޭހަ ކަމާއެކު ހައްދާ ބާވަތްތަކެވެ.

އަލީ ވިދާޅުވީ ބިމުގައި އެވަރަށް ޖާގަ ނެތުމަކީ އެއްސަބަބު ކަމުގައެވެ.

“ފަތްކެޔޮ ހެއްދުމަކީ ވަރަށް ފަސޭހަ ކަމެއް. ކަމަދޫ މީހުން ފަތްކެޔޮ ހައްދަން އެހާ ޝައުގުވެރިކަން ހުންނަނީ ފަސޭހަކަމާއެކު މާބޮޑު ޚަރަދު ތަކެއް ނުކޮށް ހެއްދޭތީ. މިސާލަކަށް އަޅިކަހަލަ އެއްޗެއް އަޅާލާފައި ގިނައިން ފެން އަޅާލުމުން އެހެރީ ކާނާ އެޅިފަ. ބައެއް މަދު މީހުން ޔުނިގްރޯ ކަހަލަ ބިދޭސީ ގަސްކާނާ މަދުމަދުން ބޭނުންކުރިނަމަވެސް އާއްމުކޮށް އެންމެން ކަހަލަ ގޮތަކަށް ބޭނުންކޮށް އުޅެނީ ރޮންދާ ކުނޑިއާއި ކުނިއަންދާ ތަނުން ނަގާ އަޅި.” އުމުރުން 53 އަހަރުގެ އަލީ ޝަރީފް ވިދާޅުވިއެވެ.

އެހެންވީމާ ކަމަދޫ މީހުން ގަޑުބަޑުކުރުމެއް ނެތް ސާފު ގަސް ކާނާ ބޭނުންކޮށްގެން ހައްދާ ކޭލުގައި ސުވާލެއް ނެތެވެ. ކެޔޮގަނޑު ބޮޑެތިވެފައި ރަހަމީރެވެ. އަގުވެސް އަތްފޯރާ ފަށުގައެވެ. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަމިއްލަވަންތަކަން ހުރި ދިވެހި އުފެއްދުން ކަމަށް ވާތީއެވެ. އަނެއް ކަމަކީ ކަމަދޫ ފަތްކޭލުގެ ސައިޒް ބޮޑުވުމެވެ

އަލީ ވިދާޅުވާ ގޮތުން ކަމަދޫގައި އުފައްދާ ބައެއް ދޮންކެޔޮ ގަނޑުގައި 40 ކިލޯ ހުރުމަކީ ބަޔަކު އަޖައިބު ވީނަމަވެސް އެރަށު މީހުންނަށް އާދައިގެ ކަމަކެވެ.

ފަތްކެޔޮ ހެއްދުމަށް އެދޭ ކޮންމެ ގެއަކަށްވެސް ކަމަދޫން ބިން ދޫކުރެއެވެ. އެގޮތުން މިހާރުވެސް މުޅި ރަށަށް ބަލާއިރު 1900 އަކަފޫޓުގެ ހަތްދިހަ ވަރަކަށް ދަނޑު ދޫކޮށްފައިވާނޭކަމަށް އަލީ ވިދާޅުވިއެވެ. މިއިން ކޮންމެ ދަނޑަކުން ގެއަކަށް މަހަކު ތިންހާހާ ފަސް ހާހާ ދެމެދުގެ އަދަދަކަށް ފައިސާ ވަންނައިރު އެހެންރަށްރަށުގެ މީހުން މި މިސާލު ނުބަލަނީ ކީއްވެގެން ބާއެވެ. ކަމަދޫ ރައްޔިތުންގެ މި ކެރުމާ ހިތްވަރަށް ހަމަ ސާބަހެވެ. ހަމައެއާއެކު އޭނާގެ އުފަންރަށަށް ޓަކާ އަލީ ޝަރީފު ކުރައްވަމުން ގެންދަވާ މި އަގުހުރި މަސައްކަތަކީ ފާހަގަކުރަން ޖެހޭ ޝުކުރުވެރިވުން ހައްގު މަސައްކަތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top