ރައްޔިތުންގެ އަޑު : ކުނި އުކާލުމަށް މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ޚަރަދު ކުރީ ކިހާ ފައިސާއެއްތޯ؟

5-800x451-800x451.jpg

އޭދަފުށީ ކުނިކޮއްޓަށް ޖަމާވެފައިވާ ކުނިތަކެއް / އީވީ ފައިލް ފޮޓޯ

މިއީ ބ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ ބ. އޭދަފުށީކައުންސިލަށެވެ.  ޖަވާބު ދެއްވާފައިވަނީ ލިއުމުން ކަމަށްވާތީ ނޫހުގެ ފަރާތުން އަކުރަކަށް ފިއްޔަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ.

ސުވާލު : އޭދަފުށީގެ ގޭގެއިން ކުނިއުކާލުމުގެ ފީގެ ގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން ޖޫންމަހުގެ ނިޔަލަށް ލިބިފައިވަނީ ކިހާ ފައިސާއެއްތޯ ؟

ޖަވާބު : އޭދަފުށީގެ ގޭގެއިން ކުނި އުކާލުމަށް ކައުންސިލުން ނަގާ ފީގެ ގޮތުގައި 1 ޖެނުއަރި 2017އިން 30 ޖޫން 2017ގެ ނިޔަލަށް ކުނީ ފީގެ ގޮތުގައި ބަލައިގަތް ފައިސާގެ ޖުމްލައަކީ 388685.00(ތިންލައްކަ އައްޑިހަ އަށްހާސް ހަސަތޭކަ އަށްޑިހަ ފަސްރުފިޔާ ) އެވެ.

ސުވާލު : ކުނިއުކާލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް މިއަހަރުގެ ޖެނުއަރީން ފެށިގެން ޖޫންމަހުގެ ނިޔަލަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ޚަރަދު ކޮށްފައިވަނީ ކިހާ ފައިސާއެއްތޯ ؟

ޖަވާބު : ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 1ޖެނުއަރީން 30 ޖޫން 2017ގެ ނިޔަލަށް ޖުމްލަ ޚަރަދު ކުރެވިފައިވަނީ 364364.42 (ތިންލައްކަ ފަސްދޮޅަސްހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ހަތަރުރުފިޔާ ސާޅީސް ދެލާރި ) އެވެ.

ސުވާލު : ކުނިއުކާލުމުގެ މަސައްކަތުގެ ގޮތުގައި ގެންގުޅޭ ޕިކަޕްތަކަށް 2017 ޖެނުއަރީން ފެށިގެން ޖޫންގެ ނިޔަލަށް ޚަރަދު ކޮށްފައިވަނީ ކިހާ ފައިސާއެއްތޯ ؟ އަދި މުސާރައާއި ޕިކަޕް ޚަރަދުގެ އިތުރުން  އެހެން ކަރަދެއް ކޮށްފައިވާނަމަ ތަފްސީލެއް ދެއްވުން އެދެން. 

ޖަވާބު : ކުނިއުކާލުމަށް ގެންގުޅޭ ކުލީ ޕިކަޕްތަކަށް 1 ޖެނުއަރީ 2017އިން 30 ޖޫން 2017އަށް ޖުމްލަ ޚަރަދު ކުރެވިފައިވަނީ 411،364.42 ( ހަތަރުލައްކަ އެގާރަހާސް ތިންސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ސާޅީސްދެލާރި ) އެވެ.

ސުވާލު : ކުނި އުކާލުމުގެ މަސައްކަތް ކޮށްގެން 1 ޖެނުއަރީ 2017އިން  ޖޫން ގެ ނިޔަލަށް ކުރި ޚަރަދުގެ ތެރެއިން ފީގެ އިތުރަށް  ކޮށްފައިވާ ޚަރަދު ފައިސާ ހޯދީ ކިހިނެއްތޯ ؟ ސަރުކާރުގެ ބަޖެޓުންތޯ ؟ނުވަތަ ރައްޔިތުންގެ ފައިސާއިންތޯ ؟ 

ޖަވާބު : ކުނި އުކާލުމުގެ މަސައްކަތަށް 1 ޖެނުއަރީ 2017އިން 30 ޖޫން 2017 ގެ ނިޔަލަށް ކުރި ޚަރަދުތަކުގެ ތެރއިން މުވައްޒަފުންގެ މުސާރައާއި އެލަވަންސް އަދި އެފަރާތްތަކަށް ދައްކަންޖެހޭ ވިސާފީ ފަދަ ޚަރަދުތައް ކުރެވިފައިވަނީ މި ކައުންސިލް އިދާރާ ހިންގުމަށް ސަރުކާރުން ދެއްވާފައިވާ ބަޖެޓުގެ ތެރެއިންނެވެ. މިހެންކަމުން ރައްޔިތުންގެ މާލިއްޔަތު އެކައުންޓުން ފައިސާ ޚަރަދުކުރާކަށް ނުޖެހެއެވެ.

ޖަވާބު ދެއްވީ :އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން

“ރައްޔިތުންގެ އަޑު” މި ކޮލަމަށް ސުވާލެއް ފޮނުއްވުމަށް ބޭނުންފުޅުވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top