ފަސް މާއްދާއިން އޭ ހޯދައިގެން އެއްއަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު އޭލެވެލް ނެޝަނަލް ޓޮޕް ޓެންގެ އެއްވަނައިގާ ހިމެނި ބ. އަތޮޅު ތައުލީމީ މަރުކަޒު އާ ރެކޯޑެއް އަނެއްކާވެސް ހޯދައިފިއެވެ.
މަދުން ނޫނީ އަތޮޅު ތެރޭގެ ސްކޫލަކަށް ނުހޯދޭ މިކާމިޔާބު ތައުލީމީ މަރުކަޒަށް ލިބުނީ މިދިޔަ ހަފްތާލިބުނު މިއަހަރުގެ އޭލެވެލް ވަގުތީ ނަތީޖާ އާއެކުއެވެ. ތައުލީމީ މަރުކަޒުން މީގެ ކުރިން އޭލެވެލް ނެޝަނަލް ޓޮޕްޓެންގައި އެއްވަނައިގެ އިތުރުން އެހެނިހެން ވަނަތަކުގައިވެސް ކުދިން ހިމެނެއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިފަހަރުގެ ނަތީޖާ ދައްކާގޮތުން މިދިޔަ އަހަރުވެސް 100 ޕަސެންޓް ކުދިން ފާސްވި ބިޒިނަސް ސްޓަޑީޒް އިން ވަނީ ކާމިޔާބު ތަކުރާރުކޮށްފައެވެ. ތައުލީމީ މަރުކަޒުގެ 51 ކުދިން ބައިވެރިވި މިއިމްތިހާނުގެ ޓޮޕްޓެންގައި މިދިޔަ އަހަރު ފަސްކުދިން ހިމެނުނެވެ. ނަމަވެސް މިއަހަރުގެ ވަގުތީ ނަތީޖާއިން އަދި ދައްކަނީ ޓޮޕްޓެންގައި ހިމެނޭނީ 4 ކުދިން ކަމަށެވެ. ދާއިމީ ނަތީޖާ ނެރޭނީ ރީޗެކް ކުރުމަށްފަހު ކަމަށްވާތީ، މިނަތީޖާ ބަދަލުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީޢު އީވީއަށް ވިދާޅުވީ މިއަހަރަކީ އޭލެވެލްގައި ތާރީހީ އަހަރެއްކަމަށާ، އެންމެ އުފާވަނީ ދެ ކުއްޖަކު ފުރަތަމަ ފަހަރަށް ޓޮޕްޓެން އެއްވަނަައިގާ ހިމެނުމުން ކަމަށެވެ. އޭނާ ވިދާޅުވީ ރީޗެކަށްފަހު ފަސް ކުއްޖަކު ޓޮޕްޓެންގައި ހިމެނޭނެ ކަަމަށް ވަރަށް ބޮޑަށް ލަފާކުރެވޭކަމަށާ، ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށެވެ.
“ވަރަށް ބޮޑު ކާމިޔާބެއް ފުރަތަމަ ފަހަރަށް ދެ ކުއްޖަކު އެއްވަނައިގާ ހިމެނުމަކީ. އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން ރީޗެކަށްފަހު ފަސް ކުދިން ޓޮޕްޓެންގައި ހިމެނޭނެކަމަށް. ކާމިޔާބާމެދު ހިތްހަމަޖެހޭ”
800 އަށްވުރެ ގިނަ ކުދިންނާއެކު ތައުލީމް ދެމުންއަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށީ 2001 ވަނައަހަރު އެވެ. އޭގެފަހުން މަދު އަހަރެއް ފިޔަވައި އެމަރުކަޒުން ނެޝަނަލް ޓޮޕްޓެންގައި ގިނަ ދަރިވަރުންތަކެއް ފާހަގަވެގެން ގޮސްފައިވެއެވެ.