ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯ އޭދަފުށީ ފިހާރައަށް ފިޔާ އަލުވި ބިހުގެ ބޮޑު ސްޓޮކެއް ގެނެސްފިއެވެ.
އެސްޓީއޯ އޭދަފުށި ފިހާރައިގެ މެނޭޖަރ އަހްމަދު ޒަމީލް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކުވެސް ރޯދަ އަށް ޚާއްސަ ކޮށްގެން ގެންނަ ސްޓޮކް މިހާރުވަނީ ވިއްކަން ތައްޔާރުވެފައެވެ. އެހެންނަމަވެސް މިތަކެތި ވިއްކަން ފަށާފައި ނުވަނީ އެތަކެތީގެއަގު ހަމަނުޖެހޭތީކަމުގައެވެ.
“މި ބަލަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވިއްކަން ފެށޭވަރު ވާނޭކަމަށް. އެހާއިރަށް އަގުތައްވެސް ހަމަޖެހޭނެ.” ޒަމީލް ވިދާޅުވިއެވެ.
ޒަމީލް އިތުރަށް ވިދާޅުވީ މި ތިން ބާވަތްވެސް ބޭނުން ކޮންމެ މީހަކަށް ވެސް ބޭނުން އަދަދަކަށް ގަންނަން ލިބޭނެކަމަށާއި އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް އެސްޓީއޯއިން ނުގެންގުޅުއްވާކަމުގައެވެ.
އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި މާލޭގެ އިތުރުން ރާއްޖޭގެ އުތުރުން ކުޅުދުއްފުއްޓަށާއި، ދެކުނުން އައްޑޫ ސިޓީއަށް ވެސް ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓް ލިބޭނެ އެވެ. އަދި އެސަރަހައްދުގެ އަތޮޅުތަކަށް އެތަންތަނުން ތަކެތި ފޯރުކޮށްދޭނެ ކަމަށް އާޝާން ވިދާޅުވި އެވެ.
އާޝާން ވިދާޅުވީ ފިޔާ، އަލުވި އަދި ބިސް މިއަހަރު ވިއްކުމުގެ ކަންކަން ރާވާފައި ވަނީ އަމިއްލަ ފިހާރަތަކާ ގުޅިގެން ޕާޓްނަޝިޕްގެ އުސޫލުން ކަމަށާއި، އެސްޓީއޯއާ އެކު އެއްބަސްވެފައި ހުރި ތަންތަނުން އެތަކެތި އެއް އަގެއްގައި ރީޓެއިލްކޮށް ލިބެން ހުންނާނެކަމުގައެވެ.