ޚާލިދުގެ ދަނޑުން : އަލަނާސިއަކީ ރާއްޖޭގައި ފަސޭހައިން ހެއްދިދާނެ މޭވާއެއް

image-0-02-06-dbffc64a28e5470b16b60701d058b7ebed6a92909c57086f8ed7f0294df4bc0c-V.jpg

ލިއުނީ ޚާލިދު ޔޫސުފް

އަލަނާސިގަހަކީ ގޯތިތެރޭގައި އޮންނަ ކުޑަބިން ކޮޅުގައި ރަނގަޅަށް ހެއްދިދާނެ މީރު މޭވާއެކެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި އަމިއްލަ ޒާތުގައި އަލަނާސި ގަސް ފަޅައިގެން ހެދެމުން ދާ ކަމެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ރަށްރަށް އެބަހުއްޓެވެ. އދ.ހުރަސްދޫ އާއި ތ.ކަނިމީދޫ އަދި ޏ. ފުވައްމުލަކަކީ އެގޮތުން ފާހަގަކޮށްލެވޭ ބައެއް ރަށްރަށެވެ. ނަމަވެސް މިހާރު މިރަށްރަށުންވެސް ދަނީ ވަރަށް ބޮޑަށްމަދުވަމުން ނެވެ. އަދިވެސް ފާހަގަކޮށްލެވޭ އެއްކަމަކީ ބައެއް     އަމިއްލަ މީހުންވެސް ރީނދޫ ހަން ނުވަތަ ޕޮޓްފަދަ ތަކެތީގައި ކުރިޖަހައިގެން ވެސް އަލަނާސި ހަައްދާ ކަމެވެ. މިފަދަ ކަންކަމުން ދޭހަ ވަނީ އަލަނާސިއަކީ މިރާއްޖޭގައި ވަރަށް ފަސޭހައިން ހެއްދިދާނެ އެއްޗެއްކަމެވެ. ރާއްޖޭގައި އަމިއްލައަށް ހެދޭކަމަށް މިދަންނަވާ އަލަނާސި، ހެދޭލެއް ވަރުގަދަ ވެފައި ގަސް ދިގުކަން ފާހަގަ ކުރެވެއެވެ. އާއްމުކޮށް އެހެން ސަރަހައްދު ތަކުގައި އަލަނާސި ހެދެނީ ތިރިކޮށްކަމުގައި ފާހަގަ ކުރެވެއެވެ. އެހެންކަމުން އަލަނާސި ގަހަކީ ގޯތިތެރޭގައި އޮންނަ ހުސް ބިން ކޮޅުން ނުވަތަ ދަނޑު ބިމުން ކުޑަ ޚަރަދަކުން ރަނގަޅު ނަފާއެއް ލިބޭނެ މޭވާއެއްކަން ޔަގީނެވެ.

އަލަނާސި ހައްދަން ބޭނުންވާ ބިން

އަލަނާސި ހައްދަން އެންމެ ރަނގަޅުވާނީ ފަސްކަޅު އަދި ވެލީގެ ފުށްތައް ހިމުން ނޫން ސަރަހައްދަކަށްވުމާއި ، ކޮންމެވެސް ވަރަކަށް ތެތްކަން އެކުލެވޭ ބިންތަކުގައެވެ. އަލަނާސި ހެއްދުމަށް އެންމެ ރަނގަޅުކަމަށް ފާހަގަކުރެވިފައި ވަނީ ޕީއެޗް ލެވެލް 5.5 އާއި 6.5 ހުންނަ ބިން ބިމެވެ. ރާއްޖޭގައި އާއްމުކޮށް ޕީއެޗް ލެވެލް ހުންނަނީ އެއަށްވުރެ މަތީގައެވެ. އެހެންކަމުން ރަނގަޅަށް އަލަނާސި ހައްދަން ބޭނުންނަމަ އެ ބިމަކަށް ގިނައިން ކޮންޕޯސްޓް އެޅުމަކީ މުހިއްމު ކަމެކެވެ. ކޮންޕޯސްޓް ގިނައިން ބޭނުން ކޮށްގެން ޕީއެޗް ލެވެލްއަށް ބަދަލު ގެނެވޭނެއެވެ.

