ރާނބާފަތް – ލިބެނީ ކޮންފައިދާއެއް

1-1.jpg

ރާނބާ ފަތަކީ ރިހަ ކައްކާއިރާއި އަދި ބައެއް ކަހަލަ ކާތަކެތި ހަދާއިރު ރަހަ ޖެއްސުމަށްޓަކައި ބޭނުންކުރެވޭ ފަތެކެވެ. ރާނބާ އަކީ ރާނބާފަތް އަޅާ ގަހެވެ. މިގަހުގެ ސިފަވައްތަރުވާނީ ކަށިނެތް ކަށިމާ ގަހަކާއެވެ. މިގަހުގެ ފަތުގައި މީރުވަހެއް ދުވައެވެ. އަދި މިގަހުގެ ފަތް ތަކެތީގައި މީރުވަސް ދުއްވުމަށާއި ކާތަކެތީގައި މީރު ރަހަލެއްވުމަށް ބޭނުންކުރެއެވެ. ބައެއް ފަހަރު ކަނދި ފަދަ ތަކެތި ތައްޔާރު ކުރާއިރު ވެސް ރަހަ ޖެއްސުމަށް ރާނބާ ފަތް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ރާނބާ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް –

ރާނބާފަތުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން އެ ބޭނުންކުރުމުން ލޭގައި ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ރާނބާ ފަތަކީ ހަކުރު ބަލީގެ އަހުލުވެރިންނަށް ބޭނުންތެރި ފައިދާހުރި ފަތެއްކަމަށް ބުނެވެއެވެ.

ރާނބާ ފަތަކީ ރާއްޖެ ބަލީގެ އުދަނގޫ ލުއިކުރުމަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ.

ރާނބާ ފަތުގައި އެކުލެވޭ ކެމިކަލް ތަކުގެ ތެރޭގައި އަލްކަލޮއިޑް، ސެޕޯނިން، ޓެނިން، ޕޮލީފީނޯލް އަދި ފްލޭވޮނޮއިޑް ފަދަ މާއްދާތައް ހިމެނެއެވެ. މިމާއްދާ ތަކަކީ ރާއްޖެ ބައްޔާއި ގުޅިގެން ހުޅުތަކާއި ގައިގައި އުފެދޭ ރިހުންތަކާއި ތަދުތައް ކެނޑުވުމަށް އެހީތެރިވެދޭ ކެމިކަލް ކަމްޕައުންޑް ތަކެކެވެ.

ނިދިޖެއްސުމާއި މީހާ ހަމައަކަށް އަޅުވާލުމަށް ރާނބާ ފަތު ދިޔަ ގަދީމީ ބޭސްވެރިކަމުގައި ބޭނުންކޮށް އުޅުނެވެ.

ރާނބާ ފަތުގައި ވައިރަސް ތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.

ރާނބާ ފަތަކީ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ.

ގަދީމީ ބޭސްވެރިކަމުގައި ދަތުގައި އުފެދޭ ރިހުން ކެނޑުވުމަށް ވެސް ރާނބާފަތުގެ ބޭނުން ކޮށްފައި ވެއެވެ.

ރާނބާ ފަތަކީ ތަދު ކެނޑުވުމަށް އެހީތެރިވެދޭ ބާވަތެކެވެ. އެގޮތުން ކަންފަތުގައި ރިހުން، ބޮލުގައި ރިހުން، ބަނޑުގައި ރިހުން، ހުޅުތަކުގައި ރިހުން، ހިރުގަނޑުގައި ރިހުން، ފަދަ ހާލަތްތަކުގައި ރާނބާފަތް ބޭނުންކުރުން އެހީއަކަށް ވެއެވެ.

ރާނބާފަތަކީ ކަށިވިދުރި އަށް ފަރުވާ ކުރުމުގައި ބޭނުންކޮށް އުޅުނު ފަތެއްކަމުގައި ބުނެވެއެވެ.

ރާނބާފަތަކީ ބަނޑުފަސޭހަކޮށްދޭ އެއްޗެކެވެ.

ވިހެއުމަށްފަހު ކުރިމަތިވާ ވަރުބަލިކަމާއި ވާޅުކަން ކުޑަކުރުމަށް ވެސް ރާނބާފަތް ބޭނުންކޮށްފައި ވެއެވެ.

ރާނބާ ފަތަކީ އަވިން ފިހުން، އަދި ޖުޒާމު ބަލި ފަދަ ހަމުގެ މައްސަލަތަކަށް ފަރުވާ ކުރުމަށް ވެސް ބޭނުންކޮށް އުޅުނު ފަތެއް ކަމުގައި ބުނެވެއެވެ.

ބޮލުން އިސްތަށި ފޭބުން އަދި ބޮލުން ހަންފޮޅުން ފަދަ ހާލަތްތަކުގައި ވެސް ރާނބާފަތުގެ އެހީތެރިކަން ހޯދިދާނެ އެވެ.

މައުލޫމާތު: ސިއްހަތު ބްލޮގް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top