ސައިނޯސާރާއީ : ނަކަލުކުރަން ޖެހޭ ނަމޫނާއެއް

PicMonkey-Sample.jpg

ސައިނޯސާ ރާއީއަކީ ތަންކޮޅެއްކުރިން އަޑުއެހި ނަމެކެވެ. އީޓީގެ ޚަބަރުތަކަށް މާގިނައިން ކޮމެންޓް ކުރާ މީހެއްގެ ގޮތުގައެވެ. އޭގެފަހުން މަޝްހޫރު ފޮޓޯގްރާފަރެއްގެ ގޮތުގައެވެ. އޭދަފުށީޓައިމްސްގެ ކުޅިވަރު ޚަބަރުތަކުގެ ކެޕްޝަންގައި މީގެ ހަތަރުއަހަރެއްހާ ދުވަސް ކުރިން މި ނަން ލިޔެފައިވާތީ ހީކުރީ އެއީ އޭދަފުށީގައި ވަޒީފާ އަދާކުރަމުން އަންނަ އިންޑިއާ ރައްޔިތެއް ކަމަށެވެ. ރާއޯއާއި ރާއީ އަކީ އިންޑިއާ ނަންތަކެއް ކަމަށް ވާތީއެވެ. ސޯޝަލް މީޑިއާއިންވެސް މި މީހެއްގެ އަޑު ގަދަވެފައިވާތީ ސައިނޯސާ ރާއީ ބެހޭ މައުލޫމާތު ހޯދާލާ ހިތްވިއެވެ.  ޝައުގުވެރި ކަންތައްތަކެއް މިނަމާއި ގުޅިފައިވާތީ މި މީހަކާއި ބައްދަލުކޮށްލާ ހިތް ބޮޑުވިއެވެ.

އެއީ ބޮޑު އީދު ދުވަހެކެވެ.  އީދުގެ މުނާސަބާގައި އޭދަފުށީގައި ކޮންމެ އަހަރަކުވެސް އޮންނަ ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ހިނގަމުން ދެއެވެ. އެތަން ފޮޓޯނަގަން ހާޒިރުވި މީހުންގެ ތެރެއިން އެންމެބޮޑަށް އަޅައިގަތީ އިސްކޮޅުން ހަތަރުފޫޓުވެސް ހަމަނުވާ ކުއްޖަކު ބޮޑު ކެމެރާއެއް ހިފައިގެން ފޮޓޯ ނަގަމުން ދާ މަންޒަރެވެ. ބޮޑެތި ބައެއްގެ ކުރިމަތީގައި ބީރައްޓެހިކަމެއް ނެތި ބިޒީކަމާއެކު ރަސްމިއްޔާތު ހިނގަމުން ދިޔަ ސްޓޭޖްކައިރީގައި ހުރެގެން މިމަންޒަރުތައް އޭނާގެ ކެމެރާގައި ރައްކާކުރަމުން ދިޔައިރު ހީކުރީ މިއީ އީދަށް މާލެއިން އައިސްގެން އުޅޭ ކުއްޖެއްކަމަށެވެ. އަހަރެން ހުރީ އެމަންޒަރު ބަލާށެވެ. ނިކަން ފަރިތަކަމާއެކު ކެމެރާ ގެންގުޅޭ ގޮތާއި ފޮޓޯ ނަގަން ގެންގުޅުނު ޕޯސްތަކުން އެނގުނީ މިކުއްޖާ ކިތަންމެ ކުޑަ ނަމަވެސް މިކަމަށް ތަސައްރަފު ފުދިފައިވާ ކަމެވެ.

އެރޭ އީޓީ ބަލާލި އިރު މިއަދު ފެށި ފުޓްބޯޅަމުބާރާތުގެ ޚަބަރު ލިޔެފައި އޮތް ކެޕްޝަންގައި މިއޮންނަނީ އަނެއްކާވެސް ސައިނޯސާ ރާއީގެ ނަމެވެ.

އޭރުވެސް  ސައިނޯސާ ރާއި ދަންނަނީ މޮޅު ފޮޓޯގްރާފަރެއްގެ ގޮތުގައާއި  ޒުވާނުންގެ މެދުގައި ވަރަށް “ހިނގާ ” މީހެއްގެ ގޮތުގައެވެ.

