ރޯދައިގެ ފަހުން މަގުހެދުމުގެ މަސައްކަތް އަވަސްވާނެ – ސައިޓް އޮފީސް

DSC_2199-800x451-800x451.jpg

އެމްއާރުޑީސީ އޭދަފުށިގެ މުވައްޒަފުން އޭދަފުށި މަގު ހެދމުގެ މަސައްކަތް ކުރަނީ. ރޯދައިގެ ފަހުން މަސައްކަތުގެ ސްޕީޑް އަވސްވާނެކަމަށް އެކުންފުނިން ބުނޭ /އީވީ ފައިލް ފޮޓޯ

މަޑުޖެހިފައިވާ އޭދަފުށީގެ މަގުތައް ތާރުއަޅައިގެން ހެދުމުގެ މަސައްކަތް ރަމަޟާންމަހަށްފަހު ބާރު ސްޕީޑްގައި ކުރިޔަށް ގެންދެވޭނެކަމަށް އެމްއާރުޑީސީ އޭދަފުށީ ސައިޓް އޮފީހުން ބުނެފިއެވެ.

އޭދަފުށީގެ މަސައްކަތް ކުރިޔަށްދާ ގޮތާ ބެހޭގޮތުން އީވީއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއާރުޑީސީގެ އޭދަފުށީ ސައިޓް މެނޭޖަރ މުހައްމަދު ބަޝީރު ވިދާޅުވީ މިވަގުތު މަސައްކަތް މަޑުޖެހިފައިވަނީ ރަމަޟާންމަހު މަސައްކަތް ކުރާ ވަގުތުކޮޅު މަދުވެގެންކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތް އަވަސް ކުރުމަށް އެންމެ ބޭނުންވި އެކްސްކަވޭޓަރު ރޯދައިގެ ކުރިން އޭދަފުއްޓަށް ގެނެވިފައިވާ ކަމަށާ، އޭގެ ބޭނުން ރޯދައިގެ ފަހުންހިފޭނެ ކަމަށެވެ.

“އަތުން ކޮންނަން ޖެހޭތީ އެންމެ ބޮޑަށް މަސައްކަތް މަޑުޖެހުނީ، އެހެންނަމަވެސް ރޯދައިގެ ކުރިން މަގު ކޮންނަ އެކްސްކަވޭޓަރ މިހާރު އެއޮތީ ގެނެވިފައި. ދެން ފަނަކައާ، ކޭބަލްތައް އަޅަފައިހުރި ފަރާތްތަކާ ގުޅިގެން ރޯދައިގެ ފަހުން ވަރަށް ބާރަށް މަސައްކަތް ގެންދެވޭނެކަމަށް އަޅުގަނޑު ދެކެނީ” ބަޝީރު ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވީ މަސައްކަތަށް ބޭނުންވާ އިތުރު ސާމާނުތައްވެސް ލިބެމުންދާކަމަށާ، ޖަންގްޝަނާއި، ހޮޅި ފަދަ ތަކެތިވެސް އެކަށީގެންވާ ސްޓޮކެއް ގާއިމްކުރެވިފައި އެބަހުރި ކަމަށެވެ.

“ތަކެތި ލިބުމުގައި މައްސަލައެއް ނޫޅޭ މިހާރަކު. ކުރިން ދިމާވި ކޮންމެވެސްވަރަކަށް، އެކަމަކު ފަހުން ދިމާވިކަމަކީ މަގުތައް ކޮންނުން ލަސްވީ، އެކަން އަވަސް ކުރަން އެކްސްކަވޭޓަރ މިހާރު މިގެނެވުނީ”

އޭދަފުށިގެ 15 މަގު ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމަށް އެމްއާރްޑީސީ އާ ހަވާލުކޮށްފައިވަނީ 16 ޖޫން 2015ގައެވެ. 33 މިލިޔަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތްފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ތާރުއަޅާނީ ޖުމްލަ 3.36 ކިލޯމީޓަރުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top