ދިވެހި ބަހާއި ސަގާފަތާ ސިފަވެސް ދިވެހިންނާ ތަފާތެއްނެތް މަލިކު މީހުންނަކީ ދިވެހިންގެ ހިތުގައި ޚާއްސަ ގަދަރެއް ދެވިފައިވާ ބައެކެވެ. ލޭގެ ގުޅުމުން ގުޅިފައިވާ ބައެއްކަމަށް އެމީހުންވެސް އަދި އަހުރެމެންވެސް ގަބޫލު ކުރެއެވެ.
މަލިކު މީހުން އުޅޭގޮތާ އެމީހުންގެ ދިރިއުޅުން ގާތުން ދެކިލަން ދިވެހިން ބޭނުންވަނީ އެހެން ވެގެންނެވެ.
މިއަދަކީ ދިވެހިންގެ މި ޒަމާނުގެ ތާރީޚްގައި އާކަމެއް ހިނގައި ދިޔަ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވިގެންދާނީ ދިވެހިރާއްޖެއަށް މަލިކުގެ 26 ޒުވާނުން މުޅިން އަލަށް ޒިޔާރަތް ކުރި ދުވަހުގެ ގޮތުގައެވެ. މިއީ ފެށުމެއްކަމުގެ އުފާވެރި ޚަބަރެއް ކަމުގައި ވިޔަސް އާދައިގެ ކަމެއް ނޫންކަން އެންމެ ފުރަތަމަވެސް އަންގައިދިނީ ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުންނެވެ. އެ އެކެޑަމީން ވަނީ ދިވެހި ރާއްޖެއަށް ޒިޔާރަތް ކުރި މަލިކުގެ 26 ޒުވާނުންނަށް އެއަރ ޕޯޓުންވެސް ހޫނު މަރްހަބާ އެއް ކިޔާފައެވެ.
މަލިކުގެ 26 ޒުވާނުން ރާއްޖެއަށް މި ކުރި ޒިޔާރަތަކީ ހއ. އިހަވަންދޫ “އިމަގު ޖަމިއްޔާ”ގެ ދައުވަތަކަށް ކުރި ދަތުރެކެވެ. އެ ޖަމިއްޔާގެ 20ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އާކަމެއް ކޮށްލުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މިހާރު އިހަވަންދުއަށް ގޮސް ތިބި މަލިކުގެ 26 ޒުވާނުންގެ ޓީމުގެ ފަރާތުން މިއުޒިކް ޝޯއެއްގެ އިތުރުން ތަފާތު ކުޅިވަރުތަކާ އެކު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އިމަގު ޖަމިއްޔާއިން ވަނީ ރާވާފައެވެ.
ދިވެހީންނަކީ މެހްމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަމަށް އެކިއެކި މުވައްރިޚުން ތާރީޚީ ފަތްފުށްތަކުން ފެންނަން އޮތްއިރު އެބައިމީހުނެގެ “ގެއްލިފައިވާ ” އަޚުންތަކެއް ފެނި ބައްދަލުވުމުން ދެން އެ މެހްމާން ދާރީގެ ފުރިހަމަ ކަމާމެދު ސުވާލެއް ނެތެވެ. ދިވެހިންގެ މި އަޚުން ތައް ދެކިލައި ވާހަކަ ދައްކާލުމަށް ހއ. ހޯރަފުއްޓާއި އުލިގަމާއި ދުރު ރަށްރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު އިހަވަންދޫއަށް ދާ ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތު ދިނެވެ.
