މިރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވުމަށް އެމަރުކަޒުގެ ޕޭރެންޓް ޓީޗަރ އެސޯސިއޭޝަން (ޕީޓީއޭ) ތައްޔާރުވަމުން އަންނަ ޑިނަރ ނައިޓްގެ ޓިކެޓް ވިއްކައިގެން ބައިލައްކައަށްވުރެ ގިނަރުފިޔާ ހޯދައި ޕީޓީއޭއިން ރެކޯޑެއް ހަދައިފިއެވެ.
މިއިވެންޓް އިޢްލާން ކުރިއިރުވެސް ބައިލައްކަ ރުފިޔާ ހޯދުމަށް އަމާޒުކުރި ޕީޓީއޭއިން އެއަމާޒަށް ވާސިލްވީ ބުރާސްފަތިދުވަހުކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެއެވެ. އެމަރުކަޒުގެ އޮފިޝަލަކު އީވީއަށް ވިދާޅުވީ ފުރަތަމަ ޗާޕްކުރި ޓިކެޓްވެސް ހުސްވެ އިތުރު ޓިކެޓް ޗާޕްކޮށްފައިވާކަމަށާ، ހީކުރިވަރަށްވުރެ ބޮޑު ފައިދާއެއް މިހާރުވެސް ލިބޭނެކަމަށް ބެލެވޭކަމަށެވެ.
“ޓާގެޓް ކުރީ 50000ރ ހޯދަން ޓިކެޓް ވިއްކައިގެން. އެގޮތަށް ބަލައިގެން 600 ޓިކެޓް ފުރަތަމަ ޕްރިންޓްކުރީ. އެޓިކެޓްތައް ހުސްވެގެން މިހާރު އެވަނީ އިތުރަށް ޕްރިންޓްކުރި 100 ޓިކެޓްވެސް ހުސްވެފައި. މިހާރު ލިބެން ހުންނާނީ ވީއައިޕީ ޓިކެޓް އެކަނި. އެއީ 500ރ އަށް ވިއްކާ ޓިކެޓެއް. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު 60000ރުފިޔާއާ ގާތްކުރާ އަދަދަކަށް ރުފިޔާ ލިބިފައިވާނެކަމަށް ފެންނަނީ” އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މިރޭގެ ޑިނަރ ނައިޓަކީ އާމްދަނީގެ ގޮތުން ބަލާއިރު ޕީޓީއޭއަށް ރެކޯޑެއްކަމަށާ، މިއިވެންޓްގެ ސަބަބުން ޕީޓީއޭގެ ދުވެލި އިތުރަށް ހަރުދަނާވާނެކަމަށެވެ. އަދި ޑިނަރ ނައިޓް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ޕީޓީއޭގެ އިސްޓީމަށް އޭނާ ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ.
“މިދިޔަ އަހަރުވެސް ޑިނަރ ނައިޓެއް ބޭއްވި ޕީޓީއޭ. އެކަމަކު އެދެވޭ މާބޮޑު ނަތީޖާއެއް ނުފެނުނު. އަޅުގަނޑު ހީކުރީ މިއަހަރުވެސް އެކަހަލަ ގޮތެއް ވެދާނެކަމަށް. އެހެންނަމަވެސް މިއަހަރު ޕީޓީއޭ ހިންގާ ކޮމެޓީއަކީ އާދައިގެ ޓީމެއް ނޫން. އެމީހުން އަތޮޅުގެ ރިސޯޓްތަކަށް ދަތުރުކޮށް އަދި އޮފީސްތަކަށް ގޮސް ސީދާ އަމަލީގޮތުން ޓިކެޓް ވިއްކުމުގައި އިސްދައުރެއް އަދާކުރި. އޭގެ ނަތީޖާ މިފެނުނީ”
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ޕީޓީއޭއިން އިންތިޒާމްކޮށްގެން ފަންޑް ރައިސް ކުރުމަށް އަދިވެސް އިތުރު ހަރަކާތްތައް ކުރިޔަށް ގެންދަން ރާވާފައިވާކަމަށެވެ.
ބ. އަތޮޅުގެ ސްކޫލްތަކުގެ ޕީޓީއޭއިން އިންތިޒާމްކޮށްގެން މަސައްކަތްދުވަސް ފާހަގަކުރުމާއި، ޑިނަރ ނައިޓްފަދަ ކަންކަން ބާއްވައިގެން ސްކޫލްގެ އިތުރު ހަރަކާތްތަކަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފައިސާ ހޯދައެވެ.