އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލުމުގެ ގޮތުން، އެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިހަވަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން، ”ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލާ ހިންގާނެ ގޮތުގެ އުސޫލު“ އާއި އެއްގޮތަށް ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިހިނގާ ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލައި ހިންގާނެ ގޮތުގެ އުސޫލު އިހަވަންދޫ ކައުންސިލުން ފާސްކޮށްފައިވަނީ މި ދައުރުގެ 20 ވަނަ ޢާންމު ޖަލްސާގައެވެ. އެ ބޯޑު އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ކައުންސިލްގެ ނިންމުންތަކުގައާއި ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މީގެއިތުރުން، ޒުވާނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ކައުންސިލް މެދުވެރިކޮށް ޙައްލު ހޯދައިދިނުމާއި، ޒުވާނުންގެ ލީޑަޝިޕް ހުނަރުތައް ތަރައްގީކޮށް މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކެއް ހިންގުމަކީވެސް މި ބޯޑުގެ މުހިންމު މަގުސަދެކެވެ.
ޖުމްލަ 11 މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ރައީސަކީ ކައުންސިލްގެ ރައީސެވެ. އަދި ބޯޑުގެ ނައިބު ރައީސް ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ބޯޑުގައި ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކުން ދެ މެންބަރުން ތިއްބަވާއިރު، ރަށުގެ ޒުވާނުންގެ ތެރެއިން ހޮވާލެވޭ ފިރިހެން ހަތަރު މެންބަރުންނާއި އަންހެން ހަތަރު މެންބަރުން ތިއްބަވާނެއެވެ. މި ބޯޑަށް މެންބަރުން ޢައްޔަންކުރާނީ ދެއަހަރު ދުވަހުގެ މުއްދަތަށެވެ.
ބޯޑަށް ކުރިމަތިލާ މެންބަރުންގެ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނަކަށް ވުމާއި، އިހަވަންދޫގައި ދިރިއުޅޭ މީހަކަށް ނުވަތަ އެ ރަށުގެ ރަށްވެއްސަކަށް ވުމާއި. ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި. ކައުންސިލްގެ މެންބަރަކަށް ނުވަތަ ކައުންސިލްގެ ދާއިމީ މުވައްޒަފަކަށް ނުވުން އަދި އެއްވެސް އުޖޫރައެއް ނުވަތަ އަގަކާ ނުލައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތަކަށް ވުން ހިމެނެ އެވެ.
މި ޝަރުޠުތައް ފުރިހަމަވާ، ބޯޑުގެ މެންބަރުކަމަށް ޝައުޤުވެރިވާ ޒުވާނުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ފޯމު ހުށަހެޅުމަށް ކައުންސިލުން އެދެއެވެ.





