މުއްދަތުހަމަވި ފަހުން އޭދަފުށި ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފި

ރޭގެ ބައްދަލުވުން

ރޭގެ ބައްދަލުވުން

ކޮންމެ އަހަރެއްގެ ފެބްރުއަރީ އާ ޖުލައިމަހު ބާއްވަން ލާމަރުކަޒީ ގާނޫނުގައި ބުނާ ރަށުކައުންސިލު ބައްދަލުވުން އޭދަފުށީކައުންސިލްގެ ފަރާތުން ރޭ ބާއްވައިފިއެވެ.

ލޯކަލްކައުންސިލްގާނޫނުގައި ބުނަނީ މިހެންނެވެ. ” ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ޖުލައިމަހު ރަށުކައުންސިލުން ބާއްވަންޖެހެއެވެ. މި ބައްދަލުވުމުގައި ކުރިއަށް އޮތްއަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅާ ޚިޔާލު ހޯދަންޖެހެއެވެ. މިގޮތުން ރައްޔިތުންނާ ބައްދަލުކުރުމުގެ 7ދުވަސްކުރިން އެރިޕޯޓްތަކާ ޕްލޭނާއި ބަޖެޓްގެ މައުލޫމާތު އާއްމުކުރަން ޖެހެއެވެ. ”

ގާނޫނުގައި ހިފައިގެން ދަމާކަށް ނެތީމެވެ. ބުނެލަންއޮތްހާވެސް އެއްޗަކީ ރައްޔިތުންގެ ބޮލުގައި ތެތްގޯނި އަޅުވައިގެން އެކަމެއް ނުކޮށް ނޯންނާނެއޭ ބުނަންވެގެން އެބައްދަލުވުން ބާއްވައިފިކަމުގައެވެ. ބައްދަލުވުމުގެ 7 ދުވަސްކުރިން އާއްމުކުރަންޖެހޭ އެބުނާ މައުލޫމާތަކާ ރިޕޯޓްތަކަކާ ޕްލޭންތަކެއްގެ ވާހަކަ ދައްކައިގެން ބައެއްގެ ނުކުޅެދުންތެރިކަން ހާމަކުރުމުގެ ބަދަލުގައި ކުރިކަމަކާ ބެހޭ ވާހަކައާއިގެން ކުރިއަށްދަމާ ހިނގާށެވެ.

އޭދަފުށީ މަލްޓިޕާޕަސްބިލްޑިންގެ ޖަލްސާކުރާ ހޯލުގައި ބޭއްވި މިބައްދަލުވުމުގައި ތިންހާހާށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށީ ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބަކީ މިއިން ދުވަހަކުވެސް ނުލިބޭފަދަ ބޮޑު ތަރުހީބެއްކަން ކައުންސިލުން ފާހަގަކޮށް ޝުކުރުއަދާކުރިއިރު އެބައްދަލުވުމުގައި ބައިވެރިވެފައިވަނީ އަންހެނުންނާއެކު ޖުމްލަ150 މީހުންނަށް ވުރެ މަދު ބައެކެވެ.

ވަރަށްބޮޑަށް ހުޅުވާލެވިގެން ބޭއްވުނު މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން އެޖެންޑާގައިވާ ގޮތުގެ މަތީން މި އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ފައިސާގެ މުއާމަލާތްތައް ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ހާމަކޮށްދިނެވެ. އެހެންނަމަވެސް ކައުންސިލްގެ ފަރާތުން ވޭތުވެ ދިޔަތަނުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަމަކާއި ކުރިއަށްއޮތްތަނުގައި ރައްޔިތުންނަށް ކޮށްދިނުމަށް ރޭވި ޕްލޭންކުރެވިފައިވާ އެއްވެސް ކަމެއް ހާމައެއްނުކޮށްދެއްވައެވެ. މިއީ ކައުންސިލްގެ ގާނޫނުގައި ބުނާ ގޮތުން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމެކެވެ. ބޮޑަށް ބެލެވެނީ އެއްވެސް ކަމެއް ރަށަށް ކޮށްދެވިފައި ނުވުމާ ކުރިއަށްއޮތްތަނުގައިވެސް ކަންތައްތަކެއް ކުރުމަށް ރޭވިފައި ނެތުމެވެ. އެސުވާލު ރައްޔިތުން އުފެއްދުމުންވެސް އެއަށް ޖަވާބެއް ނުދެއްވީ އެހެންވީމައެވެ.

