ސުނާމީގެ ހަނދާންތައް : “ދެ ދަރިން ސަލާމަތްވީ ހަމަ ކިރިޔާ “

AISA1.jpg

އައިސަ ، ސުނާމީގެ ހަނދާންތައް އީވީއާ ހިއްސާ ކުރަނީ- ފޮޓޯ :އީވީ

ﷲގެ ހެޔޮ ރަހުމަތުން ދިވެހީންނަކީ ތޫފާންތަކާއި ގުދުރަތީ ކާރިސާތަކުގެ ތަޖްރިބާ މަދު ފަހަރަކު ނޫނީ ކޮށްފައިވާ ބައެއް ނޫނެވެ. ދުނިޔޭގެ މެދުގައި ފިނިހޫނުމިން އެއްވަރު ވައިފެން ރަނގަޅު ދޮންވެލީގެ ރަށްތަކެއްގައި ދިރިއުޅުމުގެ ނަސީބު ލިބިފައިވުމަކީ  ދިވެހީންގެ ހެޔޮ ނަސީބެވެ. ބިންހެލުމާ ފެންބޮޑުވުމާ  މި ނޫނަސް މިފަދަ ގުދުރަތީ ކާރިސާ ތަކަކީ ދިވެހިންނާ ބީރައްޓެހި ކަންކަމަށް އޮތީ ވެފައެވެ.

މި އަމާންވެށީގައި ދިރިއުޅެމުންއައި ދިވެހިންނަށް 2004ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26ވަނަ ދުވަސް ކުރިމަތިކުރުވީ ދުވަހަކުވެސް ތަޖްރިބާ ނުކުރާ އާކަމެއް މެދުވެރި ކުރުވި ދުވަހަކަށެވެ. ކުއްލި ހައިރާން ކަމަކާއެކު އެތައް ބައެއްގެ ދިރިއުޅުން ގެއްލި ދިޔަ ހިތާމަވެރި ކާރިސާއެއް މެދުވެރި ކުރުވި ދުވަހަކަށެވެ. އެދުވަހަކީ ރާޅުގެ ދަރިންގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ދިވެހިންނަށް ބިޔަ ރާޅެއްގެ ނުރައްކާތެރިކަމާއި  ކުރިމަތިލާން ޖެހުނު ދުވަހެވެ.

އޭގެ ކުރިން އަޑުނާހާ  އާނަމެއް އެދުވަހާއި ގުޅިގެން އަހަރެމެންގެ ތެރެއަށް ތައާރަފްވި  ސުނާމީގެ ހިތި ހަނދާންތައް އެންމެ ބޮޑަށް އަދިވެސް ކުރާނެ އެއް ބަޔަކީ އޭދަފުށީގެ ރައްޔިތުންނެވެ.

ސުނާމީގެ ބިޔަ ރާޅު އޭދަފުށްޓަށް އަރާ ރަށުގެ ބޮޑު ބައެއް ދޮވެލާފައި ދިޔައިރު ބައެއް މީހުންގެ މުޅި ދިރިއުޅުންވެސް ދިޔައީ ދޮވެވިގެންނެވެ. އޭގެ ތެރެއިންއެކަކީ އޭދަފުށީ އޮޅުވެލި އާއިޝަތު އަބްދުއްރަހްމާން (އައިސަ ) އެވެ.

ފިރިމީހާ ސައީދުއާއެކު އެދުވަހުވެސް އައިސަ އިނީ އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ބަދިގެ ކައިރީގައި ހުރި ކުޑަ މޭޒެއްގައި ހެނދުނުގެ ސަޔަށް އިންސާފު ކުރުމުގައެވެ. ގެއަކީ އަތިރިމައްޗާ ކައިރީގައި ހުރި ގެއަކަށް ވެފައި ކަނޑުން ނަގައިގެން އަންނަ ފިނި ވައިރޯޅިއާ ތާޒާ ވައި ލިބޭ މާހައުލުގައި ދިރިއުޅުމުގެ  ހެޔޮނަސީބު ލިބިފައި ވުމުން އެގޭގައި އައިސަމެން އުޅުނީ އުފަލުންނެވެ. ގުދުރަތީ ރީތި ވެއްޓެއްގައެވެ.އަރާމު ޖައްވެއްގައެވެ. އެހެންނަމަވެސް މި ރީތި ވެއްޓާ ފިނިރޯޅި ލިބޭ މާހައުލުގެ އަމާންކަން ގެއްލި ދިޔައީ ހަމަ ކުއްލިއަކަށް މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.

