އޭދަފުށި “އަޖައިބު” ކޮއްލި މުސްތަފާގެ ނޭނގޭ ވާހަކަތައް

DSCN5914-800x600-800x600-1.jpg

މުސްތަފާ އޭނާގެ ބައްޕައާއެކު، އޭދަފުށީ ވޮއިސްއަށް އިންޓަވިއު ދެނީ / ފޮޓޯ: އޭދަފުށީ ވޮއިސް

އުމުރުން 11 އަހަރުގެ ކުއްޖަކު ހާފިޒަކަށް ވުމީ ނުވަތަ ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް މަދުންނޫނީ ހިނގާކަމެއް ނޫނެވެ. އެޚަބަރެއްވާނީ އާދަޔާ ޚިލާފު އަދި މި މުސްލިމް ދިވެހިރާއްޖޭގެ އެންމެ ބޮޑު ފަޚްރެއްކަމުގައިވާ އިސްލާމް ދީންދެކެ ލޯބިވާ އެންމެންނަށް ލިބޭނެ ބަޔާން ކުރަން ދަތި އުފަލެއްކަމުގައެވެ.

ކަންތައް ވީވެސް އެހެންނެވެ. އޭދަފުށީ އެރޯވިލާ މުހައްމަދު ނަޝީދު އިންޑިއާގެ ރައްޔިތެއް ކަމުގައިވާ މާޖިދާއާ ކައިވެނި ކުރައްވައިގެން ލިބިފައިވާ ދެދަރިންގެ ތެރެއިން ހަގުދަރިފުޅު 11 އަހަރުގެ މުސްތަފާ ކީރިތި ޤުރުއާން ހިތުދަސްކުރުމަށްފަހު އޭދަފުށީގެ ބޮޑު މިސްކިތުގައި މިއަހަރު ތަރާވީޙް ނަމާދު އިމާމްވެ ކުރާ އެއް ހާފިޒަކީ އޭނާކަމުގައި ހަމަޖެހުމާ ގުޅިގެން އެވާހަކަ އޭދަފުށީ ވޮއިސްގައި ޝާއިޢު ކުރުމާއެކު ސޯޝަލް މީޑިއާ ކެކި އަރައިގަތެވެ. އެއީ ކާކުތޯ ބެލުމަށާއި އޭނާގެ ރީތި އަޑުން ޤުރުއާން ކިޔަވާ އަޑު އިވޭ ވީޑިއޯ ކްލިޕެއް ނުވަތަ އޯޑިއޯ ކޮޅެއް ލިބޭތޯ ނޫހަށްވެސް ގިނަ ކޮމެންޓްތަކަކާއެކު ފޯން ކޯލްތަކެއްވެސް އަންނަމުން ދިޔައެވެ.

މުސްތަފާ އާއި އާއިލާ ދިރިއުޅެމުން ގެންދިޔައީ އޭދަފުށީގައެވެ. އިންޑިއާއަށް ބަދަލުވީފަހުން އަދި މިވީ ދެއަހަރެވެ. އޭދަފުށީގައި ދިރިއުޅުނު އިރުވެސް މުސްތަފާއަކީ ގިނަ ވަގުތު މިސްކިތުގައި މުސްޙަފު ހިފައިގެން ޤުރުއާން ކިޔަވަމުން ދިޔަ ކުއްޖެކެވެ. އޭނާ މިއުޅެނީ ގުރުއާން ހިތު ދަސްކުރުމުގެ އަޒުމްގައި އެކަން ފުރިހަަމަކުރަންކަމުގައި އެކަކުވެސް ހިއެއް ނުކުރެއެވެ. އެކަމަކު މިއަދު ހާފިޒަކަށް ވުމުން އެންމެންނަށްވެސް އެނގިގެން މިދިޔައީ އޭނާއަކީ އެންމެ ކުޑައިރުން ފެށިގެންވެސް މިކަމުގެ ޝައުގު ހުރެގެން މަސައްކަތް ފަށާފައިވާ މީހެއް ކަމުގައެވެ. އޭނާގެ މަންމަ މާޖިދާވެސް ބުނީ މިހެންނެވެ.

“މުސްތޮފާއަކީ އަބަދުވެސް ކީރިތި ގުރުއާން ކިޔެވުމުގެ ޝައުގު ވެރިކަން ހުރެގެން އެރޮނގުން މަސަައްކަތް ކުރި ކުއްޖެއް. މިރަށުން ދަމުންވެސް އޭނާގެ ރައްޓެހި ކުދިން ގާތު ބުނެފައިވޭ ދެން މިރަށަށް ތިމަންނަ އެނބުރި އަންނާނީ ހާފިޒަކަށް ވެގެން އިމާމްވެ ތަރާވީޙް ނަމާދު ކުރާށޭ”

މުިސްތަފާ ގުރުއާން ހިތުދަސް ކުރުމާ ގުޅިގެން އޭނާ ކިޔަވަމުންދާ ކޮލެޖުން ދީފައިވާ ހާފިޒްކަމުގެ ސަނަދު / ފޮޓޯ: އޭދަފުށި ވޮއިސް

އޭނާގެ ވައުދު އެފުއްދީއެވެ. ހީވެސް ނުކުރާހާ އަވަސް މުއްދަތެއްގައެވެ. އޭނާގެ އުފަންރަށަށް އެނބުރިއައީ އެންމެ ދެއަހަރު ދުވަހުގެ ތެރޭގައި ހާފިޒެއްގެ ޝަރަފްވެރިކަމާއެކުގައެވެ.