އޭނާއާ ބައްދަލުވީ އިއްތިފާގަކުންނެވެ. އަހަރެން ހައިރާންވިއެވެ. އަހާލީމެވެ. ތެދެއްހެއްޔެވެ.ސައިނޯސާ ރާއިއަކީ ތިޔައީ ހެއްޔެވެ. އޭނާ އާއެކޭ ބުނުމުން ގަބޫލު ނުކުރެވިގެން އަނެއްކާވެސް އަހާލެވުނީ އެހެންނެވެ.  އަހަރެން ބުނީމެވެ. ކުޑަކުޑަ މީހަކަށް ތިކިޔަނީ ހާދަހާ ބޮޑު ނަމެކެވެ.  ހީކުރީ ސައިނޯސާ ރާއީ އަކީ ބޮޑު މަތިމަހެއްލާފައި ހުންނަ އިންޑިއާގެ ތަމަޅައެއް ކަމަށެވެ.

އޭނާ ހުރީ ފާޑަކަށް ހިނި އައިސްފައެވެ.

ރާއީ ގަލޮޅު ދަނޑުގައި މެޗެއްގެ ފޮޓޯ ނަގަނީ. އޭނާވަނީ ފޮޓޯނެގުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައި / ފޮޓޯ ރާއީ

ރާއީ ގަލޮޅު ދަނޑުގައި މެޗެއްގެ ފޮޓޯ ނަގަނީ. އޭނާވަނީ ފޮޓޯނެގުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައި / ފޮޓޯ ރާއީ

އަދި 18 އަހަރުވެސް ނުފުރޭ ކުޑަ ކުއްޖަކު ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށް ވުމަކީ އާދައިގެ ކަމެއް ނޫނެވެ. މި ނޫނަސް އެހެން ކަންތައްތަކެއްވެސް ފެނިދާނެކަމަށް ހީކޮށް އޭނާއާ ވާހަކަ ދައްކާލުމުން ހަމަ ހަގީގަތުގައިވެސް އަހަރެން ކޮސް ވެއްޖެއެވެ. މިކަހަލަ ދެވަނަ ކުއްޖަކު ހުރެދާނެބާއޭ ހިތަށް އެރިއެވެ.ޒުވާން ކުދިން މިކަހަލަ ރަނގަޅު ކުދިން އުޅޭ ގޮތް ކޮޕީ ނުކުރަނީ ކީއްވެގެން ބާއޭ ހިތަށް އެރިއެވެ.

އޭނާއާ ބައްދަލުކުރީ އޭނާ މަސައްކަތްކުރާ ނިޔަމި ސްޓޫޑިއޯއިންނެވެ. އޭރުވެސް އޭނާ އިނީ ފޮޓޯތަކެއް އެޑިޓްކުރުމުގެ މަސައްކަތުގައެވެ. އޭނާއާ އެއްވަރުގެ ކުޑަ ގޮޑިއެއްގައެވެ.

ސައިނޯސާރާއި ކިއުން ދެން ހުއްޓާލަމާ ހިނގާށެވެ.

ރާއީ މިހާ ހިސާބަށް އައިގޮތް އެއީ ޒުވާނުންނަށް ބޭނުންތެރި މައުލޫމާތު ތަކެކެވެ. އޭނާގެ ކުރު މާޒީން ދަސްކޮށްދީފައިވާ ފިލާވަޅަކީ އަޒުމެއް އޮވެގެން މަސައްކަތްކޮށްފިނަމަ ކާމިޔާބު އައިސް ހިނިތުން ވެލުން ލަސްނުވާނެކަމެވެ. ރާއީގެ ދިރިއުޅުމަކީ ޒުވާނުން އޭނާގެ ދިރިއުޅުން ނަކަލުކުރަންޖެހޭ ނަމޫނާާއެކެވެ. މި ނަމޫނާ ބަލައިގެން ކުރިއަށް ދާނަމަ އެކުއްޖަކު ވާނީ ގައުމަށާއި ރަށަށް ޚިދުމަތްތެރި މަގާމެއްގައި ހުރި މުހިއްމު މީހަކަށެވެ. އަރުތަވެރި ފަންނާނަކަށެވެ.

