މުލަ ރޯދަދުވަހު ގޮއިދޫ ދަނޑުތަކުން 7000 ކިލޯއަށްވުރެ ގިނަ ކަރާ ބާޒާރަށް

ކަރާ-1.jpeg

ގޮއިދޫ ދަނޑަކުން މިއަދު ކެނޑި ކަރާތަކެއް މީހަކު ދަނޑުން ނެރެގެން ގެންދަނީ. ރޯދަމަހު ފުރަތަމަ ދުވަހު 7000ކިލޯގެ ކަރާ ގޮއިދޫން ބާޒާރަށް ވަނީ ނެރެފައި / އޭދަފުށި ވޮއިސް ފޮޓޯ ، އަހްމަދު ރިޔާޒު

ބ. ގޮއިދޫން އަހްމަދު ރިޔާޒު

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުވެސް ބ. އަތޮޅުގެ ދަނޑުވެރިކަމުގެ މައިރަށް، ގޮއިދޫން 7000 ކިލޯއަށްވުރެ ގިނަ ކަރާ ބާޒާރަށް ނެރެފިއެވެ.

ދަނޑުވެރިންނާ ހަވާލާދީ ގޮއިދޫ ކައުންސިލުން ބުނީ ހުކުރު ދުވަހާ، ހޮނިހިރު ދުވަހު އެރަށުން މާލެ ދަތުރުކުރި 2 ދޯނިން ޖުމްލަ ހަތްޓަނު (7000ކިލޯ) އަށްވުރެ ގިނަ ކަރާ ހަމައެކަނި މާލެއަށް ބޭރުކުރި ކަމަށެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު އީވީއަށް ވިދާޅުވީ މިހާގިނަ ކަރާ އެއްދުވަހަކާ ބޭރުކުރި ނަމަވެސް ދަނޑުތަކުގެ ކަރާގެ ސްޓޮކް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށާ، މައްސަލައަކަށް ދިމާވީ ރޯދައިގެ ކުރިން ކުރި ވިއްސާރައިގައި ދަނޑުތަކަށް ބޮޑެތި ގެއްލުންތައް ލިބުނުކަމަށެވެ.

“ވަރަށް ގިނަ އަދަދަކަށް ކަރާ މިހާރު މިބޭރުކުރެވުނީ. ހަތްޓަނަކީ ބޮޑުއަދަދެއް. ހަމައެކަނި މާލެއެވެސް. މިކަން މިގޮތަށް އޮތަސް ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ވަރަށް ގިނަ ތަކެތި ހަލާކުވެފަ އެހުރީ، ކަރާވެސް ، ކިއުކަންބާވެސް، ބަޓާނާ ބަރަބޯ ދަނޑުތައްވެސް ވަރަށް ބޮޑަށް ހަލާކުވި.” އާމިރު ވިދާޅުވިއެވެ.

ގޮއިދޫ ކަރާ ދަނޑަކުން މީހަކު މިއަދު ކަރާ ކަނޑަނީ ރޯދަމަހު ފުރަތަމަ ދުވަހު 7000ކިލޯގެ ކަރާ ގޮއިދޫން ބާޒާރަށް ވަނީ ނެރެފައި / އޭދަފުށި ވޮއިސް ފޮޓޯ ، އަހްމަދު ރިޔާޒު.

އޭނާ ވިދާޅުވީ ކަރާގެ އަގުތައް މިދުވަސްކޮޅު ރަނގަޅުކަމަށާ، ރޯދައިގެ ފަހުކޮޅަށް ދާއިރު ކަރާގެ އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ. އަދި އެކަށީގެންވާ އަދަދަކަށް މަހުގެ ފަހުކޮޅު ކަރާ ނުލިބޭނެކަމަށެވެ.

“ދަނޑުތައް ހަލާކުވީމާ، ވަރަށް ގިނަ ދަނޑުތަކުން ލިބޭ އެއްޗެއް މަދުވެފައި މިއޮތީ. ކަރާގެ އަގު ބޮޑުވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެއް. ކިއުކަންމާ، ބަޓާނާ އަދި ދެންހުރި ބާވަތްތައްވެސް ފަހުކޮޅަށް ދާއިރު ވަރަށް މަދުވާނެ ބާޒާރަށް ނެރެވޭލެއް’

ގޮއިދޫ ދަނޑުވެރިއަކު ބުނީ ރޯދައަށް ބޭނުންވާ ތަކެތި މާލޭގެ އިތުރުން އަތޮޅު ފެރީ މެދުވެރިކޮށް އަތޮޅުގެ މައިރަށް އޭދަފުއްޓަށްވެސް ސަޕްލައި ކުރަމުންދާކަމަށާ، ޚާއްސަގޮތެއްގައި ކަރާގެ ޑިމާންޑް ބޮޑުކަމަށެވެ.

“މިއަދުވެސް އޭދަފުއްޓަށް ފޮނުވިން 200 ކިލޯއަށްވުރެ ގިނަ ކަރާ، އަދިވެސް އޯޑަރުތައް ލިބެމުންދަނީ.”

800 އަށްވުރެ ބޮޑު އާބާދީއެއް އޮތް ގޮއިދޫގައި މިއަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ދަނޑުހެއްދުމަށް 11 ހެކްޓަރުގެ ބިންު ދޫކޮށްފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top