ކަމަދޫ ބައިއިލެކްޝަން. ކާމިޔާބު ލިބުނީ ކޮން ބަޔަކަށް؟!

medium_149050.jpg

ކަމަދޫ ކައުންސިލުން ހުސްވެފައިވާ ގޮޑިއަށް ކައުންސިލަރަކު އިންތިޚާބުކުރުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއިން ދައްކަނީ 169 ވޯޓުން އެމްޑީޕީގެ ކެންޑިޑޭޓް ގޮނޑި ކާމިޔާބު ކުރިކަމަށެވެ. އެއީ މި އިންތިޚާބުގައި ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓަށް ވުރެ 27 ވޯޓު އިތުރަށް ހޯދައިގެންނެވެ. އެހެންވީމާ ޝައްކެއް ނެތްވަރަށް އެއޮތީ ނަތީޖާ ސާފުވެފައެވެ.

މި ކާމިޔާބާއެކު އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވަނީ ބ. ކަމަދޫގެ ބައި އިލެކްޝަނުން އިއްޔެ ފެނުނީ ރައީސް އަބްދުﷲ ޔާމީން ވޯޓަކަށް އެއްސެވުމުން ވާނެ ގޮތް ކަމަށެވެ. އެ އިންތިހާބުން ރަމްޒުކޮށްދެނީ ހަމައެކަނި ކަމަދޫގެ ރަށްވެހިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދޭތެރޭ ދެކޭ ގޮތެއް ނޫން ކަމަށާއި އެއީ މުޅި ރާއްޖޭގެ ބަސް ކަމަށެވެ.

ކަމަދޫ އަކީ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ރަށަކަށް ވެފައި 2013ގެ ރިޔާސީ އިންތިޚާބަށް އެކަނި ބަލައިލިކަމަށް ވިޔަސް ފުރަތަމަ ބުރުގައި ކަމަދޫން ރައީސް ނަޝީދު 237 ވޯޓް ހޯދިއިރު ރައީސް ޔާމީން އަށް ލިބިވަޑައިގަތީ އެންމެ 20 ވޯޓެވެ.

އިންތިޚާބުގެ ފަހު ބުރުގައިވެސް ރައީސް ޔާމީން އަށް ހޯއްދެވުނީ އެންމެ 142 ވޯޓުކަމަށް ވާއިރު ރައީސް ނަޝީދު 278 ވޯޓު ހޯއްދެވިއެވެ.

އެއީ 2013 އެވެ. މިއަދުގެ ހަގީގަތަކީ 136 ވޯޓުގެ ތަފާތު ކަމަދޫގައި އޭރު އޮތްނަމަވެސް  އެތަފާތު އިއްޔެވަނީ 27 ވޯޓަށް ދަށްވެފައެވެ. އެމަނިކުފާނު ހަނދުމަފުޅު ނެތް ތަންކޮޅަކީ މިއެވެ.

ރައީސް ނަޝީދު މިއީ މާބޮޑު ކާމީޔާބީއެއްކަމަށް ދެކެވަޑައިގަތަސް މިއީ އެމްޑީޕީ އަށް ލިބުނު ބޮޑު ނާކާމިޔާބެއްކަމަށް ދެކޭ އެމްޑީޕީ މެންބަރުންވެސް މަދެއް ނޫނެވެ. ކުރިއަށްވުރެ ގިނަ ވޯޓު ޕީޕީއެމުން ހޯދާފައިވާތީއެވެ.

ކަމަދޫގެ ބައި އިލެކްޝަންގެ ނަތީޖާއާމެދު ޕީޕީއެމުންވެސް ތިބީ ހިތްހަމަޖެހިފައެވެ. ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް އެބޭފުޅުންވެސް ވިދާޅުވެއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވަނީ ކަމަދޫގެ މި ނަތީޖާއިން އެނގެނީ ޕީޕީއެމް އަށް އޮތް ތާއީދު އިތުރުވަމުން ދާ ކަމުގައެވެ. އޭގެ ހިސާބު ޖައްސަވަމުން އޭނާ ވިދާޅުވީ ބައި އިލެކްޝަންގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 13.5 ޕަސެންޓު ވޯޓު ލިބިވަޑައިގެންނެވި އިރު، އިދިކޮޅު ތިން ޕާޓީން ކުރެ ކޮންމެ ޕާޓީއަކަށް ވެސް 13.5 ޕަސެންޓް ވޯޓު ލިބުނު ކަމަށާ އެއީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ކަމުގައެވެ. އެމްޑީޕީގެ ކެންޑިޑޭޓް ކުރިމަތިލެއްވީ އިދިކޮޅު ގުޅިފައިވާ އިއްތިހާދުގެ ކެނޑިޑޭޓެއްގެ ޓެގް ގައި ކަމަށްވާތީ ރައީސް ޔާމީން އެކަނި ނުކުންނަވައި 46 ޕަސަންޓް ވޯޓު ހޯއްދެވި ކަމަށެވެ.

