އޭދަފުށީ މަގުހެދުން މެދުކެނޑިފައިވަނީ ވެހިކަލެއް ހަލާކުވެގެން – ސައިޓް މެނޭޖަރ

DSCN4164.jpg

އެމްއާރްޑީސީ ،އޭދަފުށީ ސައިޓް މެނޭޖަރ ބަޝީރު : މަގު ހެދުން މެދުކެނޑިފައިވަނީ ވެހިކަލަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށް ވިދާޅުވި - ފޮޓޯ : އީވީ

އޭދަފުށީގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން އެމްއާރްޑީސިއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއު އަނެއްކާވެސް މެދުކެނޑިފައިވާކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ އޭދަފުށީ ސައިޓް މެނޭޖަރ އަހްމަދު ބަޝީރު ވިދާޅުވެއްޖެއެވެ.

އެމްއާރްޑީސީގެ އޭދަފުށީ ސައިޓް އޮފީހުގައި އިންނަވައިގެން އޭދަފުށީ ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައި ބަޝީރު ވިދާޅުވީ މި ފަހަރު މަސައްކަތް މެދު ކެނޑިފައިވަނީ މަސައްކަތުގައި ގެންގުޅޭ ވެހިކަލަށް މައްސަލަ ޖެހުމުން ކަމުގައެވެ. މި ވެހިކަލަކީ ދޭތެރެއަކުން މައްސަލަ ޖެހޭ ވެހިކަލެއްކަމަށާއި މަސައްކަތް ދާންވާ ބާރު ސްޕީޑްގައި ކުރިއަށް ނުދަނީ މިކަމުގެ ސަބަބުންނެވެ.

“ބައެއް ފަހަރު ހަފްތާއަކު އެއްފަހަރު އަނެއްބައި ފަހަރު މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް މީގަ މައްސަލަ ޖެހޭ. “ބަޝީރު މައުލޫމާތު ދެއްވިއެވެ.

ބަޝީރު ވިދާޅުވީ މި ވެހިކަލްގެ ބަދަލުގައި އާ ދެ ވެހިކަލް އަންނަ ހަފްތާގައި ލިބޭނެކަމަށް އެމްއާރްޑީސީން އަންގަވާފައިވާ ކަމުގައެވެ.

“އެމްއާރްޑީސީގެ ބޯޓެއް އަންނަ ހަފްތާގައި އުތުރުގެ ހަތަރުރަށަށް މަގުހެދުމަށް ބޭނުންވާ ތަކެތި ހިފައިގެން އަންނައިރު އެދަފުށްޓަސް ބޭނުންވާ އެއްޗެތިވެސް ގެންނާނެ. އޭގެ ތެރޭގައި މިދެންނެވި ދެ ވެހިކަލާއެކު ކޭބަލް ޖަންކްޝަނާ ޕޭމަންޓް ގަލާ މަގުމަތީގައި ވަޅުލާ ހޮޅިވެސް އަންނާނެ ” ބަޝީރު ވިދާޅުވިއެވެ.

އާ ދެ ވެހިކަލާއެކު މަސައްކަތް ހަލުވި ކުރުމުގެ ގޮތުން އިތުރު ދިހަ ލޭބަރުން ނަށް ވެސް މިއުޅެނީ އެދިގެން ކަމަށާއި ދެން މަސައްކަތް ފަށާއިރު ޓީމްގައި އިތުރު 10 މީހުން ތިބުމުން ވަރަށް ހަލުވި ސްޕީޑްގައި މަސައްކަތް ކުރިއަށް ދާނެކަމުގައި ބަޝީރު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ބަޝީރު ވިދާޅުވީ މުޅި މަސައްކަތަސް ބަލާއިރު އަދި ނިމިފައިވަނީ %7 ކަމަށް ވިޔަސް މީހުން އިތުރުކޮށް ދެމެޝިންއާއެކު މަސައްކަތް ކުރަން ފެށުމުން ރައްޔިތުން އެދޭ ބާރު މިނުގައި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގައެވެ.

އިތުރަށް ބަޝީރު ވިދާޅުވީ މަގުހެދުންފަދަ ރައްޔިތުންނާ ސީދާ ގުޅުން ހުރި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާއިރު އެހެން ރަށްރަށުގެ ކައުންސިލްތަކުން ލިބޭ އެއްބާރުލުމަށްވުރެ އޭދަފުށީ ކައުންސިލުން ލިބޭ އެއްބާރުލުން ކުޑަކަމަށެވެ. އޭގެ ތަފްސީލަށް ނުގޮސް އޭނާ ވިދާޅުވީ މިވަރުގެ ބޮޑުކަމެއް ހިނގާއިރު މަސައްކަތް ހިނގާ ނުހިގާ ގޮތް ބެލުމާއި އެކަމާގުޅިގެން ކުރަންޖެހޭ މަޝްވަރާތައްވެސް ހުންނާނެކަމުގައެވެ.

އޭދަފުށިގެ 15 މަގު ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމަށް އެމްއާރްޑީސީ އާ ހަވާލުކޮށްފައިވަނީ 16 ޖޫން 2015ގައެވެ. 33 މިލިޔަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތްފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ތާރުއަޅާނީ ޖުމްލަ 3.36 ކިލޯމީޓަރުގައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top