
ކުޑަކުއްޖާވެއްޓުނު ވަގުތު އެކުއްޖާ ސަލާމަތްކޮށްދިނުމަށް ބަޔަކު މަސައްކަތްކުރާ ސީސީޓީވީ ކެމެރާގެ ފޮޓޯތައް / ފޮޓޯ: އިންޓަނެޓް
ޗައިނާގައި ދެބުރީގެ އިމާރާތެއް މަތިން ވެއްޓުނު އެއް އަހަރު ކުއްޖަކު ބިންމައްޗަށް ވެއްޓުނަ ނުދީ، އެކުއްޖާ ސަލާމަތްކޮށްފި އެވެ.
ސީސީޓީވީ ފޫޓޭޖުން އާންމުވެފައިވާ ގޮތުން މި ކުއްޖާ ހިފާފައިވަނީ އެވަގުތު އެސަރަހައްދުން ދިޔަ ބައެއްގެ މަސައްކަތުންނެވެ. އެގޮތުން މިކުއްޖާ ހިފާފައިވަނީ ލީ ނަމަކަށް ކިޔާ ފިރިހެނެކެވެ.
ތުއްތު ކުއްޖާ ހިފި ލީ، އަދި އޭނާ ކައިރީ އެހެން މީހަކު
ލީ، މި ކުއްޖާ ހިފި ވަގުތު އެސަރަހައްދަށް ދިޔައީ ވަރަށް ބޯކޮށް ވާރޭވެހެމުންނެވެ. އެހެންވެ އެކުއްޖާ ހިފުމުގައި ދަތިތަކަކާއި ކޮންމެވެސް ވަރަކަށް ކުރިމަތިވި ނަމަވެސް ބިންމައްޗަށް ވެއްޓުމުގެ ކުރިން އެކުއްޖާ ހިފުމުގައި ލީ ވަރަށް ބޮޑު ހިތްވަރެއް ކުރި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެސަރަހައްދުން ދިޔަ އާންމުންގެ ބަޔަކަށް އެކުއްޖާ ފެނިފައިވަނީ ދެވަނަ ބުރީގެ ކުޑަ ދޮރު ކައިރީގައި ހުއްޓައެވެ. މިހާދިސާ ހިނގާފައިވަނީ ގުއަންޑޮންގް ޕްރޮވިންސްގެ ޒޮންގްޝަން ސިޓީގައި އެވެ.
އެކުއްޖާ ސަލާމަތްކުރުމަށްޓަކައި އެތަނަށް އެއްވި ބައެއް މީހުން ވަނީ ސޯފާ އާއި ފޮށިގަނޑު ކަހަލަ އެއްޗެހި ވެސް ބަހައްޓާފައެވެ.
ތުއްތު ކުއްޖާ ލީ ހިފާފަ
“އަހަރެން އެވަގުތުކޮޅުގެ ތެރޭގައި މާބޮޑަކަށް ނުވިސްނަން، އަހަރެން ހުރީ ބިރުގެންފައި އެކުއްޖާ ނުހިފިދާނެތީ، ” ލީ ބުންޏެވެ.
ލީ، މި ކުއްޖާ ސަލާމަތްކުރުމަށްފަހު ވަނީ މިކުއްޖާގެ މަންމަ އާއިި ކުއްޖާ ހަވާލުކޮށްފައެވެ. މިހާދިސާގައި އެކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.