އޭދަފުށީ ކައުންސިލުގެ މިދިޔަ ދައުރު އޮޑިޓް ކުރަން ނިންމައިފި

gf.jpg

އޭދަފުށީ ކައުންސިލްގެ މިދައުރުގެ މެމްބަރުން ހުވައި ކުރެއްވުމުގެ ދަރުބާރުގައި. ކުރީގެ ކައުންސިލްގެ ދައުރު އޮޑިޓް ކުރުމަށް ވަނީ ފާސްކޮށްފައި / ފޮޓޯ: އޭދަފުށީ ވޮއިސް

އޭދަފުށީ ކައުންސިލުން އެކައުންސިލްގެ ވޭތުވެދިޔަ 3 އަހަރުގެ އިންޓާނަލް އޯޑިޓެއް ކުރުމަށް ނިންމައިފިއެވެ.

އެކައުންސިލުން މިގޮތަށް ނިންމީ ކައުންސިލް ހުވާ ކުރުމަށްފަހު މިދިޔަ ހަފްތާގެ ބުދަދުވަހު ބޭއްވި އެކައުންސިލްގެ މިދައުރުގެ ދެވަނަ އާންމު ޖަލްސާގައެވެ. އެޖަލްސާގައި އިންޓާނަލް އޯޑިޓެއް ކުރުމަށް ފާސްވީ ކައުންސިލްގެ ހަތަރު މެމްބަރުންގެ އިއްތިފާގުންނެވެ.

ކައުންސިލްގެ ޖަލްސާގެ ޔައުމިއްޔާގައިވާގޮތުން މިމައްސަލަ ހުށައެޅުއްވީ ކައުންސިލްގެ އަމިއްލަ މެމްބަރު ޒައިދު އަލީއެވެ. ޒައިދު ހުށައެޅުއްވީ 2014 ފެބުރުވަރީ 26ން 2017 ޖޫން 2 ވަނަ ދުވަހާ ހަމައަށް އަތޮޅު ކައުންސިލް މެދުވެރިކޮށް އިންޓާނަލް އޮޑިޓެއް ކޮށްދިނުމަށް ހުށައެޅުމަށެވެ. މިގޮތަށް ފާސްކުރުމަށް ވޯޓް ދެއްވީ ޒައިދުގެ އިތުރުން ޕީޕީއެމް މެމްބަރ ހައްވާ ސަމީހާ، ޝަމްލާ އަބްދުﷲ އަދި އެމްޑީޕީ މެމްބަރ ނައުޝާދު އަހްމަދެވެ. ރިޔާސަތުގައި އިންނެވީ ރައީސް ތޮލާލެވެ.

އޭދަފުށީ ކައުންސިލުން އިންޓާނަލް އޮޑިޓެއް ކުރަން ނިންމި ނިންމުމާބެހޭ ގޮތުން ރައީސް ތޮލާލް އީވީއަށް ވިދާޅުވީ އޮޑިޓް ކުރަން ހުށައެޅުނު މައިގަނޑު ބޭނުމަކަށްވީ، ވޭތުވެދިޔަ ކައުންސިލުން ނިންމައި، ތަންފީޒުކުރަމުންދާ ކަންކަމާއި، ކޮށްނިމިފައިވާ ކަންކަން މިހާރުގެ ކައުންސިލަށް ރަސްމީކޮށް ކިޔާނުދެވި އޮތުމުގެ ސަބަބެވެ. އޭނާ ވިދާޅުވީ މިއީ ނިމިދިޔަ ކައުންސިލުގެ ބޮލުގައި އިލްޒާމެއް އެޅުވުމުގެ ނިޔަތުގައި ހުށައެޅުނު މައްސަލައެއްކަމަށް ނުދެކޭ ކަމަށެވެ.

“އަޅުގަނޑުމެންނަކީ އަލަށް އައިސް ކައުންސިލްއަށް ވަތް ބައެއް. އެނގެންޖެހޭ ކިތަންމެ ކަމެއް ނޭނގި މިހުރީ. ޖުމްލަ ކޮށް ބުނާނަމަ ކުރީގެ ކައުންސިލުން ހޭންޑް އޯވާ ނުކޮށް މިއޮތީ. އެހެންވީމާ، ވެފަ އޮތްކަމެއް އަދި ވާންވީ ގޮތެއް ބަލައިގެން އަޅުގަނޑުމެންގެ މަސައްކަތް ކުރިޔަށް ގެންދަން ފަސޭހަ ވާނީ. އެއްގޮތަކަށްވެސް މިއުޅެނީ ކުރީ ކައުންސިލުން ކަމެއް ގޯސްކޮށް ކޮށްގެންނެކޭ ނޫން މިދެންނެވީ. އޮޑިޓަށްފަހު ރައްޔިތުންނަށްވެސް ކަންކަން ސާފުކޮށްދޭން ފަސޭހަވާނެ” ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ކުރީގެ ކައުންސިލުން ނިންމާފައިވާ ބައެއް ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ އޮޅުންތައް އަރާ ކަމަށާ، އެކަންކަން ސާފުކޮށް ކުރިޔަށް ދެވޭނެ މަގު މިއޮޑިޓަށްފަހު އަވަސްވާނެކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީއޮޑިޓް ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް މިހަފްތާތެރޭގައި އަތޮޅު ކައުންސިލްގައި ދަންނަވާނޭކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top