ވައިޓް އެލާޓާއެކު ދަރަވަންދޫ އެއާޕޯޓަށް ބާރުބޮޑުވެއްޖެ

Airport.jpg

މިދިޔަ ދެދުވަހު ބ. އަތޮޅު ސަރަހައްދަށް މޫސުން ގޯސްވެ ކަނޑުގަދަވުމާއި، ވިއްސާރައިގެ ސަބަބުން ދަރަވަންދޫ އެއާޕޯޓުން ދަތުރު ކުރާ މީހުންގެ އަދަދު އިތުރުވެ، އެއާޕޯޓަށް ބާރުބޮޑުވެއްޖެއެވެ.

ދަރަވަންދޫ އެއާޕޯޓުން ބުނީ މޫސުން ގޯސްވުމާއެކު، ފްލައިޓްތައް ވަގުތުން ފުލްވެފައިވާ ކަމަށެވެ. ދަރަވަންދޫ އެއާޕޯޓްގެ މެނޭޖަރ ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ކުރިޔަށް އޮތް ދެތިންދުވަހުވެސް އިތުރު ޖާގައެއް ލިބެން ނެތްކަމަށެވެ. އަދި ކުރިޔަށް ހުރި ފްލައިޓްތަކަށްވެސް ބާރުބޮޑުވަމުންދާކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

“ޖެނުއަރީ 1 އާ ހަމައަށް އެއްވެސް ޖާގައެއް މިހާރަކު ނެތޭ ދެންނެވޭނީ. އޭގެފަހުން ހުރި ފްލައިޓްތައްވެސް ވަރަށް ބާރުބޮޑުކޮށް ފެންނަނީ.”

ނާޒިމް ވިދާޅުވީ މިވަގުތު ދުވާލެއްގެ މައްޗަށް އެއެއާޕޯޓަށް ބާރަ ނުވަތަ ސާދަ ފްލައިޓް ޖައްސާކަމަށާ، އިތުރު ފްލައިޓްތަކެއް ބާއްވަން އަދި ހަމަޖެހިފައިނުވާކަމަށެވެ.

އަނެއްކޮޅުން ކަނޑުގަދަވުމާ ގުޅިގެން މާލެއާ އޭދަފުއްޓާ ދެމެދު ދަތުރުކުރާ ޝެޑިއުލް ލާންޗް ފެރީތަކުން ދަތުރު ކުރާމީހުން މަދުވެފައިވާކަމަށް އެޖެންޓުން ބުނެއެވެ. ސޭލަމް ސްޕީޑުން ބުނީ ބައެއް ބުކިންގްސް ތައްވެސް މިދިޔަ ދެދުވަހާ، ކުރިޔަށް ހުރި ދުވަސްތަކަށް ކެންސަލް ކުރަމުންދާކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނަނީ މިއަދާ މާދަމާވެސް “ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ.” ކަމަށެވެ. އަދި ބ. އަތޮޅު ސަރަހައްދަށް “އިރުއުތުރާއި އިރުންް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާ، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެެކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top