ނިހާން މިޖެއްސެވި ހިސާބުވެސް ރަނގަޅުހެން ހީއެއް ނުވެއެވެ. އިދިކޮޅު ވޯޓް އެތައް ބަޔަކަށް ބެއްސެވިއިރު ޕީޕީއެމްގެ ކޯލިޝަން ގައި އެމްޑީއޭއާއި ޑީއާރްޕީ އޮތްކަން ހަނދުމަފުޅު ނެތީކަމަށް ވެދާނެއެވެ. ގިނިކަންޏާއޭ ވިދާޅުވީ އެހެންވީމައެވެ.

އަލަށް ޕީޕީއެމް އާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ކަމަދޫ މީހުން އާކޮށްދިނީ 2018 ގައި ރައީސް ޔާމީންގެ ސަރުކާރަށް ކުރާ އުންމީދެވެ. އަދި އިގްތިސާދީ ފުދުންތެރި ކަމަށް އެ މީހުން ބޭނުންވެފައި ތިބި މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މެންބަރުންނާއި ޕީޕީއެމް އަށް ސަޕޯޓްކުރާ މީހުން ބުނެފައިވަނީ ކަމަދޫކަހަލަ އެމްޑީޕީގެ ސަޕޯޓް ބޮޑުރަށަކުން މި ބައި އިލެކްޝަން އިން އެނގިގެން ދިޔައީ ޕީޕީއެމް އަށް ސަޕޯޓް އިތުރުވަމުން ދާވަރުކަމަށާއި ކަމަދޫ މީހުންވެސް ތަރައްގީއަށް އާނބަސް ބުނެފިކަމުގައެވެ.

އެހެންވީމާ މި ބައި އިލެކްޝަން އެމްޑީޕީ ކާމިޔާބު ކުރިނަމަވެސް ޕީޕީއެމްގެ ރޫހާއި ކުލަ ކަމަދޫގައި ގަދަ ކުރަމުން ނުދެއެކޭ ނުދެންނެވޭނެއެވެ. ވޯޓުން އެކަން ވަނީ ފެނިފައެވެ. ނަމަވެސް  ޕީޕީއެމްގެ އިސްމީހުންނާއި ޕީޖީ އިން މިއީ މާބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރިނަމަވެސް ހަގީގަތަކީ ކަމަދޫގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ދިނުމުގައި ސަރުކާރު އިހުމާލުވެފައިވާ ކަމުގެ ވާހަކަ އޮތީ ބޮޑު ޝަކުވާއެއްގެ ގޮތުގައެވެ. މި ދެންނެވީ ކަރަންޓާއި ފެނާއި ނަރުދަމާ އާއި ބަނދަރުގެ ވާހަކައެވެ. މިއީ ރައްޔިތުންގެ މުޅި ދިރިއުޅުން ބިނާވެފައިވާ ހަތަރު ރުކުނުގެ ވާހަކައެވެ.

މާލޭގައި ފިނި ކޮޓަރީގައި ތިއްބަވާ ޕީޕީއެމްގެ ޕީޖީންނާއި ހުދު ގަމީސް ތުރުކުރައްވައިގެން ބޮޑެތި ޖަލްސާތަކަށް ވަޑައިގަންނަވާ ބޭފުޅުންނާއި ޗެނަލް 13 ގެ އަހުލުވެރިންނަށް މި އަޑުތައް ނީވުނަސް އަތޮޅުގައި ތިއްބެވި ޕީޕީއެމް އަށް ތާއީދުކުރާ މީހުންނަށް މިއީ ނިކަން ގަދަ އަޑެކެވެ. އެބޭފުޅުންގެ އެންމެ އަތްމަތީ ބަހަކީ ރައްޔިތުން މިސަރުކާރުން  ރަށްރަށަށް ގެންނަ ތަރައްގީ ބަލައިގެންފިކަމާ މިސަރުކާރަށް 2018ގައި ރައްޔިތުން ވޯޓުދޭނީ މި ސަބަބަށް ޓަކާ ކަމުގައެވެ. އެއީތެދަކަށް ވެދާނެއެވެ. އެހެންނަމަވެސް ބައިމަދު އާބާދީ މަދު ރަށްރަށަށް އެވިދާޅުވާ ތަރައްގީއެއް ގެނެވުނު މިންވަރަކާ އެއާބާދީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަޅާލެވިފައިވާ ވަރުވެސް ބައްލަވަން ވާނެއެވެ. އެހެން ކަންނުހިންގާނަމަ ނިހާން އެވިދާޅުވާ ގޮތަށް 2018ގެ ކަމަދޫގެ މެޖޯރިޓީ ލިބުމަށްވުރެ ގާތީ 2013ގެ ތާރީޚް އިއާދަވުންކަމުގައި ބުނެވިދާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top