މަލިކުގެ މި ޓީމާ ބެހޭގޮތުން ޖަމިއްޔާގެ ރައީސް އަދުނާނު ވިދާޅުވީ އެ މީހުންގެ ފަރާތުން ފެނުނީ އެންމެ ކުރީގެ ދިވެހިންގެ އާދަތައް ކަމަށާ އަންހެނުން ލަދުން ނަން ވެސް ބުނަން ނުކެރުނުކަމަށާއި ދޯޕައްޓާ އިން ބޯ ނިވާކޮށްލައިގެން ތިބި އަންހެނުންގެ ހެދުން އެޅުން އިންޑިއަން ސްޓައިލައަކަށް ހުރި ނަމަވެސް އެހެން ހުރިހާ ކަމެއް “ވަރަށް ދިވެހި” ކަމުގައެވެ.
މަލިކު ޓީމު ވައިގެ މަގުން އިއްޔެ ހަވީރު ހދ. ހަނިމާދޫ އަށް ދިޔައިރު އެ ރަށުގެ ކުދި ބޮޑު އެންމެން ތިބީ މާފަތިތައް ހިފައިގެން އެ މީހުންނަށް މަރުހަބާ ކިއުމަށް އެއަރ ޕޯޓަށް ގޮހެވެ.
މަލިކުގެ ޓީމު އިހަވަންދޫއަށް ގޮސްފައިވަނީ ރޭ 8:00 ގައެވެ. ދަތުރުގެ ބައިވެރިން އިހަވަންދޫއަށް އައުމުން ބޭއްވި ކުޑަކުޑަ ހަފުލާގައި މަލިކުގެ ބޭފުޅުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ބޮޑުބެރު ލަވައެއް ނިކަ ގުޅުމުގެ ފަރާތުން ހުށަހަޅައިދިނެވެ.
ދަތުރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަލިކު ޓީމުގައި ހިމެނޭ އިބްރާހިމް މަނިކުފާނު އިހަވަންދޫ އޮންލައިނަށް މައުލޫމާތު ދެމުން ބުނީ ” މަލިކުން ފުރައިގެން 18 ގަޑިއިރު ބޯޓުތެރޭގަ ހުރެފަ ކޮޗިންއަށް ގޮސް، ކޮޗިނުގަ އަނެއްކަ ތިން ގަޑިއިރު ތިބެފަ އަނެއްކަ ބަހުގަ ރޭގަނޑު ޓްރިވެންޑްރަމަށް ގޮސް، ދެން އަނެއްކަ މަތިންދާ ބޯޓުން މާލެ އައިސް، އެތަނުގަ އަނެއްކަ ދެ ގަޑިއިރު ތިބެފަ، ހަނިމާދޫއަށް އައިސް ދެން އަދި މާވަރުގަދަ ބޯޓެއްގައި އިހަވަންދޫއަށް އައީ ”
އަދުނާން ވިދާޅުވި ގޮތުގައި މަލިކު މީހުންނާ ބައްދަލުކޮށްލަން ފުރުސަތު ދިނުމަށް އެކި ރަށްރަށުގެ މީހުން އަންނަނީ އެ ޖަމިއްޔާއާ ގުޅަމުންނެވެ.
“އެ މީހުންނާ ބައްދަލުވުމުން އަޅުގަނޑަށް ވެސް އިހުސާސް ކުރެވުނީ އާއިލާގެ ބަޔަކު ވަރަށް ދުވަސްކޮށްލާފައި ރަށަށް އައީއޭ. އެ މީހުން ވެސް ބުނީ ހަމަ އެކަހަލަ އިހުސާސެކޭ ކުރެވެނީ،” މަލިކު މީހުންގެ ފަސް ދުވަހުގެ ދަތުރާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.
އިހަވަންދޫގެ ޓީމެއް ވެސް ކުރިންވަނީ މަލިކަށް ވަނީ ގޮސްފަ އެވެ. އެހެން ކަމައެކު އެ ދެ ރަށުގެ ދެމެދުގައި ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި މި އީދުގައި މަލިކުމީހުން އެ ރަށުގައި ބައެއް ކުޅިވަރުތައް ވެސް ކުޅޭނެ ކަމަށް އަދުނާނު ވިދާޅުވިއެވެ