ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މިއަދު އޮތް ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ސާޖިދު ކާމިޔާބު ކޮށްފިއެވެ.
ކަމަދޫ ކައުންސިލްގެ ނައިބު ރައީސްކަމުގައި ހުންނެވި އަލީ މައުސޫމު ކައުންސިލަރުކަމުން އިސްތިއުފާދިނުމާ ގުޅިގެން ބޭއްވި ބައިއިލެކްޝަންގައި ވާދަކޮށްފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާއިޒް އާއި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ސާޖިދުއެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވަނީ ޖުމްލަ ދެ ފޮށްޓެވެ. އެއީ ކަމަދޫގައި ބެހެއްޓި ފޮށްޓާއި މާލޭގައި ބެހެއްޓި ފޮށްޓެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް، އަހްމަދު ސާޖިދު އަށް ލިބިފައިވަނީ ޖުމްލަ 169 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓު އަލީ ނާއިޒަށް ލިބިފައިވަނީ 142 ވޯޓެވެ.
ކަމަދޫގައި ބަހައްޓާފައި ހުރި ފޮށިން ސާޖިދުއަށް 119 ވޯޓު ލިބިފައިވާއިރު، ނާއިޒަށް ލިބިފައިވަނީ 84 ވޯޓެވެ. އަދި މާލޭގައި ބަހައްޓާފައި ހުރި ފޮށިން ސާޖިދުއަށް 51 ވޯޓު ލިބިފައިވާއިރު، އެ ފޮށިން ނާއިޒަށް ލިބިފައިވަނީ 58 ވޯޓެވެ.
މި ބައި އިލެކްޝަންގައި މާލެއާއި ކަމަދޫގައި ވޯޓުލާން ފަށާފައިވަނީ ހެނދުނު 8:00ގައެވެ.
ވޯޓްލުން ކުރިއަށް ދިޔައީ ވަރަށް އަމާންކަމާ އެކުގައި ކަމަށާ އަދި ވޯޓްލުމުގެ ތެރޭގައި އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި 338 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިބވެއެވެ. ނަމަވެސް ވޯޓުލާފައި ވަނީ 315 މީހުންނެވެ.