އޭނާއަކީ ބ.އޭދަފުށީ އުތުރުގޭ ރާއިފު ޔޫސުފެވެ. އާއްމުނަމަކީ ރާއީއެވެ. ސައިނޯސާ އަކީ އިރުމަތީ އަވަށުގައި އޮތް ފުޓްބޯޅަ ޓީމަކަށް ކިޔާއުޅުނު ނަމެކެވެ. އެނަން އޭނާއާ ގުޅުވީ ރާއި އަމިއްލަ އަށެވެ.

އުމުރުން 17 އަހަރުގެ ރާއީގެ ޕްރައިމަރީތައުލީމީ ހަޔާތުގެ ދުވަސްތައް ހޭދަކޮށްފައިވާ ގޮތަކީވެސް އަހާލަން ރީތި ވާހަކައެކެެވެ. ހަތަރު ސްކޫލުން ކިޔަވައިގެން  ޖީސީއީ އޯލެވެލް އާ ހަމައަށް އައި އެހެން ޒުވާނަކު ހުންނާނެބާއޭ ހިތައް އަރައެވެ. ރާއީގެ ފުރަތަމަ ރެކޯޑަކީ އެއީއެވެ.

” އަޅުގަނޑު ނާސަރީ ކްލާސްތައް ފުރިހަމަ ކުރީ ބަހިއްޔާ ޕްރީސްކޫލްން. އެއަށްފަހު ގްރޭޑް އެކަކާއި ދޭއް ފުރިހަމަކުރީ ބ. އަތޮޅު ތައުލީމީ މަރުކަޒުން. ގްރޭޑް  ތިނަކުން ފެށިގެން ހަތަކާ ހަމައަށް ކިޔެވީ ޖަމާލުއްދީން ސްކޫލުން . އެއަށްފަހު އަށަކުން  ދިހައަކާ ހަމައަށް އުޅުނީ ދަރުމަވަންތަ ސްކޫލް ގައި. ”
ރާއީގެ ތައުލީމީ ހަޔާތް ވޭތުކުރި ގޮތް އީވީއަށް ކިޔައިދެމުން ބުންޏެވެ.

ރާއީ ބުނީ ކިޔެވުން އަދި ނުނިމޭ ކަމަށާއި މިހާރު މިހުންނަނީ ބްރޭކެއްގައެވެ.

ރާއީ ރައްތެހިންތަކަކާއެކު. އޭނާއަކީ ރައްޓެހިންނާ ގާތްގުޅުމެއް ބާއްވާ ފަރާތެއް / ފޮޓޯ ރާއީ

ރާއީ ރައްތެހިންތަކަކާއެކު. އޭނާއަކީ ރައްޓެހިންނާ ގާތްގުޅުމެއް ބާއްވާ ފަރާތެއް / ފޮޓޯ ރާއީ

އޭނާ އިންތިޒާރު ކުރަމުން ދަނީ އަންނަ މޭ މަހު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެން ޔޫ ) އިން ފެށުމަށް ހަމަޖެހިފައިވާ  ދެއަހަރު ދުވަހުގެ ޖާނަލިޒަމް ކޯހަށެވެ. މިކޯހުގައި ބައިވެރިވާހިތް އޮތްލެއް ބޮޑުކަމުން މިދިޔަ އަހަރުވެސް ކޯހަށްއެޕްލައި ކުރިއެވެ. އެހެންނަމަވެސް އޭނާއަށް އެކޯހުގައި ބައިވެރި ވެވޭގޮތް ނުވީ ކުޑަކުއްޖަކަށް ވުމުންނެވެ.

މި ކޯސް އޭނާއަށް މުހިއްމު ވަނީ މުސްތަގްބަލުގައި ކުރިއަށް ދާން ބޭނުންވަނީ ކުޅިވަރު ޖާނަލިސްޓެއްގެ ގޮތުގައި ކަމަށް ވާތީއެވެ.

