ޗެމްޕިއަންސް ލީގުގެ ސެމީގައި ބަޔާން-ރެއާލް އަދި އެތުލެޓިކޯ-ޗެލްސީ

uefa_champions_league___semi_final_by_jafarjeef-d7dvt4v.jpg

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތުގެ ޗެލްސީ އާއި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރަން ޖެހުނުއިރު ސްޕެއިންގެ ރެއާލް މެޑްރިޑް ޖަރުމަނުގެ ބަޔާން މިއުނިކް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ރެއާލް ދަނޑުގައި ބަޔާން ފުރަތަމަ ކުޅެން ޖެހޭއިރު ޗެލްސީ ފުރަތަމަ ކުޅެން ޖެހޭނީ އެތްލެޓިކޯ ދަނޑުގައި އެވެ. ސެމީ ފައިނަލްގެ މެޗުތަކުގެ ތެރެއިން ފުރަތަމަ ލެގް ކުޅޭނީ އޭޕްރީލް 22 އަދި 23 ގައި އެވެ. އަދި ދެވަނަ ލެގް ކުޅޭނީ އޭޕްރީލް މަހުގެ 29 އަދި 30 ގައި އެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ގުރުއަތުލުން ބާއްވާފައިވަނީ ސްވިޓްޒަލޭންޑްގެ ނިޔޯންގައި އެވެ. ގުރުއަތުލުން ނެގީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލުއިސް ފީގޯ އެވެ.

ޗެލްސީ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ފްރާންސްގެ ޕެރިން ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއި ވާދަކޮށްގެންނެވެ. އެގޮތުން މި ދެޓީމު ފުރަތަމަ ލެގުގައި 3 – 1 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި ނަމަވެސް ޗެލްސީ ދަނޑުގައި ޗެލްސީން ވަނީ ދެގޯލް ޖަހާ އެގްރިގޭޑް 3 – 3 އަށް ބަދަލުކޮށްލާފައެވެ. އެހެންކަމުން ޗެލްސީ މުބާރާތުގެ ސެމީއަށް ދަތުރުކުރީ ޕީއެސްޖީ ދަނޑުގައި ގޯލެއް ޖެހުމުން އަވޭ ގޯލް ތަފާތުންނެވެ.

އެތްލެޓިކޯ މެޑްރިޑް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ވާދަވެރި ބާސެލޯނާ އާއި ވާދަކޮށް 2 – 1 ގެ އެގްރިގޭޓު ނަތީޖާއަކުންނެވެ. މިދެޓީމު ފުރަތަމަ ލެގުގައި 1 – 1 އިން އެއްވަރުވިއިރު ދެވަނަ ލެގުގައި އެތްލެޓިކޯ މެޑްރިޑް މޮޅުވީ 1 – 0 އިންނެވެ.

ބަޔާން މިއުނިކް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ވާދަކޮށް 4 – 2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިދެޓީމު ފުރަތަމަ ލެގުގައި 1 – 1 އިން އެއްވަރުވިއިރު ދެވަނަ ލެގު ބަޔާން ކާމިޔާބުކުރީ 3 – 1 އިންނެވެ.

ބަޔާން މިއުނިކަކީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމެވެ. ބަޔާން ޗެމްޕިއަންކަން ހޯދާފައިވަނީ ވާދަވެރި ބްރޫޝިއާ ޑޯޓްމަންޑާއި ވާދަކޮށްގެންނެވެ. ނަމަވެސް ބްރޫޝިއާ ޑޯޓްމަންޑް ވަނީ ކުއާޓާ ފައިނަލާއި ހިސާބުން މުބާރާތުން ކަޓާފައެވެ.

ބްރޫޝިއާ ޑޯޓްމަންޑު ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާއި ބައްދަލުކުރިއިރު ރެއާލް ސެމީއަށް ދަތުރުކުރީ 3 – 2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިދެޓީމު ފުރަތަމަ ލެގުގައި ބައްދަލުކުރި މެޗު 3 – 0 އިން ރެއާލް ކާމިޔާބުކުރިއިރު ދެވަނަ ލެގު 2 – 0 އިން ކާމިޔާބުކުރީ ޑޯޓްމަންޑެވެ.

ބަޔާން މިއުނިކްއިން ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ފަސް ފަހަރު އުފުލާލާފައެވެ. އަދި ރެއާލް މެޑްރިޑުން 9 ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައިވެ އެވެ. މިއީ މި ދެޓީމު މި މުބާރާތުގައި ބައްދަލުކުރާ ހަތަރު ވަނަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅޭނީ ޕޯޗުގަލްގެ ލިސްބަންގައި އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top