މާސް ޖަމްއިއްޔާއިން މާޅޮހުގައި އިންޑޯ ބެޑްމިންޓަން ކޯޓެއް އަޅަނީ

56.jpg

މިއަތޮޅު މާޅޮހު މާސް ޖަމްއިއްޔާއިން އެރަށުގައި އިންޑޯ ބެޑްމިންޓަން ކޯޓެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މާސް ޖަމްއިއްޔާގެ ގޯއްޗާއި އިންވެގެން އޮތް ބިމުގައި ހަދާ މިކޯޓްގެ މަސައްކަތް މިދިޔަ ހަފްތާ ފެށިފައިވާކަމަށްކަމަށް އެޖަމްއިއްޔާއިން ބުނެއެވެ. މާސް ޖަމްއިއްޔާގެ އިންތިޒާމް ސެކްރެޓަރީ އަދި މާޅޮހު ކައުންސިލް މެމްބަރ އަބްދުލްމަތީން ސާލިހް ވިދާޅުވީ މިއީ އެޖަމްއިއްޔާގެ އަމިއްލަ ހަރަދުގައާއި، ކައުންސިލްގެ އެހީގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތެއްކަމަށާ، މިކަމަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެވޭނެކަމަށެވެ.

“މާސް ޖަމްއިއްޔާއިން ތިންލައްކަ ހަރަދު ކުރާނެ. ކައުންސިލުންވެސް ވަނީ ތިރީސްހާސް ރުފިޔާ ދެއްވާފައި. ދެން މަސައްކަތްތައް މިހާރު ކުރެވެމުން މިދަނީ ކައުންސިލާ، މާސް ޖަމްއިއްޔާގެ މެމްބަރުން ހިލޭ ސާބަހަށް” މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކޯޓް އެޅުމުގެ ބޭނުމަކީ މާޅޮހުގައި ޒުވާނުންގެ މެދުގައި ބެޑްމިންޓަނަށް ޝައުގުވެރިވާ މިންވަރު އިތުރު އިތުރުވުމާއި، މިފަދަ އިންޑޯ ކޯޓަކަށް ޒުވާނުން ބޭނުންވެފައިވުން ކަމަށެވެ.

“މިހާރު މިވާގޮތަކީ އިންޑޯ ތިރިކޯޓެއް މިރަށުގައި މިއޮންނަނީ. އެތަނުގައި ނުކުޅެވޭ ބޯޅަ ފުރާޅުގައި ޖެހޭތީ، އެހެންވީމާ، ޒުވާނުންގެ ޝަކުވާ ވަރަށް ބޮޑު”

މަތީން ވިދާޅުވީ 55 ފޫޓް ދިގު 45 ފޫޓް ފުޅާ އިންޑޯ ކޯޓާއެކު މާސް ޖަމްއިއްޔާގެ އޮފީސް އިމާރާތްވެސް ގާއިމް ކުރެވި ޖަމްއިއްޔާގެ މަސައްކަތްތައްވެސް ހަރުދަނާ ކުރެވިގެންދާނޭކަމަށެވެ. އަދި ކޯޓްގެ މަސައްކަތްތައް މުޅިން ނިންމައި އަންނައަހަރު ކުރީކޮޅު ބޭނުންކުރަން ފެށޭނޭކަމަށެވެ.

2006 ވަނައަހަރު އުފެދުނު މާސް ޖަމްއިއްޔާއަކީ އެރަށުގެ ތަރައްޤީގެ ކަންކަން ހިންގުމުގައި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ހީވާގި ޖަމްއިއްޔާއެކެވެ. މާސްގެ އިތުރުން މާރެސްގެ ނަމުގައިވެސް އެރަށުގައި ޖަމްއިއްޔާއެއް ހިންގަމުން ގެންދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top