ގަސްކާނާއާއި ފެންދީ ބެލެހެއްޓުން

އަލަނާސިގަސް ހައްދާއިރު ގަސްކާނާއެއްގެ ގޮތުގައި އާއްމުކޮށް ކޮންޕޯސްޓް/ކާދު (ޔުނިގްރޯ ) އަޅާނީ ކޮންމެ ވަޅަކަށް 2-4 ކިލޯއެވެ. ޕޮޓްފަދަ އެއްޗެއްގައި އިންދާ ނަމަ ވެލި އެއްކުރާނީ މިނުމަށް ބޭނުންކުރާ އެއްޗެއްގެ 3 ވެލި 1 ކޮންޕޯސްޓް /ޔުނިގްރޯއެވެ. ގަސްއިންދުމަށް ފަހު ޔުނިގްރޯ އަހަރަކު 4 ފަހަރު ބޭނުންކުރުމުން ރަނގަޅުވާނެއެވެ. އަދި ބޭނުންކުރާ ކޮންމެ ފަހަރަކު 300-500 ގްރާމްގެ މަގުން ގަހަކަށް އެޅުމުން ރަނގަޅުވާނެއެވެ. ގަސްތައް ހުދުވެ ހެދުން ދެރަވާނަމަ ނައިޓްރިޖަން އެކުލެވޭ ކާނާއެއް ބޭނުން ކުރާށެވެ. ގަހުގެ ފަތްތައް ދަނބުވާން ފަށާނަމަ ފޮސްފަރަސް އެކުލެވޭ ކާނާއެއް ބޭނުންކުރުމުން ރަނގަޅުވާނެއެވެ. މިއީ ރާއްޖޭގައި އާއްމުކޮށް އަލަނާސިގަސް ހައްދަމުން ދާއިރު ދިމާވާ ކާނާގެ އަލާމާތްތައްކަން ފާހަގަ ކުރެވިފައިވެއެވެ. އަލަނާސި ގަހަކީ ރަނގަޅަށް ފެން ބޭނުންވާ ގަހެކެވެ. ނަމަވެސް މި ގަސްތައް އިންދާ ހެއްދުމުގައި ކޮންމެ ދުވަހަކު ފެންދިނުމަކީ މުހިއްމު ކަމެއް ނޫނެވެ. އަލަނާސިގަސް ހުންނަ ގޮތުން އޭގެ ފަތްތަކުގެ ބުޑުގައި ފެން ހަރުލާފައި ހުންނާތީ ، އެ ފެނުން އަބަދުވެސް ގަސްތަކަށް އަސަރު ކުރެއެވެ. އެހެންކަމުން މިއީ އިންދާ ހެއްދުމުގައި ފަސޭހަ ބާވަތެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހޫނުގަދަ ދުވަސްވަރެއްނަމަ ކޮންމެ 3 ދުވަހުން 1 ދުވަހު ފެން ދިނުމުން ފުދޭނެއެވެ.

މުޑުވައް

އަލަނާސި އިންދާ ހެއްދުމަށް ޓަކައި ބޭނުންކުރެވޭ ބައިތަކަކީ ،އަލަނާސީގެ މަތީގައި އިންނަ ކުރިގަނޑު ، އަލަނާސި އަންނަ ދަނޑިގަނޑުގައި ފަޅާފައި ހުންނަ ކުރިތައް ، އަލަނާސި ގަސް ތެރއިން ފަޅާ ކުރިތައް އަދި އަލަނާސި ގަހުގެ ބުޑުން ބިމުތެރއިން އަންނަ ނިރެވެ. މީގެ އެކި ކުރި އިންދުމުން ފޯދުމުގައި ތަފާތު ހުރެއެވެ. އެގޮތުން އަލަނާސީގެ ކުރީގައި އިންނަ ބައި އިންދުމުން ފޯދުމަށް 2 އަހަރު ނަގައެވެ. އަދި އަލަނާސި އަންނަ ދަނޑިގަނޑުގައި ހުންނަ ނިރު އިންދުމުން 18 މަސްދުވަސް ނަގައެވެ. ހަމައެހެންމެ އަލަނާސި ގަނޑުގެ ތެރެއިން އަންނަ ނިރު އިންދުމުން 15މަސްނަގާނެއެވެ. އިންދުމަށް އެންމެ ރަނގަޅީ ބިމުގެ އަޑިން ގަސްގަނޑުގެ ބުޑުން ބިމުތެރެއިން އަންނަ ކުރިއެވެ. މިބައި އިންދުމުން 12 މަސްދުވަހުގެ ތެރޭގައި ފޯދެއެވެ. އަލަނާސި އިންދާ ހައްދާ ފަރާތްތަކުން އާއްމުކޮށް އިންދާ އުޅެނީ ބިމުގެ އަޑިން ގަސްގަނޑުގެ ބުޑުން އަންނަ ކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top