ޖަލްސާ ތައާރަފްކުރަމުން ކައުންސިލްގެ އެކި މެންބަރުންނާ ހަވާލުކުރެވިފައިވާ މަސައްކަތާއި ރައްޔިތުން ބޭނުންވާ ސުވާލެއްކުރައްވާއިރު އެމަސައްކަތެއް ހަވާލުކުރެވިފައިވާ މީހާއާއި ސުވާލުކުރެއްވުމަށް ރައީސް އެދިވަޑައިގަތްކަމުގައިވިޔަސް އާއްމުކޮށް ހުރިހާ ސުވާލަކަށްހެން ޖަވާބުދާރީވެވަޑައިގަތީ ރައީސް އަލީވަހީދުއެވެ.

ރައީސްގެ ވާހަކަތަކަށް ފުންކޮށް ވިސްނާއިރު އެނގިގެން ދިޔައީ އޭދަފުށީ ކައުންސިލުން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދިނުމުގެ ޝައުގުވެރިކަމެއް ނެތްކަމުގައެވެ. ރައީސް އިސްނަންގަވައިގެން ކަމެއްކުރަން ބޭނުންވިޔަސް އެކަން ކުރުމުގެމަގު ބަންދުކުރާކަމުގެ ތުހުމަތު ވަރަށް ފާޅުގައި ކައުންސިލްގެ ބޮލުގައި އެޅުވިއެވެ. އެގޮތުން ރައްޔިތުންގެ ސަމާލުކަމަށް ރައީސް ގެންނެވީ މާރަނައާއި ރޯޝަންހިޔާ އަދި މަލްޓިޕާޕަސްބިލްޑިންގގެ މަރާމާތުގެ ވާހަކައެވެ. މި ތިންތަނަކީ ކައުންސިލަށް މެދުނުކެނޑި ފައިސާ އޮހެމުން ދިޔަ ތަންތަންކަމުގައި ވިޔަސް މިހާރު އެކަންވަނީ ހުއްޓިފައެވެ. މާރަނައާއި ރޯޝަން ހިޔާ ބަންދުކޮށްފައި ހުންނަތާ ކިތަންމެ ދުވަހެކެވެ.  އަދި މަލްޓިޕާޕަސްބިލްޑިންގ ގެ ހާލަތުވެސް ސާފުކޮށްދެއްވަމުން ރައީސްވިދާޅުވީ އެތަނުގެ ކުއްޔަށްދޭ ހަތަރުކޮޓަރިވެސް ހުރީ މަރާމާތުކޮށްގެން ނޫނީ ބޭނުންނުކުރެވޭ ހާލަތުގައެވެ.

