ސައުދީ ފަތުރުވެރިޔަކު ކެންދޫ ރައްޔިތުން ހެއްވާލައިފި

image-0-02-05-a1bafbf9be691affa75cd02f8bcd44ec0a7ab41a9da60bd28f8cf94e724eb018-V.jpg

ސައުދީ ފަތުރުވެރިޔަކު ކެންދޫ މިސްކިތަށް ހަދިޔާ ކުރި ތަކެތި އެރަށު ބަނދަރު ސަރަހައްދަށް ބާލާފައި. މިތަކެތީގެ އަހު ތިންލައްކަ ހަތްދިހަ ފަސްހާހާ ގާތްކުރާކަމަށް ކެންދޫ ކައުންސިލުން ބުނޭ. / އީވީ ފޮޓޯ

އަނަންތަރާ ކިހަވައްވިލާ ރިސޯޓް (ބ. ކިހަވައްހުރުވަޅި) އަށް އައި ސައުދީ ފަތުރުވެރިއަކު ބ. އަތޮޅު ކެންދޫގެ ހުކުރު މިސްކިތަށް ބޮޑުއެހީއެއްދީ، އެރަށު ރައްޔިތުން ހެއްވާލައިފިއެވެ.

ކެންދޫ ކައުންސިލުން ބުނީ ލިބުނު އެހީގެ ތެރޭގައި ހިމެނެނީ، ހުކުރު މިސްކިތުގައި އަޅަން ބޭނުންވާ ކާޕެޓާއި، 4 އެއާ ކަނޑިޝަން އަދި ސައުންޑް ސިސްޓަމެއް ކަމަށެވެ. ކެންދޫ ކައުންސިލްގެ ރައީސް އަބްދުލްޣައްފާރު ޤާސިމް އީވީ އަށް ވިދާޅުވީ މިއީ މިދިޔަ ޑިސެމްބަރ މަހު އެރަށަށް އައި ސައުދީ ފަތުރުވެރިއަކު، މިސްކިތް ބަލައި، ދޭން ނިންމި އެހީއެއްކަމަށެވެ. އޭނާ ވިދާޅުވީ ތިންލައްކަ ރުފިޔާއަށްވުރެ އަގުބޮޑު މިތަކެތި ސީދާ ސައުދީ އަރަބިއްޔާއިން ރާއްޖެފޮނުވީ މިދިޔަމަހުގެތެރޭގައިކަމަށާ، މިހާރު ތަކެތި ހުރީ ކެންދޫ ކައުންސިލް ބެލުމުގެ ދަށުގައިކަމަށެވެ.

“އޭނާއައިސް ސީދާ މިސްކިތް ބެލީ. ބަލާފައި ބުނީ ބޭނުންވަނީ ކޮންކަމެއްހޭ. ދެން އަޅުގަނޑުމެން އެދުނީ ކާޕެޓާ، އެއާކަންޑިޝަން އަދި ސައުންޑް ސިސްޓަމަކަށް. ސައުދީން ސީދާ ޝިޕްކުރީ ރާއްޖެއަށް. ގާތްގަޑަކަށް ތިންލައްކަ ހަތްދިހަ ފަސްހާސް ރުފިޔާގެ ތަކެތި އެއީ” ޣައްފާރު ތަފްސީލް ކޮށްދެއްވިއެވެ.

ޣައްފާރު ވިދާޅުވީ މިއީ ކެންދޫ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށާ، އަންނަ ރަމަޟާންމަހުގެ ކުރިން މިސްކިތުގައި ކާޕެޓްއަޅައި، އެއާކޯން ހަރުކޮށް ސައުންޑްވެސް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އީވީއަށް މައުލޫމާތު ލިބުނު ގޮތުގައި ކެންދޫއަށް އެހީދިން ސައުދީ ފަތުރުވެރިޔާ މިއަތޮޅު އޭދަފުށީ ހުކުރު މިސްކިތަށްވެސް އެހީދޭން މަސައްކަތް ކުރިއެވެ. ނަމަވެސް މިސްކިތުގެ ބައެއް މައުލޫމާތު ލިބުމުގައި ދަތިތަކެއް ދިމާވެގެން، އެކަން ހަމަނުޖެހުނީކަމަށް މިކަމުގައި އުޅުއްވި ބޭފުޅަކު ވިދާޅުވިއެވެ.

ބ. އަތޮޅު ރިސޯޓްތަކަށް އަންނަ ފަތުރުވެރިން މީގެ ކުރިންވެސް އަތޮޅުގެ ރައްރަށުގެ މިސްކިތްތަކަށް ބޮޑެތި އެހީތައް ވެފައި އެބަހުއްޓެވެ. އެގޮތުން ކުޑަރިކިލާ، ދަރަވަންދޫ މިސްކިތަށް މީގެ ދެއަހަރުކުރިން ދިން އެހީތައް ފާހަގަކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top