އެޑިޓޯރިއަލް : ރަށާމެދު ވިސްނަނީ ކިހާ ވަރަކަށް؟

eydhafushi2.jpg

މިއީ އަހަރެމެންގެ ރަށެވެ. އަމާންކަމާ ސުލްހަވެރިކަމާއެކު ދިރިއުޅެން ވަކި މިއަށް ވުރެ ފަސޭހަ ރަށެއް އޮންނާނެ ބާއޭ ހިތަށް އަރައެވެ. ރުއްރުކާއި ގަސް ގަހުގައި އަޅާފައި ހުންނަ މޭވާ އަތްފޯރާ ފަރުގައި ހުއްޓަސް ވަގަށް ގެންދިއުމުގެ ބިރުވެރިކަމެއް ނޯވެއެވެ. ފިހާރަތަކުގެ ބޭރުގައި ބަހައްޓާފައި ހުންނަ މުދާ ފިހާރަ ބަންދުކޮށްފައި ހުންނަ އިރުވެސް ބޭރުގައި ހުންނާތީ ރަށަށް އަރާ ފަރުދޭސިން އެކަމާ އަޖައިބުވެ ވާހަކަ ދައްކައެވެ. އެމީހުންގެ ރަށުގައި އެގޮތަށް ބަހައްޓައިފިނަމަ ވަގަށް ގެންދާނެ ކަމަށް ބުނެއެވެ. އެކަމަކު މި ރަށުގައި އެކަހަލަ ބިރު ވެރި ކަމެއް ނެތެވެ. މިބުނީ ހާލަކުން ފަހަރަކު ވައްކަމުގެ ހާދިސާ އެއް މި ރަށުގައި ނުހިނގާ ވާހަކަ އެއް ނޫނެވެ..

އިވޭ އަޑުތަކާއި ޚަބަރުތައް ބުނާ ގޮތުން ރާއްޖޭގައި ހެސްކިޔާފައި މަސްތުވާތަކެތީގެ ވަބާ އެބައޮތެވެ.  އެކަމުގައި ޒުވާން ޖީލެއް ހަލާކު ވެގެން އެބަދެއެވެ. އެކަމަކު މި ރަށުގައި އެކަން ވަބާއެކޭ ބުނާ ވަރަށް  ނެތޭ ބުނެވިދާނެއެވެ. މިބުނީ މައިން ބަފައިންގެ އިހުމާލުން އެކަމުގައި ވަރަށް މަދު ޒުވާނުންކޮޅެއް ހަލާކުވެގެން ނުދާ ވާހަކައެއް ނޫނެވެ.

އެހެންނަމަވެސް ބ.އަތޮޅަށް ބަލާއިރު މިއީ މަސްތުވާ ތަކެތީގެ ވަބާ އެންމެ ކުޑަކޮށް އޮތް ރަށް ކަމުގައި ގަބޫލު ކުރެވެއެވެ. އާބާދީގައި ތިން ހާހަށްވުރެ ގިނަ މީހުން އުޅޭއިރު މިރަށަކީ ކުށްކުރުން މަދު ރަށެކޭ ބުނެވިދާނެއެވެ. މިކަން މިއަދާ ހަމައަށް ވާރުތަ ވެފައިވަނީ އަހަރެމެންގެ ކާބަފައިންނާއި އެ ހިނދަކު ރަށް ހިންގަން ތިއްބެވި ވެރިންގެ މަސައްކަތުންނެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ނުވެ ރަނގަޅު މަގު ހޯދައިދިނުމުގައި މައިން ބަފައިން ވީ ގުރުބާނީގެ ނަތީޖާ އެއްގެ ގޮތުންނެވެ.

