މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ޓޫރިޒަމް މިނިސްޓްރީ ފެއިލްވެއްޖެ :ޓީމް

water-villa-exterior-view-area-kihaad-resort-hotel-maldives-luxury-5-star-all-inclusive-kihaadhuffaru-island-baa-atoll.jpg

ކިހާދުމޯލްޑިވްސް ރިސޯޓް

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ޓޫރިޒަމް މިނިސްޓްރީ ފެއިލްވެއްޖެ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.

ޓީމް އިން މިހެން ބުނެފައިވަނީ އެ އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ.

އިނގިރޭސި ބަހުން ކޮށްފައިވާ އެ ޓްވީޓުގައި ބުނީ ރިސޯޓުތަކުން ރިޑަންޑެންސީގެ ހާލަތުގައި މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކުރާ މައްސަލަ ބަލައި އެކަން ހުއްޓުވަންޖެހޭ ކަމަށެވެ. ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން 180 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ އިރު އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އަދި ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާއިރު، އޭގެ ތެރެއިން 99 އިންސައްތަ މީހުންނަކީ ދިވެހިންކަން ވެސް ޓްވީޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ޓޫރިޒަމް މިނިސްޓްރީ ފެއިލްވެފައިވާ ކަމަށާއި މިއީ ފަތުރުވެރިކަމުގެ ސިނާއަތް ދިވެހިންނަށް ހާއްސަކުރަންވީ ވަގުތު ކަމަށްވެސް ޓީމް އިން ބުނެފައިވެއެވެ.

ޓީމް އިން މިހެން ބުނެފައިވާއިރު ރިސޯޓުތައް އަލުން ހުޅުވާއިރު ދިވެހިންނަށް ވަޒީފާ ދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

މި ޕެޓިޝަނުގައި، ފަތުރުވެރިކަމުގެ ސިނާއަތަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ވަކި ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ނޫނީ ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ނުދިނުމަށް ގޮވާލާފައިވެއެވެ.

އެގޮތުން އަލުން ރިސޯޓުތައް ހުޅުވާއިރު ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ މިންވަރަށް ވުރެ ދިވެހި މުވައްޒަފުން މަދުނުވުމާއި، އަދި މަދުވެގެން 45 އިންސައްތަ ދިވެހި މުވައްޒަފުން ނެތް ރިސޯޓުތައް އެ އަދަދަށް މުވައްޒަފުން ހޯދައިގެން ހުޅުވުމަށް ވަނީ ގޮވާލާފައެވެ.

އަދި ރިސޯޓުތަކުގައި ހުސްވެފައިވާ މަގާމަކަށް ބިދޭސީ މުވައްޒަފަކު ނަގަންވާނީ، ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު، ދިވެހި މުވައްޒަފުންނަށް ފުރުސަތު ދިނުމަށް ފަހުގައިކަން ކަށަވަރު ކުރުމަށް ވެސް އެ ޕެޓިޝަނުގައި ގޮވާލާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top