“ފޮޓޯގްރަފީއަކީ އަހަރެންގެ ހޮބީ. އެކަމަކު އެންމެ ކުޑައިރުން ފެށިގެންވެސް ނޫސްވެރިކަމުގެ ރޮނގުން ކުރިއަށް ދާން ބޭނުންވީ. ޚާއްސަކޮށް ކުޅިވަރުގެ ރޮނގުން. “

ކޯހުގައި ބައިވެރި ނުވެވޭ ގޮތް ވީނަމަވެސް ހާސްކަމެއް ނެތެވެ. މިހާރުވެސް އީޓީގެ ކުޅިވަރު ޚަބަރު ތައް ގެނެސްދެނީ އޭނާއެވެ. އެ ޚަބަރުތަކުގައި އޮއްޓަރު ހުރެއެވެ.އެ ޚަބަރުތައް ހޫނުކަމާއެކު ގެނެސްދެއެވެ. ޚަބަރާ ގުޅޭ ފޮޓޯތައް ނަގަމުން ޚަބަރު ކަވަރުކޮށްދިނުމުގައި ރާއީ ކަހަލަ ކުޑަކުއްޖެއްގެ މަސައްކަތަށް ތައުރީފު ހައްގެވެ.

އޭނާގެ ޚަބަރުތައް އީޓީކަހަލަ  ނޫސްވެރިކަމުގެ ދުނިޔޭގައި ތަޖުރިބާ ހުރި ނޫހަކުން ބަލައިގަންނާނީ ޝައްކެއްވެސް ނެތް ގޮތުގައި މޮޅު ރިޕޯޓަރެއްގެ އިތުރުން މޮޅު ފޮޓޯގްރާފަރަކަށްވެސް ވާތީއެވެ.

ނޫސްވެރިކަމުގެ ރޮނގުން މިހާ ހިސާބަށް އައިގޮތްކިޔައިދެމުން ރާއިބުނީ ގްރޭޑް ދޭއް ތިނެއްގައި އުޅުނުއިރުވެސް ޓީވީއެމްގެ ޚަބަރުތައް ބަލާ ކަމަށާއި ޚަބަރުތައް ގެނެސްދޭގޮތާއި ސްޓައިލް އަދި ޚަބަރުލިޔެފައި ހުންނަ ގޮތަށް ވިސްނާކަމުގައެވެ.

” ދައްތަމެން ބުނާނެ ރާއި ކީއްކުރަންހޭ ދިވެހިޚަބަރު އެހާ ވަރަކަށް ތި ބަލަނީ . ތިއަށްވުރެ މާ ރަނގަޅު ވާނެއޭ އިނގިރޭސި ޚަބަރުބަލާނަމަ . އޭރުން އިނގިރޭސިއަށް ވެސް މޮޅުވާނެ ނޫންހޭ. “

ދައްތަމެން އެހެން އެބުނަނީ އޭނާގެ ކުރިއެރުމަށެވެ.  އެކަމަކު އޭނާ މިއުޅެނީ މުޅިން އެހެން ކަމަކައިގެން އެހެން ދުނިޔެއެއްގައެވެ. އެހެންވީއިރު ދައްތަމެން ބުންޏަސް އެކަމެއް ނުކުރެވޭނެ ނޫން ހެއްޔެވެ؟

ރާއީ އީޓީގެ ލައިވް ކަވަރޭޖެއް ގެނެސްދެނީ. ނޫސްވެރިކަމަށް ނުކުތީ އީޓީން ކަމަށްބުނި / ފޮޓޯ ރާއީ

ރާއީ އީޓީގެ ލައިވް ކަވަރޭޖެއް ގެނެސްދެނީ. ނޫސްވެރިކަމަށް ނުކުތީ އީޓީން ކަމަށްބުނި / ފޮޓޯ ރާއީ

ރާއީ ބުނީ ކުޑައިރުން ފެށިގެންވެސް ފޮޓޯ ނަގާ ހިތްވާކަމަށާއި އެކަމަށް ދެވި ހިފާފައި ހުރި ވަރަކީ މާލޭގައި ގްރޭޑް 4ގައިއުޅުނު އިރު ޓީވީއެމްގެ ކުރޫއެއް ފެނިއްޖެނަމަ ނުވަތަ އެނޫން ބަޔަކުވެސް ކެމެރާއެއް ގެންގުޅޭ ތަން ފެނިއްޖެނަމަ އެމީހުން އެކުރާ ކަންތައް ބެލުމުގައި ކިތަންމެ އިރެއްވިޔަސް ފޫހިނުވެ ހުރެވޭ ކަމަށެވެ.