އެކަމަކު މިރީތި އާދަތަކާ މި އަމާން ކަން މަޑުމަޑުން ނެތި ހިނގައިދާން އުޅޭ ކަމުގެ އެލާމް އަޅަން ފަށައިފިއެވެ. އެއީ އަހަރެމެންގެ ތެރެއިން އުފަންވެ ބޮޑުވަމުން އަންނަ ކަމެއް ނޫނެވެ. އަހަރެމެންގެ އާދަކާދަ އާ ނުގުޅޭ އަހަރެމެންގެ އުޅުމާ ގުޅުންތަކުގެ ބައުންޑްރީން ބޭރު ބީރައްޓެހި ސަގާފަތެއް ގެންގުޅޭ ބިދޭސީންގެ ފަރާތުން ކުރިމަތި ވެފައިވާ ކަމެކެވެ. ޚާއްސަކޮށް ބިދޭސީ މަސައްކަތު މީހުންނެވެ. ގަވާއިދުންނާއި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީ މީހުން ފައިސާގެ ބޭނުމުގައި އަހަރެމެންގެ ޅަ ދަރިން ހަލާކު ކުރަން ފަށައިފިއެވެ.

ތެދެކެވެ. އެމީހުންގެ ގައުމާއި އާއިލާ ދޫކޮށް އަހަރެމެންގެ ގާތަށް އައީ ވަޒީފާ ހޯދާށެވެ. އެއީ އަހަރެމެން ގެނެސް ، ގެންގުޅޭ މީހުންނެވެ. އެކަން ދަންނަން ޖެހޭނެއެވެ. އެމީހުންނަށް ރަނގަޅަށް ކަންތައް ކޮށްދޭން ޖެހޭނެއެވެ. އަހަރެމެން ކަންތައް ކުރަނީ އެގޮތަކަށް ނޫން ހެއްޔެވެ. އެކަމަކު އެ ހެޔޮކަމުގެ ފައިދާ އެމީހުން ނާޖާއިޒުގޮތުގައި ނަގާނަމަ އެއީ މައްސަލަ އެކެވެ. މައްސަލަ ފެށެނީ އެ ހިސާބުންނެވެ.

އެ މައްސަލަތައް އޮތީ ފާއިތުވެ ދިޔަ ދުވަސް ތަކުގައި ތަޖްރިބާ ކުރެވިފައެވެ. ބޭބެ ނުވަތަ ދައްތަ ކިޔައިގެން މާ ހެޔޮ އެދޭ ބަޔަކަށް ވެގެން އައިސް ޅެން ވެރިއަކު ބުނާހެން “ރަށުގައި ނެތިއްޔާ ވަދެ ގެއަށް، ބަތްތަށި އެކީ ކާލާފަ” އެވެ. އެއީ އެމީހުން ރާވައިގެން ހިންގާ މުޑުދާރު އަމަލު ތަކުގެ އެއްފަރާތެވެ. ދިވެހި ނަސްލާއި ދިވެހި އާއިލާ ތައް ރޫޅާލުމަށް ދޭ ހަމަލާއެކެވެ. ރާއްޖޭގެ ކިތަންމެ ރަށެއްގައި މި މައްސަލަ މެދުވެރި ވެފައި އެބަހުއްޓެވެ. ދަރިންނާއި މައިންނާ ޖެހި ދެމަފިރިންގެ ކައިވެނީގެ ތާހިރު ފަސް ބައި ކިލާ ކޮށް ކައިވެނި ތައް ރޫޅި މިތުރުން ހަތުރަށް ބަދަލު ވެފައި އެބަ ހުއްޓެވެ.

އަނެއްފަރާތުގައި ހިންގަނީ ހީލަތްތެރިކަމާއެކު އަހަރެމެންގެ އަމިއްލަ ވަންތަ ކަން ފޭރުމުގެ ނުރައްކާތެރި އަމަލެވެ. އަހަރެމެން ބޮޑެތި ވެފައިވަނީ އިސްލާމް ދީނާއި އެދީނުގެ ތަރަހައިގެ ތެރޭގައި ތިބެގެން އަޚްލާގު ރަނގަޅު މުޖްތަމައު ތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް ބިދޭސީ މަސައްކަތު މީހުން އަތޮޅު ތަކުގައި ގިނަ ވާން ފެށުމާއެކު ދެން ފެނިގެން ދިޔައީ އަހަރެމެންގެ ޒުވާން ޖީލު ހަލާކު ކޮށްލުމުގެ ނުރައްކާތެރި އަމަލު ތަކެއް ހިންގަމުން އަންނަ ތަނެވެ. ބައެއް ފަހަރު އަހަރެމެން ބައިވެރި ކުރުވައިގެންނެވެ. މަދުން ނަމަވެސް ގައުމާ މެދު ނުވިސްނާ އަހަރެމެންގެ ތެރއިން ބަޔަކު އެމީހުން އެކުށުގެ ވެއްޓަށް ވައްދައިގެންނެވެ. އެގޮތް ކާމިޔާބު ނުވެއްޖެނަމަ އެމީހުން އަމިއްލަ އަށެވެ.

