ތުއްތު ދަރިފުޅު ރޮނީ ސަބަބުތަކެއް ހުރެގެންނެވެ

mom_soothing_crying_baby.jpg

ކުޑަކުދިން ރުއިމަކީ ކަންބޮޑުވާން ޖެހޭކަމެއްނޫނެވެ. މިއީ އެކުދިންނަށް ދިމާވާ ތަފާތު އުދަނގޫތައް މަންމައަށް ބުނެދެވޭ ހަމައެކަނި ގޮތެވެ. ނަމަވެސް ސުވާލަކީ ދަރިފުޅު އެރޮނީ ކޮންކަމެއް ބޭނުން ވެގެންކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟

ކުރީކޮޅުގައި މިކަން ދެނެގަތުމަކީ ފަސޭހަކަމެއްނޫނެވެ. ނަމަވެސް ދުވަސްތަކާއިއެކު ދަރިފުޅުގެ އެދުންތައް މައިމީހާ ދެނެގަތުމުގައި އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެއެވެ. ދަރިފުޅުގެ ކަރުނަތަކުގެ މާނަ މައިމީހާއަށް ރަނގަޅަށް އެނގޭނެއެވެ. އަދި މިކަމުގައި އުދަގޫވާނަމަ ދަރިފުޅު އާއްމުގޮތެއްގައި ރޯސަބަބުތައް ފާހަގަކޮށް ބަލާށެވެ. ތިރީގައި އެވަނީ ދަރިފުޅު އާއްމުގޮތެއްގައި ރޯ ސަބަބުތަކެވެ.

1- ބަނޑުހައިވުން.

ބަނޑުހައިވުމަކީ ކުޑަދަރިފުޅު ރޯ ސަބަބުތަކުގެ ތެރެއިން އެންމެ އާއްމު ސަބަބެވެ. މިފަދަ ހާލަތުގައި އަޑުގަދަކޮށް ރުއިމުގެ އިތުރުން އުރާލުމުން އުރަމައްޗާއި ދިމާލަށް ދަރިފުޅުގެ ބޯ އާއްމުގޮތެއްގައި ގެންދާނެއެވެ. ވުމާއެކު ދަރިފުޅު ރޯނަމަ އެންމެ ފުރަތަމަ ދަރިފުޅު ބަނޑުހައިވެފައިތޯ ނުވަތަ ނޫންތޯ ބެލުން ރަނގަޅުވާނެއެވެ. ފަހަރުގައި ދަރިފުޅަށް ބުއްދޭން ފަށާއިރަށް ދަރިފުޅު ހުއްޓައި ނުލުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ބަނޑުހައިވެގެން ރޯނަމަ ބަނޑު ފުރުމުން ރުއިން ހުއްޓާލާނެއެވެ.

2- ނެޕީ ހަޑިވުން.

ނެޕީ ބަދަލުނުކޮށް ގިނައިރުވުމުން ނެޕީތެމި ދަރިފުޅުގެ ހަންގަޑަށް އުދަގޫވާނެއެވެ. ވުމާއެކު މިފަދަ އުދަގޫވާ ހާލަތުގައި ވަރަށް ގިނަ ކުޑަކުދިން ރޯނެއެވެ. ނަމަވެސް ބައެއް ކުދިން ހީސްލެވި ގިނައިރު ވިޔަސް ނުރުއިމަކީވެސް ވެދާނެ ކަމެކެވެ. ހާއްސަކޮށް ފިނި ދުވަސްވަރުއެވެ. އެއީ ހީސްލުމުން ވާ ހޫނުގައި ދަރިފުޅަށް ފަސޭހަވާތީއެވެ.

3- މާބޮޑަށް ހޫނުވުން ނުވަތަ ފިނިވުން.

ކުޑަދަރިފުޅު ރަހިމުގައި އޮންނައިރު ރަހިމުގައި ފިނިހޫނު މިން ހުންނަނީ ދަރިފުޅުގެ ހަށިގަނޑަށް އެންމެ ބޭނުންތެރިވަރަށެވެ. ދުނިޔެއަށް އައުމަށްފަހުވެސް ދަރިފުޅު މިގޮތުގައި ފިނިހޫނުމިން ހުންނާށެވެ. ވުމާއެކު ފިނިހޫނު މިނަށް އަންނަ ބަދަލާއެކު ދަރިފުޅު ގިނައިން ރުއިމަކީ ވެދާނެ ކަމެކެވެ. ފެންވަރުވަން ދަރިފުޅުގެ ހެނދުން ބޭލުމުން ރޮނީ މިހެންވީމައެވެ. ފިނިވާތީއެވެ. އަދި ގިނަފަހަރު ރުއިން ގިނަވާނީ ހޫނުވުމަސްވުރެ ބޮޑަށް ފިނިވުމުންނެވެ.

