ބ. އަތޮޅުގެ ސޯޅަސަތޭކައަށްވުރެ ގިނަމީހުންނަށް އޫރުރޯގާ ވެކްސިން ދީފި

16996408_789324354554875_5700446297339759715_n.jpg

ބ. އަތޮޅު ހޮސްޕިޓަލުން ކުރިޔަށްގެންދިޔަ ވެކްސިން ޕްރޮގްރާމެެއްގެތެރެއިން. އިންފުލުއެންޒާ ވެކްސިން 1600 އަށްވުރެ ގިނަމީހުންނަށް ދެވިފައިވާކަމަށް އަތޮޅު ހޮސްޕިޓަލުން ބުނޭ / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅުގެ ރައްޔިތުންގެ ތެރެއިން އެއްހާސް ހަސަތޭކައަށްވުރެ ގިނަ މީހުންނަށް އޫރުރޯގާއިން ރައްކާތެރިވުމުގެ ވެކްސިން ދީފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިދިޔަ ހަފްތާގެ ނިޔަލަށް ވެކްސިން ދެވުނު މީހުންގެ އަދަދު 1699އަށް އަރާފައިވާ ކަމަށާ، އޭގެތެރޭގައި ގިނަމީހުންނަކީ މިރޯގާ ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ކެޓަގަރީގައި ހިމެނޭ ފަރާތްތައް ކަމަށެވެ. ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ ބަލިޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތަކަށް ވެކްސިން ދިނުމުގެ އިންތިޒާމް މިހާރުވެސް ހަމަޖެހިފައިވާކަމަށާ އަތޮޅުތެރޭގެ ހެލްތް ސެންޓަރުތަކުންވެސް ވެކްސިން މިހާރު ލިބެން ހުންނާނެކަމަށެވެ.

“ވެކްސިން ޖަހަންބޭނުންވާ އެންމެންނަށްވެސް މިދެންނެވީ ހައިރިސްކު ބޭފުޅުން. މިހާރު އެފުރުސަތު އޮންނާނެ ރަށްރަށުގެ ހެލްތް ސެންޓަރުތަކުގައިވެސް. އަދި އަތޮޅު ހޮސްޕިޓަލަށް ވަޑައިގަތަސް އެއިންތިޒާމް ހަމަޖެހޭނެ” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ އިންފުލުއެންޒާ ރޯގާ އެޗްވަން އެންވަންގެ އަސަރު މިވަގުތު އަތޮޅުގައި ނެތްކަމަށާ، ނަމަވެސް އާންމު ސާފުތާހިރުކަމަށް އަތޮޅުގެ ރައްޔިތުން ސަމާލުވުމަށް އަބަދުވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުނގުމޫސުން ފެށުމާއެކު، ތަފާތު ރޯގާތައް، ޚާއްސަކޮށް ޑެންގީހުން އިތުރުވުމުގެ ފުރުސަތު އޮންނާނެކަމަށާ، އެކަމަށްޓަކައި ދުރާލާ ކަމާބެހޭ އިދާރާތަކާ، ކައުންސިލްތައް ތައްޔާރުވާންޖެހޭކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top