އެތައް އަހަރެއްގެ ކުރިން ފެށިގެން ކާޑުގެ ބާވަތްތައް ވިއްކާއަގު އެއް އަގެއްގައި ބަދަލެއްނައިސް ހުރުމަށްފަހު އަންނަ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތައް ވިއްކާ އަގު ބޮޑުކުރަން ސަރުކާރުން ނިންމަވައިފިއެވެ.
އަގު ބޮޑުވުމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވީ، މީގެ ކުރިން ކާޑުގެ ބާވަތްތައް ވިއްކަމުން އައީ ސަރުކާރުން ވަރަށް ބޮޑުއަދަދެއްގެ ސަބްސިޑީއެއް ދީގެން ކަމަށާއި އެހެންނަމަވެސް މި ސަބްސިޑިގެ ބޭނުން އޭގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތްތަކުންވެސް ނަގަމުން އަންނަކަމުގައެވެ. އެހެންކަމުން ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދޫކުރައްވާ އުޞޫލްތައް އަލުން މުރާޖަޢާކުރައްވައި އެ އުޞޫލްތަކަށް ބަދަލުތަކެއް ގެންނެވުމަށް ސަރުކާރުން ނިންމެވި އެންމެ ބޮޑު ބޭނުމަކީ، ކާޑުގެ ބާވަތްތަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކުރައްވާ ޚަރަދުގެ މަންފާ އޭގެ އެންމެ ޙައްޤުވެރި ފަރާތްތަކަށް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކަމަށެވެ. އަދި ކާޑުގެ ބާވަތްތަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ޚަރަދުކުރައްވާ މިންވަރުގެ ނާޖާއިޒް ފައިދާ ހޯދަމުންދާ ފަރާތްތަކަށް އެފުރުޞަތު ނުދެއްވުމަށްކަމުގައެވެ.
ތައުފީގު ވިދާޅުވީ ކާޑުގެ އަގުތަކަށް ސަރުކާރުން ބަދަލު ގެންނަވާފައިވަނީ ވަރަށް ބޮޑު ދިރާސާއެއް ކުރުމަށްފަހުގައި ކަމަށެވެ.
“ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާތަކުގައި އެބައުޅޭ. ހަމައެއާއެކު ރާއްޖޭގެ އާބާދީއަށްވުރެއް ގިނަ ބިދޭސީން އެކިއެކި ބޭނުންތަކަށް ރާއްޖެ އެބައާދޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ހަމަ އެފަރާތްތަކަށްވެސް ދިވެހިންނަށް ނޫނިއްޔާމު މި ސަބްސިޑީޒް ހައްޤުވާ ފަރާތްތަކަށް އެލިބޭ ރޭޓްތަކުގައި އެފަރާތްކަށްވެސް ކާޑުގެ ބާވަތްތައް ފޯރުކޮށްމިދެވެނީ. އެހެންވީމަ ސަބްސިޑީޒްއަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަމަށް ހައްޤުވާ ފަރާތްތަކަށް، ނުވަތަ ޓާގެޓް ގްރޫޕްތަކަކަށް ކަނޑައެޅިފައިވާ އެއްޗެއް. އެހެންވީމަ ސިސްޓަމެޓިކް އުޞޫލަކުން ސަބްސިޑީޒްދޭނެ މެކޭނިޒަމްއެއް އަޅުގަނޑުމެން މިޤާއިމުކުރީ” ތައުފީގު ވިދާޅުވިއެވެ.
ކާޑުގެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީ ދޫކުރައްވާ އުޞޫލްތަކަށް ގެންނެވި ބަދަލާއެކު މިހާރު 3.98 އަށް ގަންނަން ލިބެން ހުރި ހަނޑޫކިލޯއެއް ދެން ލިބޭނީ 7.96ރ އަށެވެ. 2.98ރ.އަށް ވިއްކަމުން އައި ފުށް ކިލޯއެއް ދެން ލިބޭނީ 5.96ރ އަށެވެ. އަދި 4 ރުފިޔާއަށް ވިއްކަމުން އައި ހަކުރު ކިލޯއެއް ދެން ގަންނަން ލިބޭނީ 8 ރުފިޔާއަށެވެ.
ތައުފީޤު ވިދާޅުވީ، މިބަދަލުތަކާއެކުވެސް، ކުރިއެކޭ އެއްގޮތަށް ނޭޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ފަރާތްކަށް ކޮންމެ ބޮލަކަށް ޖެހޭ ރޭޓުން، ނުވަތަ ގޭބިސީއަކަށްޖެހޭ ރޭޓުން ސަބްސިޑީއަށްވާ ފައިސާ ދައުލަތުން އެފަރާތްތަކުގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްދެއްވަމުން ގެންދަވާނެކަމަށެވެ.
“އެންސްޕާއަށް ހަމަ ފޯމް އެޕްލައިކުރައްވައިގެން، ބޮލަކަށް ނޫނިއްޔާމުން ގޭބިސީއަކަށް މަހަކަށް ކަނޑައެޅިފައިވާވަރެއް އެބޭފުޅުންގެ އެކައުންޓަށް ޖަމާކުރެވިގެންދާނެ. ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވޭ ރާއްޖޭގައި ސަބްސިޑީޒް ހައްޤުވާ ފަރާތްތަކަށް ވީހާވެސް ފަސޭހަކަމާއެކު އަދި އެފަރާތްތަކަށް އަޅުގަނޑުމެންގެ ހުރި އެކިއެކި އޭރިއާތަކުން ސަރުކާރުން އެ ފޯރުކޮށްދޭ އެހީތެރިކަން، ދެމެހެއްޓެނެވިގޮތެއްގައި އެފަރާތްކަށް ފޯރުކޮށްދިނުމަށް. އެފަދަ އިންތިޒާމްތައް ހަމަޖައްސަވައި، އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެއްވުމުގެ މަސައްކަތް މިދަނީ ކުރަމުން. ސަބްސިޑީޒް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މިގެނެވުނު ބަދަލުތަކަކީވެސް އެފަރާތްތަކަށް ދެވިގެންދާ އިތުރު ޔަގީންކަމެއް ” ތަޢުފީޤު ވިދާޅުވިއެވެ.