ގަޑިން އޭރު ހެނދުނު 9 ޖެހީއެވެ.

ސައީދު އިނީ ސައިގެ މަތިން ހަނދާން ނެތިފައި ކަހަލައެވެ.

“އެހެން އިދެފައި ސައީދު ބުނެފި ބަލާބަލާށޭ މޫދުގެ ލޮނުގަނޑަށް އެހެރަވާ ގޮތެއް. “

ފިރިމީހާ އެހެން ބުނުމުން އައިސަ ކަނޑަށް ބަލައިލި އިރު ފެނުނީ އެހެންޏާ ނުފެންނަކަހަލަ ގޮތަކަށް ކަނޑުގެ ލޮނުގަނޑު އުފުލި ކެކިގެން އަރާ ތަނެވެ. ސައި ބުއިން ހުއްޓާލާފައި އުދައަރަނީކަމަށް ހީކޮށް އައިސަ ދުއްވައިގަތީ މަގުމައްޗަށެވެ. މަގަށް ނުކުތަތަނާ  އައިސަމެންގެ ގޭގެ އިރުން އޮތް މަގަށް  އެ ބިޔަ ރާޅު އައިސް އަރާ ހަމަކުރަނީއެވެ. އޭނާ އަވަސްވީ އެދުވަހު ހެނދުނު އަވީލާފައި އޮތް ގޮދަޑި ގޭތެރެއަށް ވެއްދޭތޯއެވެ. އައިސަ ހުރީ އޭނާގެ ދޮޅުއަހަރުގެ ދަރިފުޅު ކިހިލި ޖަހާލައިގެން ކަމުން އެތަނުގައި ހުރި ފާރުބުރިމަތީގައި ދޮޅު އަހަރުގެ ދަރިފުޅު ބައިންދާފައެވެ.  އެހެންނަމަވެސް އޭނާއަށް އެކަންވެސް ނުކުރެވި އުޅެނިކޮށް ގޭތެރެއަށް ސުނާމީގެ ބޮޑު ރާޅު ވަދެ ގޭތެރެ އެއްކޮށް ދޮވެލީއެވެ.

އެހިސާބުން އާއްމުުންގެ ރުއިމާ ތަކުބީރުގެ އަޑާ ކުޑަކުދިންގެ ވޭނީ ހަޅޭކުގެ އަޑުން މުޅި މާހައުލު އޮތީ ގުގުމާލާފައެވެ.

ދަރިންކޮޅާއެކު މައިފުންނަ ގެއަށް އަވަހަށް ދާށޭ ބުނެފައި ސައީދު ދުއްވައިގަތީ ފަޅުގައި އޮތް އޭނާގެ ދޯނި ސަލާމަތްކުރެވޭތޯއެވެ.

” ހަދާނޭ ގޮތެއްވެސް ނޭނގި އިރުކޮޅަކު ހުރެވުނު. އޭރުތިން އަހަރުގެ  ދަރިފުޅު އިސްމާއީލް ކޮޓަރީގަ ކުޅެން އިން ހަނދާންވެސް ގެންފަހުރި ބިރެއްގެ ސަބަބުން ނުވި. ފާރުބުރިމަތީގަ ބޭންދި ކުޑަ ދަރިފުޅު ރާޅާއެކު ދަމައިގަތުމުން އެތަން ފެނުނީ  އެދިމާލުގައި ހުރި ދޯންޏެއް ސަލާމަތް ކުރަން ގޮސް ހުރި ފުނަދޫ ޚާލިދުއަށް.  ޚާލިދުއަށް އެތަން ފެނިގެން ދަރިފުޅު ސަލާމަތް ކުރީ.” އައިސަ ބުނީ ޚާލިދު ނެތްނަމަ އެދަރިފުޅު އެދުވަހު ސަލާމަތް ނުވާނެ ކަމުގައެވެ.

މިހިސާބަށް ކަންތައް ދިޔައިރު އައިސައަށް ދެވަނަ ދަރިފުޅު ތިން އަހަރުގެ އިސްމާއީލް ކުޅެން ކޮޓަރީގައި ބޭންދި ހަނދާން ވެގެން އަވަހަށް ގޮސް ބަލާލިއިރު ހެނދުނުން ފެށިގެން އެތަނުގައި އިން އެދަރިފުޅު އިނީ ރޮއިރޮއި ވަރުބަލި ވެފައެވެ.

