ރައްޔިތުންގެ އަޑު: އޭދަފުށީ ވާޓަރު މައްޗަށް މަސްބޭލުމާ، މަސްކެނޑުން ހުއްދަވީތޯ؟

IMG_20170223_170957.jpg

އޭދަފުށީ ވާޓަރުމައްޗަށް ބަޔަކު ބާލާފައިވާ މަސްތަކެއް ކައިރިން މީހަކު ދަނީ. މިއީ އޭދަފުށީގައި މިހާރު އާންމުކަމެއް / އީވީފޮޓޯ: ޕްރިންސް ނަވާ

މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ހާއްސަ ކޮށްލަނީ ބ. އޭދަފުށީ ކައުންސިލަށެވެ.

ސުވާލު: މިހާރަކަށް އައިސް ވަރަށް އާންމުކޮށް އޭދަފުށީ ބަނދަރު ސަރަހައްދުގެ ވާޓަރު މަތީގެ ހުރިހާ ސަރަހައްދަކަށް މަސްބޭލުމާ، މަސްކެނޑުމާ، ކަރުގޮހޮރުފަދަ ތަކެތި މޫދަށް އުކުން ވަނީ އާންމުވެފައެވެ. އަދި ޚާއްސަގޮތެއްގައި މިކަން ކުރާއިރު ކައުންސިލްގެ ބައެއް މެމްބަރުންނާއި، ސަރުކާރު އޮފީސްތަކުގެ އިސްވެރިން މިކަމުގައި ޝާމިލްވެ އުޅުއްވާތަން ފެނެއެވެ. އޭދަފުށީގެ “ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު” ގައި މިކަން ވަނީ ވަރަށްބޮޑަށް މަނާކުރައްވާފައެވެ. އަޅުގަނޑުގެ ސުވާލަކީ 2014 ވަނައަހަރު އަމަލުކުރަންފެށި މިގަވާއިދުގެ ދަށުން މިފަދަ އަމަލުތައް ކުރި ކިތައް މީހުންނާމެދު ފިޔަވަޅު އަޅާފައިވޭތޯ؟ އަދި ޖޫރިމަނާގެ ގޮތުގައި 500 ރުފިޔާއާ 5000ރ އާ ދެމެދުގެ އަގެއް ނެގޭނެކަމަށް ކަނޑައަޅާފައިވީ ހިނދު މިހާތަނަށް ޖޫރިމަނާއަށް ކައުންސިލަށް ކިހާ ފައިސާއެއް ލިބިފައިވޭތޯ؟ ފިޔަވަޅު ނާޅާވާނަމަ ނާޅާވަނީ ކޮންސަބަބަކާ ހުރެތޯ؟

މައުލޫމާތަށްޓަކައި: ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ “ހ” ގައިވަނީ

“އެއްވެސް އުޅަނދަކުން ނުވަތަ ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި، ބަނދަރު ސަރަހައްދަށް ކުނިފަދަ ތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހުގެ އުކާލެވޭ ބައިތަކާއި، ކަރުގޮހޮރުފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަދަރާއި، ބަނދަރު ސަރަހައްދަށް ޤަޟާޙާޖާތް ކުރުމަކީ މަނާކަމެކެވެ”

އޭދަފުށީ ކައުންސިލްގެ ޖަވާބު: ބަނދަރުގެ ވާޓަރު މައްޗަށް މަސްބޭލުމާއި، މަސްކަރުއެޅުމާއި، މަސްކެނޑުން އާންމުވެފައިވާކަމަށް ޤަބޫލުކުރަމެވެ. އެފަދަ އަމަލު ކުރާ ފަރާތްތަކާމެދު ގަވާއިދުން ފިޔަވަޅު އެޅޭނެކަމަށްވެސް ޤަބޫލުކުރަމެވެ. ނަމަވެސް މިހާތަނަށް އެގޮތަށް އަމަލު ކުރެއްވި އެއްވެސް ފަރާތެއް ޖޫރިމަނާ ކުރެވިފައެއް ނުވެއެވެ. ނަމަވެސް ކައުންސިލަށް އެނގިގެން ތިޔަފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އެފަދަ ކަންކަން ނުކުރުމަށް އަނގަބަހުން އެންގިފައިވެއެވެ. ސަރުކާރުގެ ބައެއް އިސްވެރިން ތިއްބަވައިގެން ތިޔަފަދަ އަމަލުތައް ހިންގެވުމަކީ ހިތާމަކުރާކަމެކެވެ.

ކައުންސިލުން ޤަބޫލު ކުރާގޮތުގައި ބަޔަކަށް ކަމެއް ކުރަން އަންގަންވާނީ ނުވަތަ ވާޓަރުމައްޗަށް މަސް ބޭލުމާ، މަސް ކެނޑުން މަނާކުރެވެންވާނީ، ބަނދަރު ސަރަހައްދުގައި އެކަން ކުރެވޭނޭ ރަނގަޅު އިންތިޒާމެއް މަސްވެރިންނަށް ދައްކާދީފައެވެ. އެއިންތިޒާމް ހަމަޖެއްސުމަށް ކައުންސިލުން މިހާރު މިއަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަނދަރު ސަރަހައްދަށް މަސްބާލައި މަސްކެނޑުމަށްޓަކައި އެކަށީގެންވާ ތަނެއް ހެދުމަށް އޭދަފުށީގެ ޖަމްއިއްޔާއަކާައެކު ކައުންސިލުން މަޝްވަރާތަކެއް ކުރެވެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ލަފާކުރެވޭގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްތެރޭގައި މިދެންނެވި ތަން ތަރައްޤީކުރަން ފެށޭނެއެވެ. އަދި މިއަހަރުގެ ތެރޭގައިއ އެތަން އާންމުކޮށް ބޭނުންކުރަން ހުޅުވައިލެވޭނެއެވެ.

ޖަވާބު ދެއްވީ: ކައުންސިލަރ މުހައްމަދު ރިޒާ

ސުވާލުތައް މެއިލް ކުރައްވާނީ: [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top