“މައްސަލައަކީ މިތަންތަން މަރާމާތުކުރުމަށް ކައުންސިލުން ފާސްކޮށްނުދިނުން. ކައުންސިލުން އެކަން ފާސްކޮށްގެންް ނޫނީ އެކަމެއް ނުކުރެވޭނެ.” ކައުންސިލް މެންބަރުންގެ މިއަމަލަށް ފާޑުކިޔަމުން ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑަށް ހީވަނީ އެއީ އަޅުގަނޑުކުރަން އުޅޭ ކަމަކަށް ވާތީވެ އެކަން ކުރިއަ ނުދޭން އުޅެނީހެން. އެކަމަކު އަޅުގަނޑު ބޭނުންވޭ މަގާމުން އިސްތިއުފާދީފައި އެހެން މީހަކު ރައީސްގެ މަގާމަށް އިސްކޮށްގެންވިޔަސް ރަށުގެ ތަރައްގީއަށް ކުރެވޭ މިކަހަލަކަންތައް ކުރަން. އެހެންވީމާ ރައީސްކަމުން އަޅުގަނޑު އިސްތިއުފާ ދޭން ނިންމައިފިން.” އިސްތިއުފާ ދެއްވަން ނިންމި ސަބަބު ހާމަކުރަމުން ރައީސްވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާ އެކަންކަން ހައްލުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން ރައްޔިތުން އެދިފައިވެއެވެ. ބައެއްކަންތަކަށް ބަލާއިރު މުހިއްމު އެއް ހުށަހެޅުމަކީ މިރަށުގައި އަދިވެސް ކުނި ނައްތާލުމާ ބެހޭ ރަނގަޅު ނިޒާމެއް ހަމަޖެހިފައި ނުވުމެވެ. މިއަށްވުރެ މާކުދިކުދި ރަށް ތަކުގައިވެސް ކުނި މެނޭޖްކުރެވޭނެ ގޮތް ގާއިމްކޮށް ވަރަށް ރަނގަޅަށް އެނިޒާމް މަސައްކަތްކުރާއިރު މިރަށުގައި އެފަދަ ނިޒާމެއް ގާއިމްނުވެ ލަސްވުމަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއްކަމުގައި ފާހަގަ ކުރެއްވިއެވެ. ދެވަނަކަމަކީ ކައުންސިލުން ނިންމާނިންމުންތައް ދުވަހުންދުވަހަށް ރައްޔިތުންނަށް އެނގޭނެ ހެން މިހާރަށްވުރެ ހަރުދަނާ ގޮތަކަށް އަންގައިދިނުމެވެ. މިކަހަލަ ޒަމާނެއްގައި ކައުންސިލް އިދާރާގެ ބޭރުގައި ހަރުކޮށްފައި ހުންނަ ބޯޑެއްގައި އެކަން އިއުލާން ކޮށްފައި ހުއްޓަސް އެކިޔަން އެތަނަށް ދިއުމުގެ ބަދަލުގައި ކޮންމެވެސް އެހެން ގޮތަކަށް ހަމަޖެހެން ވެއްޖެކަމުގައި ހުށަހެޅުނެވެ. ތިން ވަނަކަމަކަށް ފާހަގަކޮށްލާހިތްވަނީ އެއްވެސް ހަމައެއްނެތި ފުޓްސަލް ދަނޑުގައި ކުޅިވަރުކުޅުމަށް ސްކޫލްކުދިން އެތަނުގައި ރެއާދުވާލު އުޅޭ ވާހަކައެވެ.

މިއީ ސީދާ ކައުންސިލާ ގުޅުންހުރި ކައުންސިލުން ހައްލުކޮށްދޭން ޖެހޭނެ ކަންކަމަށް ވިޔަސް އެކަންކަން ހައްލު ކޮށްދިނުމަށް މަސައްކަތްކުރުމުގައި މެންބަރުންގެ ޝައުގުވެރިކަމެއް ނެތްކަން ފާހަގަކުރެވުނެވެ. ކުނި ނައްތާލުމުގެ ވާހަކައިގާ ރައްޔިތުންނަށް ވިސްނައިދެވޭތޯ މަސައްކަތްކުރަމުން ގެންދެވީ އެކަމުގައިހުރި އުނގަދޫތަކާ އެކަން ކައިރި މުސްތަގްބަލެއްގައި ނުކުރެވޭނެ ވާހަކައެވެ. ވިދާޅުވަމުން ގެންދެވީ އެކަމުގައި ހުރި ހުރިހާ ނުކުރެވޭނެ ސަބަބުތަކެވެ. ފުޓްސަލް ދަނޑުގެ ކަންތަކުގައި ވިދާޅުވީ އަދި މާހެއްވާ ވާހަކަ ތަކެކެވެ. ހަތްކައުންސިލަރުން ޑިއުޓީ ބަހައިގެން އެތަނުގައި ނުތިބެވޭނެވާހަކައާއި ސްކޫލްކުދިން އެތަނަށް ކުޅެންދިއުން ހުއްޓުވަންޖެހޭނީ ސްކޫލުންކަމަށާއި އެއީ ކައުންސިލްގެ ޒިންމާއެއް ނޫންކަމުގައެވެ.