4- އުރާލަން ބޭނުންވުން.

ކުޑަކުދިންނަށް ލޯތްބާ އަޅާލުން ވަރަށްބޮޑަށް ބޭނުންވެއެވެ. މައިންބަފައިންގެ މޫނު ފެންނަން އަބަދުވެސް ބޭނުންވެއެވެ. މަންމައާއި ބައްޕަގެ އަޑު އަހާލަން ބޭނުންވެއެވެ. އަދި މަންމައާއި ބައްޕަގެ ހިތުގެ ހިގުން އަޑުއަހަންވެސް ދަރިފުޅު ބޭނުންވެއެވެ. ހާއްސަކޮށް މައިމީހާގެ މޫނާއި އަޑާއި ހިތުގެ ހިގުމެވެ.

5- މާބޮޑަށް އުދަގޫވުން.

ކުޑަކުދިން ވަރަށްބޮޑަށް އެހެންމީހުންގެ ސަމާލުކަން ބޭނުން ވެއެވެ. ނަމަވެސް ބައެއްފަހަރު ދަރިފުޅަށްދޭ ސަމާލުކަން މާ ބޮޑުވުމަކީ ދަރިފުޅަށް އުދަގޫވާކަމެކެވެ. ވުމާއެކު ބައެއްފަހަރު މާގިނައިރު ދަރިފުޅު އުރައިގެން އުޅޭނަމަ ދަރިފުޅު ރުއިމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް މަންމަ ނުވަތަ ބައްޕަނޫން ބޭރުމީހަކު ގިނައިރު އުރައިގެން ހުންނަނަމައެވެ. އަދި ގެއިންބޭރުގައި ގިނައިރު ވުމަކީވެސް ދަރިފުޅަށް އުދަގޫވެދާނެ ކަމެކެވެ. މިނޫނަސް އާކަންތައްތައް މާގިނައިން ދަރިފުޅަށް ކުރިމަތި ވުމަކީ ދަރިފުޅަށް އުދަގޫވާ ކަމެކެވެ. ވުމާއެކު ރުއިމަކީ ކުޑަދަރިފުޅު ދެން ތިވަރުން ފުދިއްޖެއޭ ބުނުމަށްޓަކައި ދޭ މެސެޖަކަށް ވެދާނެއެވެ.

6- ބަލިވުން.

ގާތުން ދިނުމަށްފަހުވެސް ދަރިފުޅުގެ ރުއިން ނުހުއްޓުނުނަމަ ދަރިފުޅު ރޮނީ އިތުރު އުދަގުލެއް ވެގެންތޯ ބަލާށެވެ. އެކަހަލަ ކަމެއް ފެންނަން ނެތްނަމަ ދަރިފުޅުގެ ފިނިހޫނުމިން ބަލާށެވެ. ފަހަރުގައި ދަރިފުޅު ރޮނީ ހުންއައިސްގެން ނުވަތަ ބަލިވެގެންކަމަށް ވެދަނެއެވެ. އަދި ހޫނުމިން މަތިނަމަ ލަސްނުކޮށް ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.

7- އެހެނިހެން ކަންތައްތައް.

ބައެއްފަހަރު ދަރިފުޅު ރޯސަބަބު ހޯދަން ވަރަށް އުދަގޫވެއެވެ. ހުރިހާކަމެއް ބަރާބަރަށް ރަނގަޅަށް ހުއްޓަސް ދަރިފުޅޮ ރޯތަން އާދެއެވެ. ގިނަފަހަރު މިހެންވަނީ ދަރިފުޅު ދުނިއެއަށް އައުމަށްފަހު އާ މަހައުލަށް ހޭނެން އުދަގޫވުމުގެ ސަބަބުންނެވެ. އެންމެ ފަސޭހަ ހުރިހާގޮތަކުން އެންމެ ރަނގަޅު މާހައުލު ކަމުގައިވާ ރަހިމުން އުދަގޫބޮޑު ދުނުޔެއަށް އައުމުގެ ސަބަބުންނެވެ. މިފަދަ ހާލަތުގައި ދަރިފުޅު ރޯއިރު ހިނދުކޮޅަކު ރޮއިފާނެއެވެ. އަދި އެތައްއިރެއްވަންދެން ކޮންމެ ދުވަހަކުވެސް ރޮއިފާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top