މިޚިޔާލު ބޮޑުވެގެން ރާއީ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ.؟

” އާއިލާ އެންމެންގެ އަތުން ފައިސާ ހޯދައިގެން ނިކޯން ޕޯޓަބަލް ކުޑަކުޑަ ކެމެރާއެއް ތިންހާސް ރުފިޔާ ދީފައި ގަތީ. އެއީ ފެށުން. “

ރާއީ ބުނީ އެކެމެރާއިން ފޮޓޯ ނަގަން ފެށުމުން މީގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވުނު ކަމަށާއި ކުޅިވަރު ޚަބަރުތައް ލިޔަން ފެށުމުގެ ސަބަބަކީ މިއީ ކަމުގައެވެ.

” އޭރު ދެން ޗުއްޓީގައި ރަށަށް އައިސް އެކި މުބާރާތްތައް ފޮޓޯ ނަގަން ފެށުމުން އީޓީ ތޯރިގުމެން  އަހަރެންގެ ފޮޓޯތައް ބޭނުންވެގެން ގުޅަން ފަށައިފި . އެހެންގޮސް  އެންމެ ފަހުން ނޫހަށް ލިއުމުގެ ޗާންސް ވެސް ތޯރިގުދިނީ.” ނޫހަށް ލިޔަން ފެށުނު ގޮތް ކިޔައިދިނީ މިގޮތަށެވެ.

” އެންމެ ފުރަތަމަ ކުރިކަމަކީ ޚަބަރަށް ފޮޓޯ ނެގުން. އެއަށްފަހު ތޯރިގު ބުނެގެން ޚަބަރު ލިޔަން ފެށީ. ދުވަހަކު ނުކުރާ ކަމަކަށް ވިޔަސް މިއީ އަހަރެންގެ ޕެޝަންކަމުން ފަހަތަށް ޖެހޭހިތެއްނުވި.   ހަދާ ގޮތަކީ ކުރީގެ ޚަބަރުތައް ބަލައިގެން ޑްރާފްޓް ނަގަނީ . އެއަށް ފަހު އެޚަބަރު އެޑިޓް ކުރަނީ. ފަހުން ތޯރިގު ބުނެފ ދެން ޚަބަރުތައް ލިޔަންވާނީ އަމިއްލައަށޭ. ލިޔާށޭ. ރާއީއަށް ލިޔެވޭނެއޭ. “

ރާއީ ބުނީ ތޯރިގު ދިން ހިތްވަރާއެކު ފުރަތަމަ ހަދަން ފެށިގޮތަކީ މޮޅުމީހުން ލިޔެފައި ހުންނަ ޚަބަރުތައް ކިޔާފައި ބަސްތައް އަތުރާލާފައި ހުންނަ ގޮތަށް ބަލައި ވިސްނަން ފެށީކަމުގައެވެ.

“މިހާރު ކޮންމެ ޚަބަރެއްވެސް ލިޔަނީ އަމިއްލަ އަށް. ކުރީކޮޅު ތޯރިއަށް ދެއްކުމުން ކޮންމެވެސް ވަރަކަށް އެޑިޓް ކުރިނަމަވެސް މިހާރު މަދު ފަހަރަކު ނޫނީ  އެޑިޓެއްނުކުރޭ. “

ރާއީގެ މި މިމަސައްކަތުގައި ކުރިއަށް ދިއުމަށް އެހީވި މީހުން ފާހަގަކުރަން އޭނާ ބޭނުން ވިއެވެ. އެގޮތުން އެންމެ ބޮޑަށް އެހީ ތެރިވި މީހުންގެ ތެރޭގައި އިއްސެ (އިސްމާއީލް ނަސީރު )އާއި އަލީޝަހީމު އާއި ތޯރިގުގެ ނަން ވަކިން ފާހަގަކުރީ ޝުކުރުވެރިކަމާއެކުގައެވެ.

ރާއީގެ ފޮޓޯގްރަފީގެ ދުނިޔެއާއި ކުޅިވަރުގެ ޚަބަރުތައް މިހާރު އޮތީ ގުޅިފައެވެ.  މި ދެދާއިރާއިން އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކާމިޔާބުތަކެއްވެސް ހޯދާފައެވެ. މިހާރު އޭނާއަކީ އުމުރުން ކިތަންމެ ހަގު ކުއްޖެއްކަމުގައި ވިޔަސް ޕްރޮފެޝަނަލް ފޮޓޯގްރާފަރެކެވެ. ހަމައެއާއެކު ރިޕޯޓަރެއްވެސް މެއެވެ. ދެފަންނުގައި އޭނާވަނީ އެހެން ނޫސްތަކުން ބަލައިގަންނަ ވަރަށް ކުރިއެރުން ހޯދާފައެވެ.

ރާއިފް ޔޫސުފް -ފޮޓޯ ؛ސައިނޯސާ ރާއި

ރާއިފް ޔޫސުފް -ފޮޓޯ ؛ސައިނޯސާ ރާއި

އޭނާވަނީ ގަލޮޅުދަނޑުގައި ހިނގަމުންދިޔަ ގައުމީ ފެންވަރުގެ ދެތިން މެޗުގެ ފޮޓޯ ނެގުމުގައިވެސް އެހެން ނޫސްވެރިންނެކޭ އެއްފަދައިން ހަރަކާތްތެރިވެފައެވެ. އޭގެ ތަފްސީލު ރާއީ ކިޔައިދިނެވެ.

” ފާއިދު ފަހިކޮށްދިން ފުރުސަތެއް އެއީ . ރާއްޖޭގެ ކުރީގެ ގައުމީ ޓީމާ މިހާރުގެ ފުޓްބޯޅަޓީމް ކުޅުނު މެޗު ފޮޓޯނެގުން . އެދުވަހު ގަލޮޅު ރަސްމީ ބޯޅަ ދަނޑަށް ވަނުން ހިމެނުނީ ހުރިހާ ނޫހެއްގެ ފޮޓޯގްރާފަރުންނާއި ގުޅުން އުފެދި ގާތް ރައްޓެހިކަމެއް ގާއިމު ކުރެވުނު ދުވަހުގެ ގޮތުގައި.  އޭގެ ތިން ދުވަސް ފަހުން އޮޮތް ބަންގާޅު މެޗު ކަވަރުކުރުމުގައިވެސް  އުޅުނިން. ރަސްމީ ޕޮޓޯގްރާފަރެއްގެ ގޮތުގައި.  އޭގެ ފަހުން މިނިވަން 50 ފައިނަލްމެޗް ފޮޓޯ ނެގުމުގެ ފުރުސަތުވެސް ލިބުނު.”

ރާއި ބުނީ އެމެޗުގެ ފޮޓޯތައް ނަގަން ކެމެރާ ދިނީ “ސަން އޮންލައިން ނިއުސް” އިން ކަމަށާއި ކެމެރާއާއެކު ލެންސްވެސް އެމީހުން ހަވާލުކުރީ އޭނާގެ ފޮޓޯތަކާމެދު އޮތް އިތުބާރު ބޮޑުކަމުންނެވެ.

މި ދާއިރާގައި މި ހޭދަކުރިދުވަސްތަކަކީ ބޭނުންތެރި ގިނަ ކަންތައްތަކެއް ދަސްވެ ގިނަތަޖުރިބާ ތަކަކާއި ގާތް ރަހްމަތްތެރިން ތަކެއްވެސް ހޯދުނު ދުވަސްތަކެއް ކަމުން ކުރިމަގާއި މެދު ކުރެވޭ އުއްމީދު ބޮޑުކަމުގައި ބުނަމުން ރާއީ ހިނިތުން ވެލިއެވެ.  އެ ހިނިތުން ވުމުގައި ފޮރުވިފައިވާ މާނައަކީ އޭނާ އެންމެ ކުޑައިރުއްސުރެން ފެށިގެން ޖާނަލިސްޓަކަށް ވާން ކުރި އުއްމީދު ހާސިލުވުމުގެ ވަގުތު ކުޑަތަން ވެއްޖެކަމުގެ ރަމްޒެކޭ ނޫނީ ބުނާނީ ކީކޭ ހެއްޔެވެ.

ރާއީ، ރާއްޖޭގެ މަޝްހޫރު ފޮޓޯ ގްރާފަރުންތަކަކާއެކު ގަލޮޅު ދަނޑުގައި. ރާއްޖޭގެ މަޝްހޫރު ފޮޓޯ ގްރާފަރުންނާ ގުޅުން ބޮޑުކަމަށް އޭނާ ބުނޭ / ފޮޓޯ: ރާއި

ރާއީ، ރާއްޖޭގެ މަޝްހޫރު ފޮޓޯ ގްރާފަރުންތަކަކާއެކު ގަލޮޅު ދަނޑުގައި. ރާއްޖޭގެ މަޝްހޫރު ފޮޓޯ ގްރާފަރުންނާ ގުޅުން ބޮޑުކަމަށް އޭނާ ބުނޭ / ފޮޓޯ: ރާއި

އެހެންވީމާ އެއްކަލަ ކުޑަކެމެރާއިން ފޮޓޯ ގްރަފީ ދާއިރާއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަކުރުމަތީގައި އަކުރުއަޅައިގެން ކުޑަކުއްޖަކު ފިލާވަޅު ލިޔާހެން ޚަބަރުތައް ވެސް އެހެން މީހުން ލިޔެފައި ހުންނަ ޚަބަރުތަކުން ކޮޕީ ޕޭސްޓް ހަދައިގެން އެޑިޓްކޮށްގެން ރާއީފެށި މަސައްކަތުގެ ނަތީޖާ ފޮންޏެއް ނޫންހެއްޔެވެ.

ރާއީ އުފާ ނުވާންވީ ސަބަބެއް ނެތެވެ. މިހާރު އެއީ ރާއްޖޭގެ ނޫސްވެރިކަމުގެ ދުނިޔޭގައި އާދައިގެ ނަމެއް ނޫނެވެ. އޭނާގެ ޚިދުމަތް ބޭނުންވާ ނިއުސްއެޖެންސީތައްވެސް މަދެއްނޫނެވެ.

” މިއަދު އަހަރެންނަކީ ރާއްޖޭގައި ނުކުންނަ މަޝްހޫރު ބައެއް ނޫސްތަކުން ބަލައިގެންފައިވާ މީހެއް. ސަން، މިހާރު، ފަދަ ނޫސްތަކުން އަހަރެން ވަނީ ބަލައިގެންފަ. އެއުފާވެރިކަމާއި ހިތްހަމަޖެހުން އެބައޮތް. ހަމައެފަދައިން އަހަރެންގެ ކުރިމަތީގައި ވަޒީފާގެ ބިރުވެރިކަމެއް ނެތް . “ރާއީ ފަޚްރުވެރިކަމާއެކު ބުނެލިއެވެ.

ރާއްޖޭގެ ބޮޑެތި ނޫސްތަކުން ރާއީއަށް މަރުހަބާ ކިޔަން ތައްޔާރުގައި އޮތް އިރު ޒުވާނުންނަށް ދޭން ބޭނުންވާ ނަސޭހަތެއްގެ ގޮތުގައި އޭނާ ބުނީ ކަމެއް ކުރާހިތުން ކޮށްފިނަމަ ނުވަތަ ކުރާ ހިތްވާކަމަކުން ކުރިއަށް ދާން އުޅެފިނަމަ ކޮންމެ މީހަކަށްވެސް “ރާއީއަކަށް ” ވެވިދާނެކަމުގައެވެ.

ރާއީގެ އުއްމީދުތައް ހުރީ އާސްމާނުގައެވެ. އޭނާގެ ހުރިހާ ޚިޔާލަކާއި ފިކުރެއް މިހާރު ގުޅިފައިވަނީ ޖާނަލިޒަމް ކޯސް ނިންމާފައި ދެން ދާނެ ދިމާލަކަށެވެ. އޭނާ ބޭނުން ވާ މީހުން ގިނަކަމުން އެއީވެސް ވެދާނެ ގޮތެއްކަން ނޭގެއެވެ.

“އެންމެ ބޭނުންވަނީ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ޓީވީ ޕްރެސެންޓަރަކަށްވާން .” ނިންމާލަމުން ރާއީ ބުނީ މިހެންނެވެ.

އަހަރެމެންގެ މުސްތަގްބަލުގެ ސީނިއަރ ޖާނަލިސްޓް ރާއިފް ޔޫސުފަށް މަރުހަބާއެވެ.  އޭދަފުށީ ވޮއިސްގެ ފަރާތުން ރާއީއަށް އެދެނީ ހުރިހާވެސް ކާމިޔާބީއެކެވެ. އަހަރެމެންވެސް މިތިިބީ ރާއީގެ ޚިދުމަތަށް އެދިއެދިއެވެ. އެކަމަކު ކޯސް ނިމެންދެން މަޑު ކުރަން އެބަޖެހޭވިއްޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top