ގޮއިދޫ ދަނޑުތަކުން ރޯދަމަހު އެއްމިލިޔަނަށްވުރެ ގިނަރުފިޔާ ލިބޭނެ – ގޮއިދޫ ކައުންސިލް

IMG-9574fddc956e94dbd88e23268ee9fbea-V.jpg

ގޮއިދޫގައި މިއަހަރު ހައްދަމުން އަންނަ ދަނޑަކަށް މީހަކު ފެންޖަހަނީ. / އީވީ ފައިލް ފޮޓޯ

ބ.ގޮއިދޫން ތޯހާ ނިޔާޒު

ބ. ގޮއިދޫގައި މިއަހަރު ރޯދަމަހަށް ދަނޑުވެރިން ހެއްދި ކާބޯތަކެތި ވިއްކައިގެން ދަނޑުވެރިންނަށް އެއްމިލިޔަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ގޮއިދޫ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިހެންބުނީ ރޯދަމަހަށް ގޮއިދޫ ދަނޑުވެރިން ތައްޔާރުވެފައިވާ މިންވަރާއި، އާމްދަނީއާ ބެހޭގޮތުން އީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ. ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ މިއަހަރު ރޯދައަށް ފަންސާހަށްވުރެ ގިނަ ދަނޑު ފައްކާކުރި ކަމަށާ، އާންމުގޮތެއްގައި ހެއްދީ ކަރަލާ، ކިއުކަންބާ އަދި ބަރަބޯއާއި، ލެޓިއުސް ކަހަލަ ބާވަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ އެވްރެޖްކޮށް ދަނޑަކަށް ތިރީހަކަށް ހާސްރުފިޔާގެ އާމްދަނީއެއް ވަންނާނެކަމަށެވެ.

“އެއްމިލިޔަން ރުފިޔާ ވަންނާނެކަމަށް ބެލެވޭ މާރަނގަޅަށްވެސް. ވަރަށް ފުޅާކޮށް ދެތިން ހަތަރު ދަނޑު އެއްކޮށްލައިގެންވެސް މީހުން ދަނޑުވެރިކަން އެބަކުރޭ. އެހެންވީމާ ދަނޑަކަށް ތިރީސްހާހަށްވުރެ ބޮޑު އެއްޗެއްވެސް ލިބިދާނެ. މިފަހަރު ގިނައީ ކަރާ، ދެން ކިއުކަންބާއާ، ބަރަބޯ، ބަޓާނާ، ލެޓިއުސް. ބައްޓާ ގިތެޔޮމިރުސް ހުރީ މަދު އަދަދަކަށް”

ވިއްސާރަ ވުމާ ގުޅިގެން މިދިޔަ އަހަރު ގޮއިދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންވެ، ރޯދައަށް ބާޒާރަށް މޭވާ އާއި ތަރުކާރީ ނެރެވުނީ މަދުންނެވެ. އާމިރު ވިދާޅުވީ އެހެން އަހަރު އަހަރާ ހިލާފަށް މިއަހަރުގެ ދަނޑުވެރިކަން ވަރަށް ކާމިޔާބުކަމަށާ، ވިއްސާރައިގެ އަސަރުވެސް ނުފޯރާ ކަމަށެވެ.

“ވަރަށް ހޫނު ގަދަކޮށް މިދިޔައީ، ހޫނު ގަދަވީމާވެސް ދަނޑުތަކަށް ގެއްލުންވޭ. އެހެންނަމަވެސް މިދިޔަ އަހަރަށްވުރެ ހުރިހާ ގޮތަކުން ގެއްލުން ކުޑަވެފައި ލިބުނު އެއްޗެއް އިތުރު”

އަށްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ގޮއިދޫއަކީ ބ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ ރަށެވެ. އަށްޑިހައަށްވުރެ ގިނަ ދަނޑު މިމަސައްކަތަށް އެރަށުން ދޫކޮށްފައިވެއެވެ. ގޮއިދޫގެ ދަނޑުތަކުން ނެރޭ ތަކެތި އާންމުގޮތެއްގައި ވިއްކަނީ މާލޭ ލޯކަލް މާރުކޭޓަށެވެ. ނަމަވެސް މަދުމަދުން ބ. އަތޮޅުގެ މައި ބާޒާރަށާ، އަތޮޅުގެ ރަށްރަށަށް މިތަކެތި ގެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top