ކޮޕީގަސްތަކަށް އަދަބު ދިނުން. އެހެންގޮތެއް ނޯންނާނެތަ؟

DSCN6437.jpg

އޭދަފުށީގެ ހަނި މަގެއް - ފޮޓޯ : އީވީ

އޭދަފުށީގެ ގިނަ ގޭގެއަށް ވަނުމުގެ ކުރިން ދޮރާށި ކައިރިން މަރްހަބާ ކިޔާނީ ފެހިކުލައިގެ ދޫލައެއް ހެން ދޮރުމަތީގެ ދެފަރާތުގައި ދަމާލެވިފައިވާ ކޮޕީ ގަސްތަކެވެ. ރީތި މަންޒަރެކެވެ. ރަށަށް އަންނަ މެހްމަނުންވެސް އޭދަފުށްޓާ ގުޅިފައިވާ ރީތި ކަމެއްގެ ގޮތުގައި މިވާހަކަ ދައްކައެވެ.

ގޯތީގެ ބޭރު ފާރުކައިރީގައި ކޮޕީ ހެއްދުމަކީ ގިނަ ރަށްރަށުގައި ނިކަން ފޯރިއާއެކު ކުރަމުން އަންނަ ކަމެކެވެ. ބައެއް މީހުން އެކަން ކުރަނީ ގޯތި ތެރޭގައެވެ. އަނެއްބަޔަކު ގޯތީގެ ވަށާފާރުން ބޭރުގައެވެ. އިރުގެ އަވި ރަނގަޅަށް ލިބި ގަސް ހެއްދުމަށް ފަސޭހަ ވާތީ ކަމުގައި ބައެއް މީހުން ބުނެއުޅެތެވެ. އާމްދަނީ ހޯދުމަށް މިކަން ކުރާ މީހުންވެސް މަދެއް ނޫނެވެ.

މިގޮތަށް ގަސް ހެއްދުމުގައި ގަވާއިދެއް އޮންނަ ރަށްރަށާއި ނެތް ރަށްރަށުގައިވެސް އެގަސްތައް ހައްދާފައި ހުންނަނީ ފާރު ކައިރީގައި ، ހިނގާ މީހުންނަށް އުނދަގޫ ނުވާގޮތަށެވެ.  ބައެއް ފަހަރު ގަހުގެ ފަތްތައް މާ ބޮޑެތިވެ ފެތުރެން ފެށުމުން މަގުން ދުއްވާ އެއްޗިއްސަށް އުނދަގޫ ނުވެއެކޭ ބުނާކަށް ނުވާނެއެވެ.

މައްސަލައަކަށް ވެގެން އުޅެނީ މިހެންވީމާ ކަމަށް ވެދާނެއެވެ. އޭދަފުށީ ކައުންސިލުން މިހާރުވަނީ މިގޮތަށް މަގުމަތީގައި އިންދާފައިވާ ކޮޕީގަސްތައް އެއް މަސްދުވަހުގެ ތެރޭގައި ނެގުމަށް އިއުލާނަކުން އަންގާފައެވެ.  މިކަމާ ގުޅިގެން ރަށު ކައުންސިލަށް ފާޑު ކިއުމުގައި އެންމެ ކުރީގައި އުޅެނީ ސޯޝަލް މީޑިއާއެވެ.

އެއިއުލާނުގައި އިތުރަށް ބުނެފައިވަނީ އޭދަފުށީގެ މަގުތަކާއި ރަށުގެ ވަށައިގެންވާ ސަރަހައްދުތަކަކީ ސާފުތާހިރު ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މަގުމަތީގައި ގަވާއިދާ ޚިލާފަށް ހައްދާފައިވާ ގަސްގަހާގެއްސާއި އެހެނިހެންތަކެތި ނެގުމުގެ މަސައްކަތް އެކައުންސިލުން ތަކުރާރުކޮށް ކުރަމުންދާކަމަށާއި ނަމަވެސް މިހާރަކަށް އައިސް ކައުންސިލްގެ މިއެންގުމާ ހިލާފުވުން އިތުރު ވަމުންދާތީ، މިއަދުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް، ތަކެތީގެ ވެރިފަރާތްތަކަށް އަންގާކަމަށެވެ.

ކަންބޮޑުވެގެން އުޅެނީ މަގުމަތީގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ތަކެތި ނަގަން އަންގައިގެން ނޫނެވެ. އެއީ ކުރަންވެއްޖެ އަދި ކުރަންވެސް ޖެހޭ ކަމެކެވެ. ހިނގާ މީހުންނާއި ދުއްވާއެއްޗިއްސަށް އެކަމުގެ ދަތިކަން ފޯރުމުގެ އިތުރަށް ރަށުގެ ރީތިކަންވެސް ގެއްލޭކަމަކަށް ވާތީއެވެ. އެހެންނަމަވެސް މި ގިންތީގައި ކޮޕީގަސްތައް ހިމެނުމަކީ އެތައް ބަޔަަކަށް ލިބުނު ޝޮކެކެވެ. ބުރަ މަސައްކަތުންނާއި ގިނަ ޚަރަދުތަކެއް ކޮށްގެން ހައްދާފައި ހުންނަ ގަސްތަކަށް މިފަދަ އަދަބެއް ދިނުމަކީ އިންސާފުތޯ ސުވާލު ކުރާ މީހުން މަދެއް ނޫނެވެ. ވަކި ހަމައަކުން ގޯތީގެ ފާރު ކައިރީގައި ކޮޕީ އިންދުމުން މަގަށް ނުވަތަ ރަށަށް ލިބޭ ގެއްލުމަކީ ކޮބާހެއްޔެވެ. ވަރަށް މަދު ބަޔަކު ނޫނީ އެގަސްތައް ހައްދާފައި ހުންނަނީ ޕޮޓެއްގައި ފާރު ކައިރީގައެވެ. ސީދާ މަގުމަތީގައި އިންދާފައި ހުންނަނީއެއް ނޫނެވެ.