ހާފިޒްކަމާއެކު އޭނާގެ މިޒާޖާއި ތަބީއަތަށްވެސް ވަނީ އެކަމުގެ އަސަރު ވަރަށް ބޮޑަސް ފޯރާފައި ކަމަށް މަންމަ މާޖިދާ ބުންޏެވެ. ” ވަރަށް ލާނެތްކޮށް ނިކަން ހަލަނިކޮށް އުޅުނު ކުއްޖެއް އޭނާއަކީ .އެކަމަކު މިހާރުވަނީ އެހުރިހާ ކަމެއް ބަދަލުވެފަ. އިއްޔެ އޭނާއާއެކު ކުޅެ މަޖާކޮށްއުޅުނު އެންމެ ގާތް އެކުވެރިކުދިން އޭނާއަށް މަރުހަބާކިއުމަށް އައި. އެކުދިން ބޭނުންވި މުސްތޮފާއާއެކު މަޖާކޮށް ވަގުތު ކޮޅެއްވެސް ހޭދަކޮށްލަން. އެހެންނަމަވެސް އޭނާގެ ޝައުގުވެރިކަމެއް ނެތުމުން މުސްތޮފާއަށް އައިސްފައިވާ ބަދަލުން އެކުދިންވެސް ތިބީ ހައިރާން ވެފަ.”

މުސްތަފާ ކިޔަވަމުންދާ ކޮލެޖުން ގުރުއާން ކިޔެވުމުގެ ރޮނގުން އޭނާއަށް ލިބިފައިވާ ބައެއް ސެޓްފިކެޓްތައް / ފޮޓޯ: އޭދަފުށި ވޮއިސް

މާޖިދާ ބުނީ އެކުވެރިން އައިނަމަވެސް އެކުދިންނާވެސް ކުރިން އުޅުނު ގޮތަށް މަޖާކޮށް ނުހަދާ. އޭގެ ސަބަބެއްކަމަށް މާޖިދާ ބުނީ އޭނާ ކިޔެވި ކުއްލިއްޔާގެ މުދައްރިސުން އެގޮތަށް ބުނެފައިވާތީ ކަމަށް ވެދާނެއެވެ. “އެކުއްލިއްޔާއިން އަންގާފައިވަނީ ބޭކާރުވާހަކަތައް ދެއްކުން މަދުކުރުމަށް. އެހެންވެ އަހަރެމެންނާވެސް މިހާރަކު އެހާބޮޑަށް ވާހަކަ ދައްކައެއް ނޫޅެ. “މުސްތަފާއަށް އައިސްފައިވާ ބަދަލާބެހޭ ގޮތުން ވާހަކަ ދައްކަމުން މަންމަ މާޖިދާ ބުންޏެވެ.

މުސްތަފާގެ ބައްޕަވެސް ބުނީ މުސްތަފާ ވަރަށް ބޮޑަށް ބަދަލުވެއްޖެކަމުގައެވެ.

ބައްޕަ މުހައްމަދު ނަޝީދު ދެންވެސް ބުނީ ވަރަށް ޝައުގު ވެރި ވާހަކައެކެވެ. މުސްތޮފާއަށް ވުރެ ދެއަހަރު ދޮށީ ދައްތަ ހާފިޒާއަކަށް ވުމުގެ މަސައްކަތް މާކުރިން ފަށައިފި ކަމުގައެވެ. “އެހެންނަމަވެސް ވަކި ހިސާބަކަށް އައުމުން މާބޮޑަށް ބަލި ވުމުގެ ސަބަބުން މުސްތަފާ ކުރިއަރައިގެން ދިޔައީ. އެކަމަކު ދައްތަ އަނެއްކާވެސް އާހިތްވަރަކާއެކު މަސަައްކަތް ކުރަނީ ހާފިޒަކަށް ވެވޭތޯ”.

މުސްތަފާ އޭނާގެ މަންމަ އާއި ބައްޕައާއެކު އީވީއަށް އިންޓަވިއު ދެނީ / ފޮޓޯ: އޭދަފުށީ ވޮއިސް

މަންމައާއި ބައްޕަ ދެފަރާތުގައި އިނދެގެން ވާހަކަ ދައްކަމުން ދިޔަ އިރު މުސްތަފާ އިނީ އެވާހަކަތައް އަޑުއަހާށެވެ. އޭނާގާތު އެހި ވާހަކައަކަށް ވިއްޔާ ހަމައެކަނި އާނ ހޫން ކިޔާލަ ކިޔާލައެވެ. އެހެންނަމަވެސް މުސްތަފާ ހުރީ މިހިސާބުން ނިންމާ ގޮތަކަށް ނޫނެވެ. އޭނާ ހުރީ މިރޮނގުން ދެވެންހުރި އެންމެ ކުރިއަކަށް ދިއުމުގެ އަޒުމްގައެވެ. އެ ހިތްވަރުގައެވެ. “އިރާދަކުރެއްވިއްޔާ އުމުރު ދެއްވި ވަރަކަށް ބޭނުން ވަނީ ކީރިތި ގުރުއާނާ ބެހޭ އިލްމް އުނގެނުމަށް. އެނޫން އެހެން އެއްވެސް ކަމެއް ކުރުމުގެ ޚިޔާލެއް ނެތް.”

އެކަން އޭނާއަށް ފަހި ނުވާންވީ ސަބަބެއް ނެތެވެ. މަންމައާއި ބައްޕަވެސް ބުނީ ތިމަންމަމެންގެވެސް ހުރިހާވެސް އެދުމަކީ އެއީ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top