ތުޅާދޫ ސްކޫލާ އެރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ތުޅާދޫ ސްކޫލްގެ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ތުޅާދޫ ސްކޫލްގެ ގްރޭޑްހަތަރަކާއި ގްރޭޑް ފަހެއް އަދި ހައެއްގެ 35 ދަރިވަރުންބައިވެރިވާ މި ޕްރޮގްރާމަކީ ކޮންމެ ދަރިވަރަކީވެސް ފަތަން ދަންނަ ކުއްޖަކަށް ހެދުމުގެ ގޮތުން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމުގައި ފްލޯޓްކުރުމާއި ތަފާތު ވައްތަރުގެ ކިކް ޖަހަން ދަސްކޮށްދިނުމާއި، ކިކްބޯޑް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމާއި އެކިއެކި ސްޓްރޯކް ތަކާއި ފެތުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މޫދުގައި ދިމާވާ ހާދިސާތަކުގައި އަމަލު ކުރާނެ ގޮތްތަކާއި ދަރިވަރުންގެ ފެންވަރުގައި ކުރެވޭނެ ކަންކަން އޮޅުން ފިލުވައިދެވޭނެ ކަމުގައި ފުލުހުން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސްވިމިންގް އިންސްޓްރަކްޓަރެއްގެ އިތުރުުން އެ ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.
ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ބ.ތުޅާދޫ ސްކޫލުގެ މެނޭޖްމަންޓާއި ތުޅާދޫ ސިއްޙީ މަރުކަޒުގެ އިތުރުން ބެލެނިވެރިންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުން ދާކަމަށް ފުލުހުން ފާހަގަ ކުރެއެވެ.