ބ. ދޮންފަނު ބަނދަރުގެ އެއްގަމުތޮށިން ބައެއް މޫދަށް ވެއްޓިއްޖެއެވެ.
ދޮންފަނު ކައުންސިލުން ބުނީ މޫދަށް ވެއްޓިފައިވަނީ ބަނދަރުގެ އިރުމަތީ ހުރަސްތޮށިން ގާތްގަނޑަކަށް ވިހިފޫޓަށް ވުރެ ދިގު ސަރަހައްދެއްކަމަށާ، ވެއްޓުނު ބައި މިހާރު އޮތީ އެއްގަމު ތޮށި ކައިރީގައި މޫދު އަޑީގައިކަމަށެވެ. ދޮންފަނު ކައުންސިލްގެ ރައީސް އަލީ ރަޝީދު އީވީއަށް ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާ ތެރޭގައި ކަމަށާ، ބަނދަރުގެ އެހެނިހެން ސަރަހައްދުތައްވެސް ބަލިކަށިވެ ވެއްޓިދާނެކަމުގެ ބިރު ބޮޑުކަމަށެވެ. އޭނާ ވިދާޅުވީ ސުނާމީ ކާރިސާއަށްފަހު ބަނދަރުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާކަމަށާ، އެއްގަމު ތޮށީގެ ބޮޑުބައެއް ކުރިންވެސް އަރިއަޅާލާފައި އެބައޮތްކަމަށެވެ.
“ކީއްތޯކުރާނީ ބަނދަރުގެ އެއްގަމު ފަޅީގެ ބޮޑުބައެއް ސުނާމީއަށްފަހު އަރިއަޅާލާފައި އޮންނަތާވެސް ކޮން ޒަމާނެއް. މިދިޔަ ހަފްތާ ޓަސް ކިޔާފަ އަނެއްކާ އެވެއްޓުނީ އިރުމަތީ ކޮޅު ހުރަސް ވާޓަރުގެ މެދުން ބައެއް ފަޅައިގެން ގޮސް. ދެން ނޭނގެ ވެއްޓޭނެ ދިމާލެއްވެސް” އަލީ ރަޝީދު ހާލަތު ބަޔާންކޮށްދެއްވިއެވެ.
އަލީ ރަޝީދު ވިދާޅުވީ ބަދަރުގެ ހާލަތު ގޯސްވަމުންދާތީ، އެއްގަމުތޮއްޓާ، އޮޑިދޯނިފަހަރު ގާތްކުރުމަކީ ނުރައްކާކަމެއްކަމަށް ދެކޭ ކަމަށެވެ. އަދި ބަނދަރުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުގައި ޓަކި ނުޖަހާ އެއްވެސް ދޮރެއް ނުހުންނާނެކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2015 ވަނަ އަހަރު އެރަށުގެ ބަނދަރު ހެދުމަށް ބަޖެޓް ކުރި ނަމަވެސް އޭގެ ހަބަރެއް ނުލިބޭ ކަމަށެވެ.
“ރައީސް ވަހީދު ވެރިކަމުގައި ސީދާ އަޅުގަނޑު ކައުންސިލުން ރައީސާ ބައްދަލުކޮށް ދެންނެވިން ހާލަތު ވަރަށް ދަށޭ. ކޮންމެވެސް ގޮތެއް ހައްދަވާދެއްވާށޭ. އެފަހަރު ހައުސިން މިނިސްޓްރީގެ ޓީމެއް އައި. 2015 ގައި ބަޖެޓް ކުރީމާވެސް އަޅުގަނޑުމެން ވަރަށް އުފާވި. އެކަމަކު ސޯޅަވެސް ދިޔައީ ސަތާރަވެސް މިދަނީ. ބަނދަރު ވީތަނެއް ނޭނގޭ” އޭނާގެ ޝަކުވާތައް ބަނޑުންކޮށްލިއެވެ.
ރަޝީދު ވިދާޅުވީ ބަނދަރު އޮތް ހާލަތަށް ބަލާއިރު ދެން މާގިނަ ދުވަހަކު އޮޑި ދޯނިފަހަރަށް މިބަނދަރު ބޭނުން ނުކުރެވޭނެކަމަށާ، ބަނދަރު މުޅިން ވެއްޓިއްޖެނަމަ ރަށުން ބައެއް ގިރާލުމަކީވެސް އެކަށީގެންވާކަމެއް ކަަމަށެވެ.
ފައްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް ދޮންފަނުގެ މިހާރު ބަނދަރަކީ 2000 ވަނައަހަރުގެ ކުރީކޮޅު އެރަށުގެ ރައްޔިތުންނާއި، ހެޔޮއެދޭ ފަރާތްތަކުގެ އެޙީގައި، ސަރުކާރުގެ ބަޖެޓުންވެސް އެހީ ލިބިގެން ހަދާފައިވާ ބަނދަރެކެވެ. 2004 ވަނައަހަރުގެ ސުނާމީ ކާރިސާގައި މިބަނދަރަށް ބޮޑު ގެއްލުމެއް ލިބިފައިވެއެވެ. އޭގެފަހުން ދޭތެރެ ދޭތެރެއިން އެއްގަމު ތޮއްޓާ، ކަނޑުތޮށިން ބައެއް ހަލާކުވަމުންދާކަންވެސް ފާހަގަކުރެވެއެވެ.