އެމްޓީޑީސީން މާޅޮހު ސިޓީހޮޓަލަށް ޝައުގުވެރިވުމާއެކު ކައުންސިލަށް ސިހުމެއް

baa-maalhos1.jpg

ސިޓީހޮޓާ ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބ. މާޅޮހު ކައުންސިލުން ހުޅުވާލި ފުރުސަތުގައި ސަރުކާރު ހިއްސާވާ ފަތުރުވެރި ކުންފުނި “އެމްޓީޑީސީން” ޝައުގުވެރިވުމާއެކު، މާޅޮހު ކައުންސިލަށް ސިހުމެއް ލިބިއްޖެއެވެ.

މާޅޮހު ކައުންސިލް މެންބަރު އަބްދުލްމަތީން ސޯލިހް އީވީއަށް ވިދާޅުވީ އެމްޓީޑީސީގެ ޝައުގުވެރިކަން ލިބުމާއެކު ކައުންސިލުން “ސިހުނު” ކަމަށާ، އަދި އެކަމާ ވަރަށް އުފާކުރި ކަމަށެވެ.

“ކުއްލި ސިހުމެއް ހަމަލިބުނީ. އަދި އެކުންފުންޏަކީ ފަޅުރައްތަކެއް އޮތް ކުންފުންޏަކަށްވެފައި މިކަމަށް ޝައުގުވެރިވުމުން ދޭހަކޮށްދެނީ ސިޓީ ހޮޓާގެ ޑިމާންޑް ވަރަށް މަތިކަމަށް. ވަރަށް ބޮޑު ވާދަވެރިކަމެއް މިހާރު މިއޮތީ.”

އޭނާ ވިދާޅުވީ ޝައުގުވެރިކަން ފާޅުކުރި ޕާޓީތަކުގެތެރޭގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތަކެއްވެސް ހިމެނޭކަމަށެވެ.

މާޅޮހު ކައުންސިލުން މިދިޔަމަހު ބާރަވަނަ ދުވަހު ބީލަމަށް ހުޅުވާލާފައިވަނީ އެރަށުގެ އިރު ދެކުނު ސަރަހައްދުން ދެ ބިމެއް 50 އަހަރުގެ މުއްދަތަކަށް ކުއްޔަށްދޭގޮތަށެވެ. އެއިން ކޮންމެ ބިމެއްގެ ބޮޑުމިން 27000 އަކަފޫޓަށްވުރެ ބޮޑުވާނެކަމަށްވެސް ކައުންސިލުން ބުނެއެވެ. ބީލަން ހުށައެޅުމަށް ކައުންސިލުން ކަނޑައަޅާފައިވަނީ އަންނަ ފެބުރުއަރީ 12 ވަނަދުވަހެވެ.

މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު ކުރިން ވިދާޅުވެފައިވަނީ މިމަޝްރޫއުގެ ސަބަބުން ރަށުގެ ތަރައްޤީގެ މަޝްރޫއުތަކަށް މަގުފަހިވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެކަމަށް އުއްމީދުކުރެވޭކަމުގައެވެ.

މާޅޮހުން ސިޓީހޮޓާ އެޅުމަށް ބިންދޫކުރުމަށް ނިންމައި، ކަމާބެހޭ މަސައްކަތް ފަށާފައިވާއިރު، އެރަށުގައި ގެސްޓްހައުސް ވިޔަފާރިވެސް އަންނަނީ ވައިގައި ހިފަމުންނެވެ. ކައުންސިލުން ބުނީ މިއަހަރު އިތުރު ގެސްޓްހައުސް ތަކެއްވެސް މާކެޓަށް ނެރޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top