ބ. ފެހެންދޫ އާއިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފި

hgffg.jpg

ފެނަކަ ކޯޕަރޭޝަން ފެހެންދޫ އިންޖީނުގެ އާއިމާރާތުގެ މަސައްކަތް ކުރިޔަށްދަނީ. މިއިންޖީނުގެ މިއަހަރުތެރޭގައި ހުޅުވޭނެކަމަށް ފެނަކައިން ބުނޭ / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. ފެހެންދޫގެ އާއިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެހެންދޫ އަމިއްލަ ކުންފުންޏެއްކަމުގައިވާ ތްރީ ބްރަދާސް ޕްރައިވެޓް ލިމިޓޭޑާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މިމަސައްކަތުގެ ދަށުން އާއިންޖީނުގެ ކޮންކްރީޓް ތަނބުތައް ޖަހައި، އިމާރާތުގެ ފާރުތައް ރޭނުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ. ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނީ ފެހެންދޫ އިންޖީނުގޭގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާ، އަންނަމަހުގެ ތެރޭގައި އިންޖީނުގެ އިމާރާތުގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމޭނެކަމަށް ބެލެވޭ ކަމަށެވެ.

ރީޖަނަލް އޮފީހުން ބުނީ 1.9 މިލިޔަން ރުފިޔާއަށް ތްރީ ބްރަދާސްއާ ހަވާލުކޮށްފައިވާ މިމަސައްކަތް ނިމޭއިރު ފެހެންދޫ އިންޖީނުގޭގައި އިންޖީނު ރޫމަކާއި، އޮފީސްބައެއް އަދި ތެޔޮރައްކާ ކުރާ ތަނެއްވެސް ހެދިގެންދާނޭކަމަށެވެ. އަދި އާއިންޖީނުގެއާއެކު އެރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކްވެސް ފުރިހަމަ ވެގެންދާނޭކަމަށް އުއްމީދުކުރެވޭ ކަމަށާ، އިތުރު އިންޖީނެއް އެރަށަށް ގެނައުމާބެހޭގޮތުން ފެނަކަ ހެޑްއޮފީހާ މަޝްވަރާ ކުރެވެމުންދާކަމަށްވެސް ރީޖަނަލް އޮފީހުން ބުނެއެވެ.

300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފެހެންދޫގައި މިވަގުތު އިންޖީނުގެ ހިންގަމުން އަންނަނީ ޓިނުން ހަދާފައިވާ އެރަށު ރައްޔިތުންގެ އިމާރާތެއްގައެވެ. ވިއްސާރަ މޫސުމުގައި އެއިންޖީނުގެ އެތެރެއަށް ފެނުގެ އަސަރު ކުރުމާ، ޖާގައިގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ދިމަވާކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނީ ފެހެންދޫ އާއިންޖީނުގެ މިއަހަރު ނިމުމުގެ ކުރިން ބޭނުންކުރަން ފެށޭނެކަމަށް ވަރަށްބޮޑަށް އުއްމީދުކުރާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top