ކެނޑިޑޭޓްގެ ބަސް: މުހައްމަދު ރިޟާ

viber-image.jpeg

ކެންޑިޑޭޓްގެ ތައާރަފް :

ބ. އޭދަފުށީ، މޫސުން ރަބީޢު މުހައްމަދު ރިޒާއަކީ އޭދަފުށީ ކައުންސިލަށް މިފަހަރު ކުރިމަތިލައްވާ އެންމެ ތަޖުރިބާހުރި ކެންޑިޑޭޓްކަމަށް ވެދާނެއެވެ. އޭދަފުށީ ކައުންސިލްގެ ދެ ދައުރު ފުރިހަމަކުރެއްވި ހަމައެކަނި ކައުންސިލަރަކީ އޭނާއެވެ. ކުރިޔަށް މިއޮތް އިންތިހާބުގައި އޭދަފުށީ ކައުންސިލަށް ރިޒާ ހޮވިއްޖެނަމަ އޭނާ ވެގެންދާނީ މިދާއިރާގެ ހެޓްރިކް ހެއްދެވުމުގެ ރެކޯޑް އޮތް ހަމައެކަނި ކައުންސިލަރުކަމުގައެވެ. 2011 ވަނައަހަރު ކައުންސިލަށް ހޮވުމުގެ ކުރިން ރިޒާ ޚިދްމަތް ކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަޤާމްތަކުގައެވެ. ރިސޯތްޓަކުގައި 10 އަހަރު ޚިދްމަތްކުރެއްވި ރިޒާވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ޓްރޭނިންގްވެސް ހައްދަވާފައެވެ. އަދި އޭނާއަކީ އިނގިރޭސިބަހާ، އިޓަލީބަހަށް ފަރިތަ ބޭފުޅެކެވެ.

3 ވަނަ ދައުރަކަށް އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވީ ކީއްވެގެންތޯ؟

އެނގިވަޑައިގަންނަވާނެ ޕީޕިއެމްގެ ސަރުކާރުން އޭދަފުށިގައި ވަރަށްބިޔަ ބޮޑެތި މަޝްރޫއުތަކެއް ފެށިގެން ކުރިޔަށް އެބަދޭ. މިމަޝްރޫއުތައް ފެށިގެން މިހާތަނަށް އައިއިރުވެސް ކައުންސިލްގައި އަޅުގަނޑު މިދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުގެ 3 ވަނަ ދައުރަކަށް ކުރިމަތިލީ މިމަސައްކަތްތައް ކާމިޔާބުކޮށް އޭދަފުށި ރައްޔިތުންނަށް އުފާވެރިކަން ހޯދާދޭން ބޭނުންވާތީ. އެކަންކަން ކުރާ ތަންތަނަށްގޮސް އެކަންކަން ބެލޭނެ މީހަކަށް އަޅުގަނޑު ވާނެތީ

ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލެއްވީ ކީއްވެގެންތޯ ؟

މިއަދުގެ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރެއް. އެހެންނޫނަސް އަޅުގަނޑަކީ ޕީޕީއެމްއިން ކައުންސިލްގައި މިހާރުވެސް ތަމްސީލް ކުރާމީހެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި ޕީޕީއެމްގައި އެބައޮތް އޭދަފުށި ތަރައްޤީކުރާނެ މާސްޓަރ ޕްލޭނެއް ހެދިފަ. ރާއްޖޭގެ އެހެންރަށްރަށަށްވުރެ މަތީ ހަރުފަތަކަށް ޕީޕީއެމް ސަރުކާރުން އޭދަފުށި ގެންދެވޭނެތީ އަޅުގަނޑު ޕީޕީއެމުން ކުރިމަތިލީ.

ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހައްލު ގެނައުމަށް އިސްކަންދެއްވާނެ 3 ކަމެއް ބަޔާންކޮށްދެއްވާ؟

އެންމެ ބޮޑު މައްސަލައަކަށް އަޅުގަނޑު ފާހަގަކުރާނީ ކައުންސިލާ ރައްޔިތުންނާ އޮތްގުޅުން ހީނަރުވެފައިވާ މައްސަލަ. އެކަން ހައްލުކުރުން އަޅުގަނޑުގެ އެންމެ އިސްކަމަކީ. އެގޮތުން އަޅުގަނޑު ވިސްނަނީ ކައުންސިލާ ރައްޔިތުންނާ ކޮންމެ މަހަކު ބައްދަލުވުމެއް ބާއްވާ ރައްޔިތުން ސުވާލު ކުރުމުގެ ކުރިން ޖަވާބުދެވޭތޯ ބެލުން.

ދެވަނަ ކަމަކަށް އަޅުގަނޑުގެ ވިސްނުމުގައި އޮތީ މިހާރު ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި އިޖްތިމާއީ މައްސަލަތަކަށް ހައްލެއް ގެނައުން. އަލަށް ހިއްކާފައިވާ ބިމުގައި ބޯހިޔާވަހިކަން، ބަނދަރެއް ހެދުން، ޒަމާނީ ދަނޑުތަކާ، ވަސީލަތްތައް ޤާއިމްކުރުން. މިކަންކަން ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލަކާއެކު، ސަރުކާރު މެދުވެރިކޮށް ކުރެވޭނެ.

ތިންވަނަ ކަމަކަށް އަޅުގަޑު އެންމެ އިސްކަންދޭނީ ރައްޔިތުންގެ މާލިއްޔާއަށް އިތުރު ފައިސާ ހޯދުމަށް ދޮރުތަކެއް ހުޅުވުން. އަޅުގަނޑު އަތުގައި އެބަހުރި އިތުރު ޕްލޭންތަކެއް އިތުރު ވިސްނުންތަކެއް މާލިއްޔާއަށް ފައިސާހޯދާނެ. މަހަކު ދެލައްކައެއްހާރުފިޔާ މާލިއްޔާއަށް ހޯދޭނެ ޕްލޭންތައް އެބަހުރި

ކައުންސިލަށް ހޮވިއްޖެނަމަ، ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ކޮބައިތޯ:

އަޅުގަނޑު ހޮއްވަވައިފިނަމަ، ޕީޕީއެމް ސަރުކާރު މެދުވެރިކޮށް އަންނަ ދައުރުވެސް ރައްޔިތުން އެދޭފަދަ ކުރިއެރުން ހޯދާދޭން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެން. ތަރައްޤިގެ ކޮންމެ މަޝްރޫއެއް ހިނގަމުންދާ ތަނެއްގައި އަމަލީގޮތުން އަޅުގަނޑު ހަމަގައިމުވެސް ފެންނާނޭ. އަޅުގަނޑަކީ ރައްޔިތުންނަށް ގެއްލޭނެ މީހެއްނޫނޭ. ކެންޑިޑޭޓް ނަމްބަރ 1 ގައި ހެޔޮ ފާހަގަ ޖައްސަވާދެއްވާށޭ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top