ބ. އަތޮޅު ޗެލެންޖް ފުޓްބޯޅަ މުބާރާތަށްވުރެ މުހިއްމީ އަންނަމަހު ދޮންފަނުގައި ބާއްވާ 23 އަހަރުން ދަށުގެ ދޮންފަނު އިންވިޓޭޝަން ކަޕް ކަމަށް ކިހާދޫ ފުޓްބޯޅަ ޓީމުން ބުނެފިއެވެ.
ކިހާދޫ ފުޓްބޯޅަ ޓީމުން ބުނީ މިއަހަރުގެ އަތޮޅު ޗެލެންޖްގައި ބައިވެރިނުވާން އެރަށުން ނިންމާފައިވާކަމަށެވެ. އަދި އެރަށު ޓީމް ތައްޔާރުވަމުން އަންނަނީ އަންނަމަހު ދޮންފަނުގައި ބާއްވާ އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތަށްކަމަށްވެސް ކިހާދޫ ޓީމުން ބުނެއެވެ.
ކިހާދޫ ކައުންސިލްގެ ރައީސް އަދި އެރަށުގެ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އިބްރާހީމް ފަޒީލް ވިދާޅުވީ އަތޮޅު ފުޓްބޯޅަ ޗެލެންޖް ދޫކޮށް އިންވިޓޭޝަން ކަޕަށް އިސްކަންދޭންޖެހުނީ ހުރިހާ ގޮތަކުން ބެލިޔަސް މުބާރާތުގެ ފެންވަރު ރަނގަޅުވެގެންކަމަށެވެ.
“އިންވިޓޭޝަންކަޕްގެ މިދިޔަ އަހަރު ޗެމްޕިއަން ކިހާދޫ އަކީ. އެމުބާރާތުގެ ފެންވަރު މިދިޔަ އަހަރު ވަރަށް ރަނގަޅު. އިންތިޒާމްތައް ވަރަށް ބަރާބަރު. އެހެނޭ ކިޔާފައި އަތޮޅު ޗެލެންޖްގެ ފެންވަރު އަހަރުން އަހަރަށް ދަނީ ދަށަށް. އެހެންވީމާ އަތޮޅު ފުޓްބޯޅަ މުބާރާތަށްވުރެ ކިހާދުއަށް މިއަހަރު މުހިއްމީ އިންވިޓޭޝަން ކަޕް” އަތޮޅު ފުޓްބޯޅަ މުބާރާތުގައި ކުރިން ކިހާދޫޓީމަށް ކުޅެފައިވާ ފަޒީލް ވިދާޅުވިއެވެ.
މިދިޔަ އަހަރުން ފެށިގެން ބ. އަތޮޅަށް ހުޅުވާލައިގެން ބ. ދޮންފަނުގައި ބާއްވަމުން އަންނަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ދައުވަތު ފޮނުވާފައެވެ. އަތޮޅު ޗެލެންޖްގައި ބައިވެރިވުމަށްވެސް ބ. އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަތޮޅު ޗެލެންޖް ފެށުމަށް ނޮވެމްބަރ 30 ވަނަ ދުވަހަށް ޝެޑިއުލް ކޮށްފައިވާއިރު، އިންވިޓޭޝަންކަޕް ފަށަން ހަމަޖައްސާފައިވަނީ އަންނަމަހު 15 އެވެ.