ބެޑްމިންޓަން ސިންގަލްސް ރަންމެޑަލް ހުސައިން މުހައްމަދު ހޯދައިފި

15181482_10155526505928047_976287330863395122_n.jpg

މާލޭގައި ކުރިޔަށްދިޔަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިސަންގެ ފިރިހެން ސިންގަލްސް ފައިނަލް މެޗް ކާމިޔާބުކޮށް ގައުމީ ރަންމެޑަލް އޭދަފުށީ ޝާދީވިލާ ހުސައިން މުހައްމަދު މިއަދު ހޯދައިފިއެވެ.

މިނިވަން ޗެންޕިއަންޝިޕްގެ ފުޓްބޯޅައިން އޭދަފުށީ ޓީމް މިދިޔަމަހު ގައުމީ ރަންމެޑަލް ހޯދާފައިވަނިކޮށް، ހުސައިން މުހައްމަދު މިރޭ ހޯދި މެޑަލްއާއެކު، އޭދަފުއްޓަށް މިއަހަރު ޤައުމީ މުބާރާތްތަކުން 2 ރަންމެޑަލް ލިބި އެކަން ތާރީހްގައި ލިޔެވުނީއެވެ. އަދި މިއީ އެއް އަހަރެއްގެ ތެރޭގައި އޭދަފުއްޓަށް ގައުމީ ކުޅިވަރު މުބާރާތްތަކަކުން 2 ރަންމެޑަލް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ބެޑްމިންޓަން ގައި އޭދަފުށީން މިއަހަރު ވާދަކުރި 2 ޓީމްވެސް ކަޓާފައިވަނިކޮށް ހުސައިން މުހައްމަދު ދެވަނަ ޑިވިޜަންގެ ސިންގަލްސް ޗެންޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި ނިބާލު އަހްމަދު އަތުން 2-1 އިން މޮޅުވެގެންނެވެ.

ބެޑްމިންޓަންގައި ވޭތުވެދިޔަ އަހަރުތަކުގައިވެސް ގައުމީ ރަންމެޑަލް ހޯދައި، މިއަހަރު ރަންނާ އެވޯޑް ހާސިލްކުރި ހުސައިން މުހައްމަދު މެޗަށްފަހު ބުނީ މިއީ ގިނަބައެއްގެ އެހީތެރިކަމާއެކު ހޯދުނު ކާމިޔާބެއްކަމަށާ، އެންމެންނަށް ޝުކުރު އަދާކުރާކަމަށެވެ.

“ފުރަތަމަވެސް ﷲ އަށް ހަމްދުކުރަން. ހާއްސަ ޝުކުރެއް އަދާކުރަނީ އަޅުގަނޑުގެ ލޯބިވާ އަންހެނުން ދޭ ހިއްވަރަށް އޭނާއަށް. ދެން އާއިލާއާ ރައްޓެހިން. ކޯޗާ މެނޭޖަރަށްވެސް ޝުކުރިއްޔާ. އެންމެފަހުންވެސް ބުނެލަންއޮތީ ސަޕޯޓަރުން ތިޔަދެއްވާ ހިއްވަރަށް ޝުކުރިއްޔާއޭ. ހާއްސަކޮށް ބީކޭ ބްރަދާސްއަށް”

ހުސައިން ގެ މިކާމިޔާބާ ގުޅިގެން އޭދަފުށީ ކައުންސިލްގެ ރައީސާ ނާޒްނީން ޔޫސުފް ފޭސްބުކް މެދުވެރިކޮށް ވަގުތުން ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި އޭދަފުށީގެ ވަރަށްގިނަބަޔަކު ހުސައިންއަށް ދަނީ ތައުރީފުގެ ބަސްތައް އަމުނަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top