ކައުންސިލަރުންގެ މިކަހަލަވާހަކަތަކަކީ މިއަދުގެ ޖީލު ގަބޫލުކުރާނެ ވާހަކަތަކަކަށް ނުވާނެއެވެ. ފުޓްސަލްދަނޑަކީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ތަނެކެވެ. އެހެންކަމަށް ވާނަމަ އެތަން ބަލަހައްޓަންންޖެހެނީ ކައުންސިލަށެވެ. އެތަންހުޅުވުމާ ބަންދުކުރުމުގައި އެއްވެސް އިންތިޒާމެއް ނެތްނަމަ އެއީ ކައުންސިލްގެ މައްސަލައެކެވެ. އެހެން ބައެއްގެ ބޮލުގައި އެކަން އެޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ކައުންސިލަރުގެ ވާހަކައިގާ ހެނދުނާ ހަވީރު އެތަން ހުޅުވުމާއި އަނެއްކާ ރޭގަޑު އަށެއްގައި ހުޅުވާފައި ރޭގަނޑު ދިހައެއްގައި ބަންދުކުރަން ދިއުމަކީ ވެވޭނެކަމެއްނޫންކަމަށް އެ ވިދާޅުވަނީ ވިސްނުމުގެ ކޮށިކަމުންނެވެ. އެގަޑިތަކުގައި ކައުންސިލަރުން ބޭން ޖަހާފައި ހުޅުވާ ލައްޕަން ވަޑައިގަންނަވާށޭ ބުނީ ކާކުތޯއެވެ. ރައްޔިތުންގެ އެދުމަކީ ގަވާއިދެއްގެ ދަށުން އެތަން ހުޅުވުމާ ބަންދު ކުރުމުގެ މެކޭނިޒަމެއް ގާއިމް ކޮށް ދެއްވުމެވެ. އެންމެ ކުޑަމިނުން ތިޔަބޭފުޅުންނަށް އެތަން ހުޅުވާ ގަޑިއާއި ބަންދުކުރާގަޑިި އެނގޭނެކަހަލަ ލިއުމެއްްހާހިސާބުވެސް ބަހައްޓާނުލެވުނު ނޫންތޯއެވެ.

ޖަލްސާއަށް ހާޒިރުވި މަދުމީހުންގެތެރެއިންވެސް މަދުބަޔަކު ހުށަހެޅި އެއްވެސް ޚިޔާލަކަށް ނުވަތަ ކަންބޮޑުވުމަކަށް ކައުންސިލުން ސީދާ ޖަވާބެއް ނުލިބޭކަން ރައްޔިތުން ޝަކުވާއާއެކު ފާހަގަކުރިއެވެ. ކޮންމެ އެދުމަކަށްވެސް ކައުންސިލުގެ ވާހަކަތައްހުރީ ގައިން ނައްޓާލާ އެކަން ކޮންމެވެސް އެހެންބައެއްގެ ބޮލުގައިއަޅުވާ ގޮތަށެވެ.

އޭދަފުށީ ރައްޔިތުންނަކީ ތަރައްގީއަށް ލޯބިކުރާ ވެރިންނަށް ވަރަށް ކިޔަމަންތެރި ރައްޔިތެކެވެ. އެކަން މިއަދުވެސްއޮތީ އިއްޔެވެސް އޮތްގޮތަށް އިއްޔެވެސް އޮތް ފަދައިންނެވެ. މިއަދު މިއުޅެނީ މި ކިޔަމަންތެރި ރައްޔިތުން ގޮވައިގެން އިސްނަގައިގެން އުޅެން އެނގޭ ބަޔަކު ނެތުމުގެ މައްސަލަ މެދުވެރިވެގެންނެވެ. މިއަދު މިއުޅެނީ ރަށުގެ އިޖްތިމާއީ ކަންކަންކުރުމަށް ރައްޔިތުންނަށް ގޮވާލެވޭހިނދު އެކަމުގައި ރައްޔިތުންގާތު މަސައްކަތްކުރަން ދާށޭ ނުބުނެ މަސައްކަތްކުރަން އަހަރެމެންނާއެކު އަންނާށޭ ބުނާ ކައުންސިލަރުންތަކެއް ބޭނުންވެގެންނެވެ. މިހާރު ކައުންސިލަރުންގެ ގޮތުގައި މި ތިއްބެވި ބޭފުޅުންގެ ފަރާތުން އެސިފަ ފެންނަން ނެތްކަން ހިތާމައާއެކު މިއަދު އޭދަފުށީ ރައްޔިތުން ފާހަގަކުރެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު