ހިތާދޫ ބޮޑު އަލީ: ތަފާތު ވިޔަފާރިވެރިއެއް

20190123_132405-1.jpg

ހިތާދޫ ބޮޑުއަލީ އީވީއަށް އިންޓަވިއުދެނީ. މީނާއަކި ތަފާތު ވިޔަފާރިވެރިއެއް / އީވީ ފޮޓޯ: ޝާހިރު އަހްމަދު

ހިތާދޫ ރޯޒްމީޑް އަލީ ޔޫސުފް (ބޮޑުއަލީ) އަކީ ވަރަށް ތަފާތު ވިޔަފާރިވެރިއެކެވެ. އެވިޔަފާރިގެ ގޮތުން އޭދަފުށީ މީހުންގެ ޚާއްސަ ރަހުމަތްތެރިއެކެވެ. އަތޮޅު ފެރީ އޮންނަ ދުވަސް ދުވަހު އޭނާއަށް އިންތިޒާރު ކުރާ އަންހެނުން މަދެއް ނުވާނެއެވެ. ރަށުން ފުރައިގެން 45 މިނިޓްގެ ދަތުރަކަށް ފަހު އޭދަފުއްޓަށް އޭނާ އަންނާނީ އަންހެން ވެރިންނަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ހިފައިގެންނެވެ. އަނބު މޫސުމުގައި ހިތާދޫގެ ފޮނި އަދި މީރު ދޮން އަނބާ ހުތް އަނބެވެ. ކެމިކަލް އިން ސަލާމަތްވެފައިވާ ތާޒާ ކިއުކަންބާއާއި ގިތެޔޮ މިރުހެވެ. މިނޫނަސް އެކިވައްތަރުގެ ތަރުކާރީއާއި މޭވާ ދެއަތް ފުރޭވަރަށް ހިފައިގެންނެވެ. މަސްވެރި މޫސުމެއްގައި ނަމަ ވަޅޯ މަހާ ރިހާކުރުވެސް މެއެވެ. ގަހުން ބިންނަ ގޮތަށް ނުވަތަ ވެލުން ކަނޑާ ގޮތަށް ތާޒާ ކަމާއެކު އޭދަފުށީ އަންހެނުންނަށް ރަނގަޅު އަގުގައި ފޯރުކޮށްދިނުމުގެ ޚިދުމަތުގައި އުޅޭތާ މިހާރު 6 އަހަރަށް ވުރެ ގިނަދުވަސް ވީއެވެ. އެއީ އަލީގެ ދިރިއުޅުމެވެ.

80ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ހިތާދޫގެ ބޮޑު އަލީ ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ އުފައްދާ ތަރުކާރީއާއި މޭވާ ގެއާ ހަމައަށް ގެންގޮސްދިނުމެވެ. ދިވެހި ބަހުން ބުނާނަމަ އުނގު ވިޔަފާރި ކުރުމެވެ.

އަލީގެ ހަފްތާގެ ތާވަލަށް ބަލާއިރު އޭދަފުއްޓަކީ އޭނާގެ ވިޔަފާރީގެ ނާރެހެވެ. ދެކުނު ފެރީ އޭދަފުއްޓަށް ދަތުރު ކުރާ ކޮންމެ ދުވަހަކުހެން އޭދަފުއްޓަށް މުދާ ހިފައިގެން ދަތުރު ކުރެއެވެ. ރަށަށް އެނބުރިދާނީ އެދުވަހުގެ އަސުރެއް ހާއިރު ވިއްކަން ގެނައި ހުރިހާ އެއްޗެއް ހުސްކޮށް ޖީބު ބަރުކޮށްލައިގެންނެވެ. އަލީ މިމަސައްކަތަށް ވަދެވުނު ގޮތް އީވީއަށް ކިޔައިދެއްވިއެވެ.

“ޒުވާން ދުވަސް ވަރު ދިޔައީ ރަށުގައި މަހަށް. އެކަމަކު އެއީވެސް ވަކި އަޚްލާގެއް އޮތް ވަކިމީހަކު ބުނާ ގޮތަށް ކަންތައްތައް ކުރަން ޖެހޭ ކަމަކަށް ވާތީ އެމީހުން ބުނާގޮތަށް ކަންތައް ނުކޮށްފިނަމަ ދެން ކުރިމަތިލާން ޖެހެނީ އެމީހުންގެ ނުރުހުމާ. އެހެންވީމާ މަސް ވެެރިކަން ދޫކޮށްލީ.” އަލީ، މަސްވެރިކަން ދޫކޮށްލި ގޮތް ކިޔައިދިނެވެ.

ބ. ހިތާދޫ ބޮޑު އަލީ އުނގު ވިޔަފާރިކުރުމަށް އޭދަފުއްޓަށް ގެނައި ތަކެތި އަތޮޅުފެރީން ބާލަނީ. އޭދަފުށީގައި މިވިޔަފާރި ކުރާތާ ގިނަދުވަސްތަކެއްވަނީ ވެފައި. / އީވީ ފޮޓޯ: ޝާހިރު އަހްމަދު

އޭގެ ފަހުން މާލެ ދަތުރުކުރަން ފެށިއެވެ. މާލެއަށް ގޮސް ބައެއް ދަތުރުވަރު ރަނގަޅު ގެއެއްގައި ދުވަސް ކޮޅަކު ހުރެވޭ ގޮތް ވެގެން އުނގުވިޔަފާރި ކުރުމުގެ ޚިޔާލު އައިސް މިމަސައްކަތް ފެށީ މާލޭގަ އެވެ. އެކަމަކު ޚަރަދު ބޮޑު އެ ވެށި އަލީއަށް ކަމުނުގޮސްގެން ފަހުން ރަށަށް ބަދަލުވެ އޭދަފުއްޓަށް ތަކެތި ވިއްކަން އައުމުގެ ޝައުގު ވެރިކަން އުފެދުނީއެވެ.

“އަތޮޅު ފެރީ ފެށުމާއެކު ހިތަށް އެރީ އޭދަފުއްޓަކީ މީހުން ވަރަށް ބައިބޯ ތަނެކޭ. އެހެންވީމާ މީހުން އޮތްތަނަކު ބޭނުންތައްވެސް ގިނަވާނެތާ! އެހެންވެ އޭދަފުއްޓަށް އައިސް ތަކެތި ވިއްކަމުން މިގެންދަނީ. އެކަމަކު މިމަސައްކަތުގައި މިހާ ގިނަ ދުވަސްވަންދެން މި އުޅެވެނީ އޭދަފުށީ ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބާއި އެމީހުންގެ ރީތި އަޚްލާގުގެ ސަބަބުން. ” 65 އަހަރުގެ އަލީ ބުންޏެވެ.

އޭދަފުށީ ރައްޔިތުންނަށް ތާރީފުކުރަމުން އަލީ ބުނީ އޭނާގެ މިމަސައްކަތުގައި ހޭދަކުރި ދިގު މާޒީގައި ދުވަހަކުވެސް އޭދަފުށީ މީހަކު ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައި ނުވާ ކަމަށާ އޯގާތެރިކަމާ އެކުވެރިކަމާއެކު ނޫނީ އެކަކުވެސް މުއާމަލާތު ނުކުރާ ކަމުގައެވެ.

“މި މަސައްކަތް މިހާ ގިނަދުވަސް ވަންދެން ކުރުމުގެ ހިތްވަރު ލިބުނީ އޭދަފުށީ މީހުން ހަމައެކަނި އަހަރެންގެ މުދާ ގަންނާތީއެއް ނޫން. މިކަމުގައި ކުރިއަށް ދިއުމަށް ދޭ ހިތްވަރާ ތަރުހީބަކީވެސް  އުފަލާއެކު ފާހަގަކުރަން ޖެހޭ ކަމެއް. ” އަލީ ބުންޏެވެ.

އެކަމަކު އިތުރު ރަށްރަށަށް ގޮސް މި މަސައްކަތް ފުޅާ ކުރުމުގެ ވިސްނުން ނުގެންގުޅެން ހެއްޔެވެ؟

“ވިސްނުން ނުގެންގުޅެނީއެއް ނޫން. އެކަމަކު ހެނދުނު އައިސް ހަވީރު ރަށަށް ދެވޭނެ ފެރީ ނިޒާމެއް ގާއިމްވާ ދުވަހެއް ފެނިއްޖެނަމަ ހިތާދޫއާއި ޖެހިގެން އޮތް ތުޅާދޫ އަށް ވިޔަފާރި ކުރުމަށް ދިއުމުގެ ވިސްނުން އެބަހުރި.”

އަލީ އޭދަފުށި ގެއެއްގައި މިރުސް ވިއްކަނީ. އަލީ އަކީ ތަފާތު ވިޔަފާރިވެރިއެއް / އީވީ ފޮޓޯ: ޝާހިރު އަހްމަދު

އަލީގެ ދިރިއުޅުން މިހާރު ފުރިހަމަވެއްޖެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. އެންމެ ޒުވާން އުމުރުގައި ކުރި ކައިވެންޏާއެކު ލިބުނު 5 ދަރިންނަށް ކިޔަވައިދީފިއެވެ. އެކުދިން އަމިއްލަ ދިރިއުޅުމެއް ފަށާފައިވާއިރު މިހާރު އަލީގެ އުފަލަކީ ކާފަ ކުދިންނާއެކު އުމުރުގެ ދެން އޮތް ބައި ހޭދަކުރުމެވެ. އެހެންނަމަވެސް ހަޔާތުގެ ބޮޑު ބައި އެކަމުގައި ހޭދަކުރި އުނގު ވިޔަފާރި ކުރުމާ ދުރުވުމުގެ ޚިޔާލެއް އަލީ ނުގެންގުޅެއެވެ.

“ކީއްވެ ދުރުވާންވީ! ކީއްވެ މިކަން ހުއްޓަންވީ ؟ﷲގެ ރަހުމަތުން ސިއްހަތު ރަނގަޅު. ހަލާލު ގޮތުގައި ކުރާ މި މަސައްކަތުން ރަނގަޅު އާމްދަނީ އެއްވެސް ލިބޭ. އެހެން ނޫނަސް މި މަސައްކަތް ހުއްޓާލުމުން އޭދަފުށީ މީހުންނަށް އަނެއްކާވެސް އެހެން އަލީއެއް ބޭނުމެއް ނުވާނެތަ ؟” އަލީގެ އާއްމު ހިނިތުންވުމާއެކު ބުންޏެވެ.

އެއީ ތެދެކެވެ. އަލީގެ މި މަސައްކަތް ހުއްޓާލައިފިނަމަ އޭދަފުށީ މީހުން ނިކަން ދެރަވާނެއެވެ. ޚާއްސަކޮށް އަންހެނުންނެވެ. އެވެރިންގެ އަތާ ހަމައަށް ސުފުރާތަކަށް ބޭނުންވާ ވިޓަމިންސް ބާވަތްތައް ގެނެސްދޭ ބައިވެރިޔާ ނެތުމުގެ އުނިކަން ހަމަގައިމުވެސް އިހުސާސް ވާނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top