ގަޑިން ދިހަގަޑި ބައިވިއިރުވެސް މަސްރަހު އޮތީ ނާމާން ކަމުގައެވެ. މަގުމަތީގައި އޮޔާދަނީ ގެވެހި ކަންވާރާއި މަސްމަހާ މެހީގެ ބާވަތްތަކެވެ. އެކަކު އަނެކަކާ ބައްދަލު ވުމާއެކުވެސް ފުރަތަމަ އަހާލެވެނީ ތިގޭ މީހުންގެ ހާލު ކިހިނެއްްތޯއެވެ. އެކަމަކު އެހެން އަހާލެވެނީވެސްް ހިތްވަރުގަދަ މީހުންނެވެ. އެއަށްވުރެ ރައްޔިތުން ތިބީ ވާނުވާ ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގައެވެ.

aisa

ރަށުތެރެ ކޮންމެވެސް ވަރަކަށް ހަމައަށް އެޅުމުން ގެއަށް އައިސް ވަން އިރު ގޭގައި އެއްވެސް އެއްޗެއް ސަލާމަތަކުން ނެތެވެ.  ގޭގެ ދެފާރު ވެއްޓިފައެވެ. ކޮޓަރީތަކުގެ ފާރަށް ގެއްލުމެއް ނުލިބުނަސް  ހުރިހާ ފަރުނީޗަރުތަކާ އެނދުގެ ގޮދަޑިތަކަށް ދާންދެންވެސް ހުރީ ބިންމަތީގައެވެ. އޭގެ އިތުރުން  އެރޭ ނިދަން ވެގެން އަތުގަ ހުރި ރަނާ ކަރުގަ ހުރި ރަން ވެސް ނަގާފައި މޭޒުމަތީގައި ބަހައްޓާފައިހުއްޓާ މި ހުރިހާ އެއްޗެއްވެސް ގެއްލި ދިޔައީއެވެ. ދޮރާ ދޮރުފަތްތައްވެސް ހުރީ ވަކިވެ ހަލާކުވެފައެވެ.

އެނބުރި ދަރިންގެ ގާތަށް ދިޔައީ ތެމި ފޯވެގެން ހުރެއެވެ. ލައިގެން ހުރި ހެދުން ފިޔަވައި ހުރިހާ އަންނައުނެއްވެސް ގެއްލި ދިއުމުން  ހެދުން ބަދަލުކުރެވެން ނެތީއެވެ. އިރު އޮއްސެންދެން އައިސަ ހުރީ އެގޮތުގައެވެ.

އައިސައެކޭ އެއްފަދައިން އައިސަގެ އަވައްޓެރިންނާއި މުޅި އެހިސާބުގަނޑު އެންމެންވެސް ސަރަހައްދު ދޫކޮށްފައި ގޮސް ތިބީ ރަށުގެ މެދުތެރޭގައި ހުރި އެމީހުންގެ ތިމާގެ ގޭގޭގައެވެ.

އައިސަމެންގެ ގެއަށް  އެނބުރި ދިރިއުޅެން އައީ އޭގެ ހަތަރުމަސް ފަހުންނެވެ. ދަރިންނަށް ލިބިފައިވާ ނަފްސާނީ ގެއްލުން ތަކާއި ގެ މަރާމާތުކުރުމަށް ބޭނުންވެގެން އެހާދުވަސް މަޑުކުރަން ޖެހުނީ ކަމަށް އައިސަ ބުންޏެވެ.

މިއީ އެންމެ އައިސައެއްގެ ވާހަކައެވެ. މިކަހަލަ ކިތަންްމެ އައިސައެއް އެދުވަހު އޭދަފުށީގައި ވަނީ ސުނާމީގެ ބިރުވެރިކަން ތަޖްރިބާ ކޮށްފައެވެ. އަދި އެބިރުވެރިކަމުން އަރައިގަތުމަށް ،މާލީ ގެއްލުމުގެ އިތުރުން ނަފްސާނީ ގޮތުން ލިބުނު ގެއްލުން ތަކަށް ފަރުވާކުރުމަށް  ދެއަހަރު ދުވަސް ނެގި މީހުންވެސް މަދެއް ނޫނެވެ.

އެކާރިސާގެ ފަހުން މިހާރު 12 އަހަރުވީއެވެ،. އެހެންނަމަވެސް އެހަނދާންތައް އައިސަގެ ހިތަކުން އަދިވެސް ނުފިލައެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވީކަމެއް ހެންނެވެ. “އަހަރެންގެ ދެވަނަ ދަރިފުޅު އަދިވެސް މުޅިން ރަނގަޅު ނުވޭ.  މިހާރުވެސް މި ގެންދަނީ ފަރުވާ ކުރަމުން. ” އައިސަ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top