އޭދަފުށީގައި މިހާރު މިބާވަތުގެ ކަންކަން ހިންގާކަމުގެ މައުލޫމާތު ތުންތުން މަތިން އިވެމުން ދެއެވެ. ފާހަގަ ކޮށްލެވޭ ބޮޑު އެއްކަމަކީ ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިން ހަލާކު ކުރުމުގެ ގޮތުން އެމީހުން ދިރިއުޅޭ ތަންތަނުގައި ފިހާރަ ހަދައިގެން ރާއްޖޭގެ ގާނޫނާ ޚިލާފަށް ސިގިރެޓް ވިއްކުމެވެ.

މި ވާހަކަ މިބުނީ ލޮލުން ދެކި އަތުން ހިފާފައެވެ.

ކުޑަކުދިންނަށް ސިގިރެޓް ވިއްކުމަކީ މަނާ ކަމެކެވެ. ސިގިރެޓް އެކަންޏެއްވެސް ނޫނެވެ. ކުޑަކުދިން ހިތްކިޔާ ޒާތުގެ އެހެނިހެން ތަކެތިވެސް މެއެވެ. ހަގީގަތުގައި މިއީ ކުޑަކުދިންނަށް ސިއްރު ކަންތައް ކުރުމަށް ހިތްވަރު ދިނުމުގެ އަމަލެކެވެ. އެކަމަށް އެމީހުން ހުޅުވާލި ސިއްރު ދޮރެކެވެ. އެކަން އެމީހުން އެކުރަނީ އެއީ މަނާކަމެއްކަން އެނގި ތިބެ ވަގަށެވެ. އޭދަފުށީގެ އެއްވެސް ފިހާރައަކުން ކުޑަކުދިންނަށް ސިގިރޭޓެއް ނުވިއްކާނެއެވެ. އެފަދަ ކުއްޖަކު ތަންކޮޅެއް ބޮޑު ނޫޓެއް ހިފައިގެން ދިޔަ ނަމަވެސް  އެއީ ކިހިނެއް ކޮންތާކުން ކާކު ދިން އެއްޗެއްތޯ ސުވާލު ވެސް ކުރާނެއެވެ. މިހާ ރީތި ކޮށް ހިނގަމުން އަންނަ ކަމެއްގައި ބިދޭސީން މިފެށީ ދިވެހި ޖީލެއް ހަލާކު ކޮށްލުން ނޫން އެހެން ކޮން ކަމެއް ހެއްޔެވެ.

ތެދުވާށެވެ. ވިސްނާށެވެ. މިރަށުގެ އަމާންކަމާ ސުލްހަވެރިކަމުގެ މި ހިތްގައިމު ވެށި ކިލަނބު ކުރަން އުޅޭ ކޮންމެ ބަޔަކާ ދެކޮޅަށް ތެދުވުމަކީ މާޒީގެ އަބްތާލުން ދައްކާފައިވާރީތި ނަމޫނާއެކެވެ. އެނަމޫނާ ދައްކަން މިއަދު ޖެހިފައި މިވަނީ އަހަރެމެންނަށެވެ. ފަރުދީގޮތުންނާއި ޕާޓީ ތަކާއި ޖަމިއްޔާ ތަކުން މި ފަދަ ކަންކަމާ ދެކޮޅަށް ތެދުވަންވީ ވަގުތަކީ މިއީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top