މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ އޭދަފުށީ ކައުންސިލަށެވެ.
ސުވާލު: ބަހިއްޔާ ޕްރީސްކޫލް އިޤްރާ އިންޓަރނޭޝަނަލް އާ ގުޅިގެން ހިންގުމަށް އައްޔަން ކުރީ އެއްވެސް އިއުލާނެއް ކުރެވި ،އޯޕަން ބިޑިންގ އަކަށް ގޮސްގެންތޯ ؟ އިއުލާން ނުކޮށްނަމަ އެކަން ކުރީ ކޮން އުސޫލަކުންތޯ؟
ކައުންސިލްގެ ޖަވާބު : ބަހިއްޔާ ޕްރީސްކޫލް ހިންގުމަށް އެއްވެސް ބަޔަކާ މިކައުންސިލުން ހަވާލެއް ނުކުރަމެވެ. އަދި އެއްވެސް ބަޔަކަށް ކުއްޔަކަށްވެސް ނުދެމެވެ. ހަމައެކަނި މި ކައުންސިލުން މި ކުރާކަމަކީ އިޤްރާ މުޤައްރަރު ބަހިއްޔާގައި ކިޔަވައިދެނީއެވެ.
ސުވާލު : ބަހިއްޔާޕްރީސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށްަ ޕްރީސްކޫލްގެ ޚިދުމަތް ދިނުމަށް މައި ކޮލެޖުން އެއްވެސް ސިފައެއްގައި ޝައުގުވެރިކަން ފާޅުކޮށްފައިވޭތޯ ؟އެކަން ހިނގާފައިވާ ގޮތާ ދެވުނު ޖަވާބަކީ ކޮބައިތޯ؟
ކައުންސިލްގެ ޖަވާބު : ބަހިއްޔާ ޕްރީސްކޫލް އިންޓަނޭޝަނަލް ކޮށް ޕްރީސްކޫލް ޚިދުމަތް ދިނުމަށް މައިކޮލެޖުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.
ސުވާލު : އޭދަފުށީ ރަސްމީ ސްޓޭޖް ސަރަހައްދުގެ ޕާކްގެ ވަށާފާރުގެ އިރުމަތީކޮޅުން ބައެއް ތަޅާލާފައިވަނީ ކީއްވެގެން ކޮންބައެއްތޯ ؟
ކައުންސިލްގެ ޖަބާބު : އޭދަފުށީ ރަސްމީ ސްޓޭޖް ސަރަހައްދުގެ އިރުމަތީކޮޅުން ބައެއް ތަޅާލާފައިވަނީ މިރަށުގެ އިރުމަތީކޮޅު ހުރަސްތޮށި ހެދުމަށް ގެނައި ތަކެތި ބެހެއްޓުމަށްޓަކައެވެ. އެކަން ކޮށްފައިވަނީ މި ކައުންސިލުން ހުއްދަދީގެންނެވެ.
ސުވާލު : އޭދަފުށީ އިރުމަތީ ސަރަހައްދުގައި ފައިބަރު މަސައްކަތް ކުރާ ހަރުގެއެއް ހަދާފައިވަނީ ކައުންސިލްގެ ހުއްދަލިބިގެންތޯ ؟އެހެންކަމަށް ވާނަމަ ފައިބަރު މަސައްކަތް ކުރުމާބެހޭ ގަވާއިދާ ޚިލާފަށް އެ ހަރުގެ ދޫކުރެއްޥީ ކީއްވެގެންތޯ ؟އެކަމާ ފިޔަވަޅު ނާޅުއްވަނީތޯ ؟ ފިޔަވަޅު އަޅުއްވާފައިވާނަމަ ، އެޅުއްވި ފިޔަވަޅަކީ ކޮބައިތޯ ؟ އަދި ޖުރިމަނާ ކުރެއްވިނަމަ އެއަދަދެއް ސާފުކޮށްދެއްވުން އެދެން. އެހަރުގެ ނުނެގިވާނަމަ އެއީ ކައުންސިލްގެ އިހުމާލުން ތޯ ނުވަތަ ޕޮލިހުން އެއްބާރުލުން ނުލިބިގެންތޯ ؟
ކައުންސިލްގެ ޖަވާބު : އޭދަފުށީ އިރުމަތީ ސަރަހައްދުގައި ފައިބަރުގެ މަސައްކަތް ކުރުމަށް ހަރުގެ އެއް ހަދާފައިވަނީ ކައުންސިލްގެ ހުއްދަ ދެވިގެންނެވެ. އަދި އެ ހަރުގެ ދީފައިވާ ފަރާތުން ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާ ގޮތަށް ނިންމާފައިވަނީ ފައިބަރުގެ މަސައްކަތްތަކަށް ހައުސިންގ މިނިސްޓްރީން ބިން ލިބުމުން ބިން ހޯދަން އެދޭ ފަރާތްތަކަށް އިއުލާންކޮށް ބިން ދޫކުރައްވައިގެންނެވެ. އަދި މިހާރު އެމަސައްކަތްތަކަށް ބިން ދޫކުރުމުގެ ހުއްދަ މިނިސްޓްރީ އިން ލިބިފައިވާކަން މައުލޫމާތަށް ޓަކައި ދަންނަވަމެވެ.
އެޑިޓަރުގެ ނޯޓް : ޖަވާބުތައް ޝާއިއު ކޮށްފައިއެވަނީ ކައުންސިލުން ދީފައިވާ ގޮތަށް އަކުރަކަށް ފިއްޔަކަށް ބަދަލު ނުކޮށެވެ.
މި ސުވާލުތަކަށް އޭދަފުށީ ކައުންސިލްގެ ފަރާތުން ލިއުމުން ޖަވާބު ދެއްވާފައިވަނީ ކައުންސިލްގެ ރައީސް ނާޒްނީނާ ޔޫސުފްއެވެ.
“ރައްޔިތުންގެ އަޑު” މި ކޮލަމަށް ސުވާލެއް ފޮނުއްވަން ބޭނުންފުޅުނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ.