ބ.އަތޮޅު މަދަރުސާގައި ބީޓެކް ހޮސްޕިޓަލިޓީ ލެބެއް ހުޅުވައިފި

37582408_985903484914647_4426391341047480320_n.jpg

ބ. އަތޮޅު މަދަރުސާގައިބީޓެކް ހޮސްޕިޓަލިޓީ ލެބް ހުޅުވުމުގެ ރަސްމިއްޔާތު – ފޮޓޯ/އުފާ ،އެޑިއުކޭޝަން

ބ.ދަރަވަންދޫގައި ހުންނަ  ބ.އަތޮޅު މަދަރުސާގައި ރާއްޖޭގެ ފުރަތަމަ ބީޓެކް ހޮސްޕިޓަލިޓީ ލެބް ހުޅުވައިފިއެވެ.

މި ލެބް ހުޅުވައިދެއްވީ ރޭ އެ މަދަރުސާގައި އޮތް ޚާއްސަ ޖަލްސާއެއްގައި އެ ލެބް ހެދުމަށް ފައިސާގެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ދުސިތް ތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ރެއިނޯލްޑް ޖޮހާން އާއި އެޑިއުކޭޝަން މިނިސްޓްރީގެ ބީޓެކް ކޯޑިނޭޓަރ ޒޫޝާން ކަމާލުއްދީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒޫޝާން ވިދާޅުވީ ބ. އަތޮޅު ސްކޫލުން މި ފެށުނު ޕްރޮޖެކްޓަކީ ރާއްޖޭގެ އެހެން ސްކޫލްތަކުންވެސް ނަމޫނާއަކަށް ބަލައިގަންނަން ޖެހޭފަދަ އަގުހުރި މަސައްކަތެއް ކަމުގައެވެ އަދި ބީޓެކަކީ ކިޔެވުމަށް ދަށް ކުދިން ބައިވެރިވާ މާއްދާއެއް ކަމަށް ދެކެވެމުންއައި ދެކެވުން މިހާރު ބަދަލުވެފައިވާ ކަމަށާއި، ބީޓެކް ދަރިވަރުން މިހާރު ހޯދަމުންދާ ކާމިޔާބީ މިކަމުގެ ހެއްކަކަށް ފުދޭ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ..

ރިސޯޓް ތަކުގެ ޑިޕާޓްމަންޓްތައް ފެންނަ ފަދަ ގޮތަކަށް، އަދި އެތަނުގައި ކްލާސްތައްވެސް ނަގައި ދެވޭނެ ގޮތަށް މި ލެބް ޤާއިމް ކުރުމުގައި އެންމެ ބޮޑު އެހީއެއް ވެދެއްވާފައިވަނީ ދުސިތް ތާނީ މޯލްޑިވްސްއިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.  އެގޮތުން އެ ރިސޯޓުން ފަންޑްގެ ގޮތުގައި -/5700 ޑޮލަރާއި އަދި އެތަނަށް ބޭނުންވާ ގިނަ ތަކެތި ފޯރުކޮށްދީފައިވެއެވެ.

ލެބަށް ބޭނުންވާ އޭ.ސީ އާއި ކޮމްޕިއުޓަރ ސިސްޓަމްސް ދީފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މީގެ އިތުރުން އެތަން ހެދުމުގައި އިތުރު އެހެނިހެން ޚަރަދުތައް ކޮށްފައިވަނީ ސްކޫލުގެ ޕީ.ޓީ.އޭ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ.

އެއްވެސް ކުއްޖަކު ބާކީނުކޮށް، ސްކޫލު ތައުލީމުގެ ތެރެއިން ދަރިވަރުންނަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ހުޅުވާލި ބީޓެކް ޕްރޮގްރާމުގެ ފުރަތަމަ ސާނަވީ އިމްތިހާން ފުރިހަމަކުރީ މިދިޔަ އަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top