އޭދަފުށީ ކައުންސިލުން މީގެ ކުރިންވެސް ވަނީ މަގުމަތީގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ އެއްޗިތީގެ ތެރޭގައި ކޮޕީގަސްވެސް ހިމަނައި ގަސްތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ އެކު ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. މީގެ ދެއަހަރެއްހާ ދުވަސް ކުރިން ހިންގި މި އޮޕަރޭޝަނުން އެވަގުތަށް ރަށުގެމަގުތައް އަމާންވިއެވެ. އެކަމަކު އަނެއްކާވެސް މިއޮތީ އިހުވަރު އަރުވާލާފައެވެ. އެހެންކަމަށް ވާނަމަ މަގުތައް ޖެހޭނީ އަމާންކުރަންތާއެވެ.

އެކަމަކު ކީއްވެގެން ހެއްޔެވެ. ކައުންސިލް ބަދަލުުމާއެކު ހަމަކުއްލިއަކަށް ރައްޔިތުންގެ ބޮޑު އާބާދީއެއް ކުރަމުން އަންނަ ފައިދާހުރި ރަނގަޅު ކަމެއް ހުއްޓުވަން މިއުޅެނީ ކީއްވެގެން ބާއެވެ.

މައްސަލައަކަށް ވަނީ އިން ފަހަނައަޅައި ދިއުމެވެ. ގޯތީގެ ފާރުން ބޭރަށް ، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށް ގަސް ހެއްދުމެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. އެކަމަކު ދޮޅު ފޫޓު ނުވަތަ ދެފޫޓެއްހައި ތަން މަގުން ބޭރަށް ނުކުމެފައި ހުންނަ ކޮޕީ ގަހަކުން މަގަށް ލިބޭނެ ނުތާހިރުކަމެއް ނުވަތަ ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ވާނެ  އުނދަގުލެއް ނުވިސްނެއެވެ.

މީގައި ވިސްނާލަން ޖެހޭ މުހިއްމު ކަމަކީ ކޮންމެ މީހަކުވެސް ގަސްހައްދަނީ އެމީހާގެ އުފަލަކަށެވެ. އެމީހާގެ ބޭނުންތަކަކަށެވެ. މަގުމަތީގެ ރީތިކަން ނަގާލުމުގެ ގޮތަކުންނޫނެވެ. އެހެންވީމާ މިކަމަށް އިމެއް ނުވަތަ މިނެއް ކައުންސިލުން ކަނޑައަޅުއްވައި އެމިނަށް ހައްދަން ބާރު އެޅުމުގެ ބަދަލުގައި ކަމެއް ފާލުން ނައްޓާލާ އިރަށް ހަރުކަށި އަދަބު ދިނުމަކީ އެކަމުގެ ހައްލެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ.

މިކަން މި ގޮތަށް ހިނގުމުން އާ ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށްލާ އެކަމުގެ މަޝްވަރާ އަކަށް ގޮވާނުލީ ކީއްވެގެންތޯއެވެ. މަގުތަކުގައި ގަވާއިދާ ޚިލާފަށް ހައްދާފައިހުންނަ ގަސްގަހާ މީހުންނަށާ ދުއްވާއެއްޗިއްސަށް އުނދަގޫވާގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް މިކަހަލަ ހަރުކަށި ވިސްނުމެއް އިސްކުރުމުގެ ކުރިން ރައްޔިތުންނާ މަޝްވަރާ ކޮށްލިނަމައެވެ. އެމީހުންގެ އަޑެއް އެހުމެއް ނެތި ޓަސްލާފައި ގަދަ އަމުރު ނެރުމަކީ އެކަމުގެ ހައްލަކަށް ނުވާނެއެވެ. އެހެންނަމަ ބިރުދައްކައިގެން މީގެ ދެއަހަރުދުވަސް ކުރިން މިފަދަ ތަކެތި ނެގި ނެގުން އަލުން ރިޕީޓެއް ނުވީއެވެ.

ވިސްނަވާށެވެ. ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިންނެވެ. ކައުންސިލަރުން އިންތިޚާބު ކުރީ ރައްޔިތުންނެވެ. އެއީ ރައްޔިތުންގެ ބޭނުންތަކާ ވިންދާ އިހްސާސްތަކާ އެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. އަމުރުކުރަން ނުޖެހޭ ހާލަތްތަކުގައި މަޝްވަރާގެ ރީތި އުސޫލުން އަމަލު ކުރުމަށެވެ. އެއިމުގައި ތިޔަ ބޭފުޅުންވެސް ތިއްބަވާނަމަ ރައްޔިތުންވެސް ތިއްބަވާނީ އިމުގެ ތެރޭގައެވެ.

މި އުސޫލުން ބަލާއިރު ކޮޕީގަސްތަކަށް ކަނޑައަޅުއްވާފައިވާ ނިޔާއާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަކީ ކޮންމެ ރައްޔިތެއްގެވެސް އިޚްލާސްތެރި އެދުމަކަށް ވާނެކަމަށް ހީކުރައްވާށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top