ހުކުރު މިސްކިތު އެއާކޯން ޖެއްސުމުގެ ހުއްދަ ކައުންސިލުން ދީފި

miskiy-1.jpeg

މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންގައި ބަޔަކު ނަމާދު ކުރަނީ. ފޮޓޯ: އޭދަފުށި ވޮއިސް

އޭދަފުށި މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް) ގައި ހަރުކޮށްފައިވާ އެއާކޮންޑިޝަންތައް ޖެއްސުމަށްޓަކައި ކަރަންޓް ދިނުމުގެ ހުއްދަ އޭދަފުށީ ކައުންސިލުން އޭދަފުށީ އިންޖީނުގެއަށް ދީފިއެވެ.

އާކައުންސިލް އިދާރާއާ ހަވާލުވުމަށްފަހު އާދީއްތަދުވަހު އެންމެ ފުރަތަމަ ނިންމީ އެމިސްކިތުގެ އެއާކޯންތަކަށް ކަރަންޓް ލުން މިވަގުތަށް މެދުކަނޑާލާށެވެ. ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މިމަސައްކަތް މެދުކަނޑާލީ އެކަން ހިނގާގޮތް މުޅިން ސާފުނުވެގެން ކަމަށް އޭރު ކައުންސިލް އިދާރާއިން ބުންޏެވެ.

ނަމަވެސް އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ އޭސީތަކަށް ކަރަންޓް ލުމުގެ ކަންކަން ހިނގާގޮތް ބަލައި، އެކަން ކުރިޔަށް ގެންދެވޭނޭ މަގު މިހާރު ކައުންސިލުން ތަނަވަސް ކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ ބަޖެޓުން ބިލް ދައްކާގޮތަށް މިރަމަޟާންމަހު އޭސީތައް ޖެއްސުމަށް ކަރަންޓް ހޯދުމަށް އިއްޔެ އޭދަފުށީ އިންޖީނުގޭގައި ދަންނަވާފައިވާ ކަމަށެވެ.

“މިއަދު ކަރަންޓްދިނަސް މިހާރު އޭސީ ޖެއްސޭނެ. އެއްވެސް އޮޅުމެއް ނެތް މިހާރަކު. އެހެންނަމަވެސް އަޅުގަނޑުމެން ފުރަތަމަ މިޖައްސަން ނިންމީ ރޯދަމަހުގެ ނިޔަލަށް. ކަރަންޓް ބިލް ދައްކާނީ ރައްޔިތުންގެ މާލިއްޔާއަކުން ނޫން. ކައުންސިލްގެ ބަޖެޓުން އެކަން ހަމަޖެހޭނެ އުސޫލެއް ހަމަޖައްސާފައި މިހުއްދަ ދިނީ. ނަމަވެސް ރޯދަމަހަށްފަހު އޭސީތައް ޖެއްސުމާމެދު ގޮތެއް ނިންމާނީ ކައުންސިލާއި، ރައްޔިތުންނާއެކު މަޝްވަރާކޮށް، ކަރަންޓް ބިލް ދެއްކުމަށް ހަމަޖެހޭ އުސޫލުތަކަށްފަހު” ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ އެއާކޯން މަސައްކަތްތައް ކައުންސިލުން ހުއްޓުވިކަމަށް ރަށުތެރޭގައި ބަޔަކު އަޑު ފެތުރިނަމަވެސް އެއީ އޮޅުމެއް ކަމަށާ، ހިނގަމުންދާ މަޝްރޫއުތައް ހިނގާ ނުހިނގާގޮތް ކައުންސިލަށް އެނގެން ބޭނުންވާތީ، މަޑު ޖައްސާލީކަމަށެވެ.

“ފުރަތަމަ ކައުންސިލަށް އަޅުގަނޑުމެން ވަދެފައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް މިބެލީ ކުރިޔަށް ދާގޮތް. މިޕްރޮޖެކްޓް ކުރިޔަށް ދާ ގޮތުގައި އޮޅުންތަކެއް އެރީ. އެކަން ސާފުނުކޮށްފިނަމަ ރައްޔިތުންނަށް ގެއްލުމެއް ވެދާނެކަމަށް ކައުންސިލަށް ފެނިގެން މަޑުޖައްސާލީ. އެއްވެސް ހާލެއްގައި ރައްޔިތުން އެދޭ ކަންކަމަށް ހުރަހެއް ނާޅާނެ ކައުންސިލަކުން”

ހުކުރު މިސްކިތުގައި ހަރުކުރި 10 އެއާކޯން ހަދިޔާކުރީ އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ. މިއެއާކޯންތައް ބެހެއްޓުމާބެހޭ މައިގަނޑު ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އޭދަފުށީ ހުޅަނގު ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ބަޔެކެވެ.

700 އަށްވުރެ ގިނަމީހުން އެއްފަހަރާ ނަމާދުކުރެވޭ ޖާގަ އޮންނަ އޭދަފުށި ހުކުރު މިސްކިތަކީ 1995 ވަނައަހަރު އެރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތާއި، ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ އަދަޔާހިލާފު ރީތި މަސައްކަތްތައް ދައްކައިދޭ މިސްކިތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top