އަމިއްލަ ބާރަކާ ނުލައި އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލަށް ދިއުމުން ދިވެހި ޓީމުން ދަނޑުގައި ޝުކުރުގެ ސަޖިދަ ޖަހައިފި އެވެ.
ދިވެހި ޓީމު ސެމީ އަށް ދިޔައީ ފަލަސްތީނާއެކު މިރޭ ކުޅުނު މެޗު އެއްވަރުވިއިރު އައްޑޫގައި ކިރިގިސްތާން މިޔަންމާ އަތުން 1-0އިން މޮޅުވުމުންނެވެ. ގްރޫޕް އޭގެ ހަތަރު ޓީމު އެއްވަގުތެއްގައި ކުޅުނު މި ދެ މެޗުގެ ތެރެއިން ރާއްޖޭގެ މެޗު ނިމުނުއިރު ކިރިގިސްތާނާއި މިޔަންމާގެ މެޗު ނިމެން ބާކީ ތިން މިނިޓް ބާކީއޮތެވެ. މި މެޗު އެއްވަރުވި ނަމަވެސް ރާއްޖެ ކަޓާނެ އެވެ. މިހެންވެ ނަތީޖާގެ އިންތިޒާރުގައި ކުޑަވަގުތުކޮޅަކު ކުޅުންތެރިންނާއި ސަޕޯޓަރުންނަށް މަޑުކޮށްލަން ޖެހުނެވެ.
ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އެއަށްފަހު ޝުކުރުގެ ސަޖިދަޖެހީ ގައުމީ ފުޓްބޯޅަ ދަނޑުގައި ގިބްލައަށްތިބެ އެވެ. މިއީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އަމިއްލަ ބާރުނެތި އެހެން ދެ ޓީމެއްގެ މެޗެއްގެ ނަތީޖާއަށް ރާއްޖެ އިންތިޒާރުކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.
މި މަހުގެ 19އިން 30ގެ ނިޔަލަށް މާލެ އާއި އައްޑޫގައި ބާއްވާ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ ވެސް ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ސެމީގައި ރާއްޖެއާ ވާދަކުރަން ޖެހުން އެންމެ ގާތީ އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕުގެ ޗެމްޕިއަން އަފްގާނިސްތާނެވެ. އެ ގައުމު މި ވަގުތު އޮތީ ގްރޫޕް ބީގެ އެއްވަނާގަ އެވެ. އަދި މާދަމާރޭ ގްރޫޕުގެ ފަހު މެޗުގައި އެ ޓީމު ވާދަކުރާނީ ވެސް މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފައިވާ ލާއޯސްއާ ދެކޮޅަށެވެ.